އިސްލާމް ދީނަށް ފުރައްސާރަކުރާ ލިއުންތަކާއި ކުރެހުންތައް ފަތުރަމުން ދިޔަ ފޭސްބުކް ޕޭޖް "ޖުހާ" ބްލޮކް ކުރަން ފުލުހުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "މިހާރު" އަށް މިއަދު ވިދާޅުވީ އެ ޕޭޖް ބްލޮކް ކުރާނެ ކަމަށާއި އެ ފިޔަވަޅު އަޅަނީ އެ ޕޭޖްގެ ޝަކުވާ ފުލުހުންނަށް ބަޔަކު ހުށަހެޅުމުން ފުލުހުންގެ އިދާރާ އިން އެ ޕޭޖް ބްލޮކްކުރަން އެންގުމުން ކަމަށެވެ. އެފަދަ ޕޭޖްތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
"އިސްލާމްދީނަށް ފުރައްސާރަކޮށް، ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އުފައްދާ، މިކަހަލަ ކަންތައްތައް ކުރަން އަޅުގަނޑުމެން ޖާގައެއް ނުދޭނަން. މިކަހަލަ ޕޭޖްތައް ބްލޮކް ކުރަމުން ގެންދާނަން،" އަލީ ވިދާޅުވި އެވެ.
ޕޭޖް ހިންގި މީހާ ދެނެގަނެވިދާނެތޯ ދެންނެވުމުން އަލީ ވިދާޅުވީ އެ ތަހުގީގުކުރާނީ ފުލުހުން ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ ޕޭޖް ހިންގުން ނުހުއްޓުވިއްޖެ ނަމަ ކުރިމަތިވެދާނެ ނުރައްކާ ކަންތައްތަކުގެ އިންޒާރު ވެސް ފުލުހުން ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީ އަށް ލިޔުމަކުން އަންގައިފަ އެވެ. އެގޮތުން، އެ ޕޭޖާ މެދު އަވަހަށް ފިޔަވަޅު ނާޅައިފި ނަމަ، ދިވެހިންގެ މެދުގައި ނަފްރަތު އުފެދި، ގައުމުގައި ލޭ އޮހޮރުވުމެއް ހިނގައިދާނެ ކަމުގެ ބިރުވެރިކަން ފުލުހުން ފާހަގަކޮށްފައި ވެ އެވެ. އެހެންވެ، އެ ޕޭޖު ހިންގާ މީހާ ހޯދައި، ޕޭޖު ބްލޮކް ކުރުމުގެ މަސައްކަތް ކަމާއި ބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ކަން ކޮމިއުނިކޭޝަން މިނިސްޓްރީ އަށް ވަނީ އަންގައިފަ އެވެ.
ޖުހާގެ ނަމުގައި ހިންގާ ޕޭޖްގެ ޝަކުވާ އާއްމުން ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އެ ޕޭޖް ބްލޮކް ނުކޮށްގެން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނަމުން އައީ "ލާދީނީ މީހުންނަށް" ފާޑުކިޔާ ޕޭޖްތައް ބްލޮކް ކުރާއިރު ދީނަށް ފުރައްސާރަކުރާ ޕޭޖްތައް ބްލޮކް ނުކުރާ ކަމަށެވެ.
ސޯޝަލް މީޑިއާ ބޭނުންކޮށްގެން ނަފްރަތާއި އަނިޔާވެރިކަން ފެތުރުން ހުއްޓުވަން ފިޔަވަޅު އަޅުއްވާނެ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.