އަބްދުއްރަޝީދު (އަބްސީބެ) އެންމެ ފުރަތަމަ މެރެތަން ރޭހެއް ޖަހަން ދިމާކޮށްލި ދުވަހު ކަންވީ ގޮތަކީ ސްޕްރިންޓް ރޭހެއްގައި ދުވެލި ނަގާ ގޮތަށް ދުވަން ފެށުމުން ވަކިހިސާބަކުން ކުރިއަށްނުގެންދެވި ހުއްޓާލަން ޖެހުނީ އެވެ. އެއީ ނުވަދިހައިގެ ކުރީކޮޅެވެ. އެހިސާބުން މެރެތަން ރޭހެއް ޖަހަން އޭނާ ލައިނަށް ނޭރި ނަމަވެސް އައީ ގަވާއިދުން ދުވަމުންނެވެ. އެ މަސައްކަތަށް ހިތްވަރުދޭން، "ދި މެރެތަން ޝޮޕުން" އަބްސީބެގެ 60 ވަނަ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ދިނީ، އެއްކަލަ ފުރިހަމަނުކުރެވުނު މެރެތަން ރޭސް ޖަހާލުމުގެ ފުރުސަތެކެވެ. އޭގެ ބޭނުން ހިފައި ސްޓެންޑަޑް-ޗާޓާޑް ދުބާއީ މެރެތަންގައި މިއަދު އަބްސީބެ މިވަނީ އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް މެރެތަން ރޭހެއް ފުރިހަމަކޮށްފަ އެވެ. ވަރަށް ރަނގަޅު ޓައިމިންއެއްގަ އެވެ.

އަބްސީބެ ދުވެފައިވަނީ 4 ގަޑި 7:50 މިނެޓުންނެވެ. މިއީ މި އުމުރުގައި ދިވެއްސަކު މިހާތަނަށް ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ. ޖުމްލަ 42 ކިލޯމީޓަރު (މާލެ ވަށައި ނަމަ އަށް ބުރު) ޖަހަން ޖެހޭ މި ރޭސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމާލުމަކީ ގަވާއިދުން ދުވާ ޒުވާނުންނަށް ވެސް ކުރަން އުނދަގޫ ކަމެކެވެ.

އަބްސީބެގެ ޓައިމިންތައް:

ފަސް ކިލޯމީޓަރު (28:25 މިނެޓް)، 10 ކިލޯމީޓަރު (55:53 މިނެޓް)، 21 ކިލޯމީޓަރު (1 ގަޑި 55:59 މިނެޓް)، 42 ކިލޯމީޓަރު (4 ގަޑި 7:50 މިނެޓް).

އަބްސީބެ އެންމެ ފުރަތަމަ މެރެތަން ރޭހެއް ދުވަން ޝައުގުވެރިކަން އުފެދި ނުވަދިހައިގެ ކުރީކޮޅު މާލޭގައި ބޭއްވި ރޭހަށް ނުކުތީ އެއްވެސް ތަމްރީނެއް ނެތި، މިއީ ކިހިނެއް ދުވަންޖެހޭ އެއްޗެއް ކަމެއް ވެސް ނޭގި އެވެ. އެހެންވެ، އޭރު ގައުމީ ފެންވަރުގެ ދުވުންތެރިންނާއި ސިފައިން ހަމައެކަނި ބައިވެރިވާ އެ ރޭސް ފަށައިގެން މާ ބާރަށް ދުއްްވައިގަތުމުން ކުރިއަށް ނުދެވި ހުއްޓާލަން ޖެހުނީ އެވެ. އޭގެ ފަހުން މިދިޔަ އަށާވީހަކަށް އަހަރު އޭނާ ދުވަމުން ދިޔައީ އެކަނިމާއެކަނި، ކަސްރަތަށެވެ. އަބްސީބެގެ ނަސީބު އަތުގައި ހިފީ ދުވާ ސާމާނު ވިއްކާ ފިހާރަ "ދި މެރެތަން ޝޮޕް" ގެ ވެރިންނަށް އޭނާ ފާހަގަކުރެވުމުންނެވެ. އެ އުމުރުގައި ކުރާ ހިތްވަރުގެ އަގުވަޒަންކޮށް އެ ފިހާރައިން އަބްސީބެގެ ކިޓާއި ޓްރެއިނިން ސްޕޮންސާކުރީ އެވެ. އަދި އޭނާ އަށް ތަމްރީން ގައުމީ މިޑްލް ޑިސްޓެންސް ކޯޗެއް ކަމަށްވާ އަބްދުﷲ އިބްރާހިމް (އަބުޅޯ) ހަމަޖައްސައިދީނީ އެވެ.

އަބްސީބެ (ވ) އާއި އޭނާގެ ކޯޗު އަބުޅޯ.
އަބްސީބެ (ވ) އާއި އޭނާގެ ކޯޗު އަބުޅޯ.

އަބުޅޯގެ ތަމްރީންތަކާ އެކު އަބްސީބެ ހާފް މެރެތަން އަދި 10 ކިލޯމީޓަރު ރޭސްތަކުގައި ވާދަކޮށް ޓައިމިން ރަނގަޅުކުރި އެވެ. މިދިޔަ އަހަރު ފުވައްމުލަކުގައި ބޭއްވި މޯލްޑިވްސް ފުވައްމުލައް މެރެތަންގައި ހާފް މެރެތަން ރޭސް 1 ގަޑި 59 މިނެޓުން ނިންމައި ޖުމްލަ 30 ދުވުންތެރިންގެ ތެރެއިން ހަތަރު ވަނަ ހޯދި އެވެ. އެއީ ވެސް އޭނާގެ އުމުރާ ބަލާއިރު ވަރަށް ރަނގަޅު ޓައިމިން އެކެވެ. މިދިޔަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި 10 ކިލޯމީޓަރު ދުވީ 54:35 މިނެޓުންނެވެ. އެއީ އަދި މާ ރަނގަޅު ޓައިމިން އެކެވެ. ފާހާނާ އަށް ވެއްޓި ހާނިއްކައެއްވެ ދާދި ފަހުންވެ ޓްރެއިނިން މެދުނުކެނޑުނު ނަމަ 48 މިނެޓުން ދުވީސް ކަމަށް އޭނާ އޭރު ބުންޏެވެ. އެހިސާބުން މެރެތަން ޝޮޕުން އަބްސީބެގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ދުބާއީގައި މެރެތަނެއް ޖެހުމުގެ ފުރުސަތު ދިނީ އެވެ.

"އަޅުގަނޑުމެން އެހީ ކޮންކަމެއްތޯ ބޭނުންވަނީ. އަބްސީބެ ބުނީ މެރެތަންއެއް ރޭހެއް ޖަހާލުމަށް ކަމަށް ބޭނުންވަނީ. އެހެންވެ މިހިސާބުން އެންމެ ކައިރިން އެންމެ ރަނގަޅު ރޫޓެއްގައި ރޭސް ޖެހުމުގެ ފުރުސަތު އޮތީ ދުބާއީގައި ކަމަށް ވުމުން ދުބާއީ މެރެތަންގައި ދުވަން ދިއުމަށް ހުރިހާ ހަރަދެއް އަޅުގަނޑުމެން ދިނީ،" މެރެތަން ޝޮޕުގެ އޮފިޝަލަކު ބުންޏެވެ.

އުމުރުންދުވަސްވެފައިވުމާ އެކު އަބްސީބެ އެކަނިމާއެކަނި ރޫޓަށް ދޫކޮށްލަން ހިތްހަމަނުޖެހޭތީ ކޯޗު އަބުޅޯ ވެސް ގެންދިޔަ އެވެ. މިއަދުގެ ރޭހުގައި އަބުޅޯ ދެމުންދިޔަ ހިތްވަރާ އެކު އަބްސީބެ ފުރަތަމަ 35 ކިލޯމީޓަރު އޭނާގެ ޓާގެޓް ޓައިމިންގައި ދުވި އެވެ. އެއީ ހަތަރު ގަޑިއިރުގެ ތެރޭ ރޭސް ނިންމާލެވޭނެ ޓައިމިން އެކެވެ. އެކަމަކު ފަހު ހަތް ކިލޯމީޓަރުގައި، އުުމުރުގެ ގޮތުން ވަރުބަލިކަން ބޮޑުވެ ދުވެލި ލަސްވީ އެވެ. އެހެންވިޔަސް ހަތަރު ގަޑިއިރާ ހަތް މިނެޓުގެ ތެރޭ އަނިޔާއެއް ނުވެ އެ އުމުރުގައި މެރެތަނެއް ޖަހާލުމަކީ ވަރަށް ބޮޑު ކާމިޔާބެކެވެ.

މިދިޔަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭހަށް ފަހު އަބްސީބެ މެޑަލް ދައްކާލަނީ. --ފޮޓޯ: ހުސައިން ވަހީދު/ މިހާރު
މިދިޔަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭހަށް ފަހު އަބްސީބެ މެޑަލް ދައްކާލަނީ. --ފޮޓޯ: ހުސައިން ވަހީދު/ މިހާރު

"އަޅުގަނޑުމެން އަބްސީބެ އަށް މި ދިން ފުރުސަތުގެ ބޭނުމަކީ ޒުވާނުންނާއި އުމުރުންދުވަސްވީ މީހުންނަށް ވެސް ހިތްވަރެއް ދިނުން. އެ އުމުރުގައި އޭނާ އެ ހިތްވަރުކުރަންޏާ އެހެން މީހުންނަށް ވެސް ނުވާންވީ ސަބަބެއް ނެތް. އަބްސީބެ ނަމޫނާއަކަށް ނަގައިގެން ޒުވާނުން ވެސް، ހުރިހާ އުމުރެއްގެ މީހުން ވެސް ގަވާއިދުން ހެލިފެލިވެ އުޅެ ކަސްރަރުކުރުން މުހިއްމު،" މެރެތަން ޝޮޕުގެ އޮފިޝަލް ބުންޏެވެ.

ފިނޭންސް މިނިސްޓްރީގައި ވަޒީފާއަދާކުރާ އަބްސީބެ ބުނާ ގޮތުގައި ނުދުވާ ހަނދާނެއް އޭނާގެ ނެތެވެ. އޭރު ދުވަނީ ވަކި އުސޫލަކުން ނޫނެވެ. އެކަމަކު މެރެތަން ޝޮޕުން ދިން ފުރުސަތުގައި ކޯޗެއްގެ ތަމްރީން ލިބި ދުވަން ފެށުމުން ހުރިހާ ކަމެއް ވެސް ތަފާތުވި ކަމަށް ބުންޏެވެ. ތަމްރީންތައް ލިބެން ފެށިތާ ފަސް ވަރަކަށް މަސް ތެރޭ އޭނާ އެ ހާސިލްކުރީ، މީގެ އަށާވީހަކަށް އަހަރު ކުރިން ކުރަން ބޭނުވި އެކަމަކު ނުކުރެވި އޮތް ކަމެކެވެ.