މަގުގެ އެއް ފަޅީގައި އިދިކޮޅު ޕާޓީގެ ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު ފުރިހަމައަށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހިތްވަރު ގަދަކަމާއި ކެތްތެރިކަން އަންގައިދޭ ކަމެއް ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ތައުރީފުކުރެއްވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ކެމްޕޭން ޖަލްސާއާ ދިމާކޮށް، ޕީޕީއެމުން ރޭ ވަނީ އެމްޑީޕީގެ ހަރުގެ ކުރިމަތީގައި މުޒާހަރާކޮށްފަ އެވެ.

މަގުތަކުގައި ކުރިން ހިނގާލުން ބޭއްވިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި ރޭ އަޑުއުފުލުން ބޭއްވީ އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. އެކަމާ ގުޅިގެން، އަދާލަތު ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިދިކޮޅު ޕާޓިގެ ޖަލްސާއެއް މަގުގެ އަނެއް ފަޅީގައި ބާއްވަން ޖާގަ ދިނުމަކީ، ހަމަހަމަ ފުރުސަތު ދީގެން މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ރައީސްގެ ކިބައިގައި ހުރި މިންވަރު އަންގައިދޭ ކަމެއް ކަމަށެވެ.

މިއީ ޕީޕީއެމްގެ ވެރިކަމެއް ނަމަ އެ ފުރުސަތެއް ނުލިބޭނެ ކަން އެ ޕާޓީގެ ބޭފުޅުން ވެސް ގަބޫލުކުރައްވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"ހަމަ ޔަގީނުން ވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ވަސްފޯރާ ހިސާބެއްގައި ވެސް އިދިކޮޅު ބަޔަކު ޖަލްސާއެއް ބާއްވަން ފުރުސަތު ނުދެއްވާނެކަން ޕީޕީއެމް ބޭފުޅުން ވެސް ގަބޫލުފުޅު ކުރައްވާނެ." އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން ކުރެއްވި އެހެން ޓްވީޓެއްގައި އިމްރާން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއާ އެ ޕާޓީއާ ސީދާ ގުޅުން ނެތަސް ގައުމީ މަސްލަހަތަށް ގުޅުން ހުރި ގިނަ ކަންކަން ޕްރައިމަރީގެ ފަހަތުގައި އެބަހުރި ކަމަށެވެ. އެހެންވެ، އެ ޕާޓީގެ ހުރިހާ މެމްބަރުން ވެސް އެކަމަށް ފުންކޮށް ވިސްނުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީ ކުރިއަށް" ނަމުގައި ގެންދިޔަ ރޭ ކުރިއަށްގެންދިޔަ ކެމްޕެއިން ޖަލްސާ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ސިފަކުރެއްވީ ތާރީހީ ރެއެއްގެ ގޮތުގަ އެވެ.

އެކަމަނާ ވެސް ވިދާޅުވީ ރޭ ފެނިގެން ދިޔައީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައި އޮތް މިންވަރު ކަމަށެވެ. "ޕީޕީއެމް އާއި އެމްޑީފީން އެއް ތަނެއްގައި ދެ ޕާޓީގެ ޖަލްސާ ބޭއްވި ރެއެއް. ނަމަވެސް، އެއްވެސް ހަމަނުޖެހުމެއް ނުހިންގާ. ބާރުގެ ބޭނުންކޮށް އިދިކޮޅުގެ ޖަލްސާއަށް ހުރަހެއް ނާޅާ. ނުހުއްޓުވާ، މީހަކު ހައްޔަރެއް ނުކުރޭ،" ފަޒްނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދެއްކެވި ވަގުތު، ޕީޕީއެމުން ގެންދިޔައީ ޔާމީން މިނިވަންކުރަން އަޑުހަރުކޮށް ގޮވަމުންނެވެ. ދެ ޕާޓީގެ ސިޔާސީ ހަރަކާތް ކުރިއަށް ގެންދެވޭ ގޮތަށް ފުލުހުން ގެންދިޔައީ ސެކިއުރިޓީ ބަލަހައްޓަމުންނެވެ.