އެއް ފަޅެއްގައި، ޖެހިގެން އޮންނަ ކުޑަދޫއާ ފާލަމަކުން ގުޅައި ނިންމާލައިފި އެވެ. ދެން އޮތީ ދެ ވަނަ ފިޔަވައްސެވެ. މިއީ، ތ. ކިނބިދޫ ކައުންސިލުން ގަބޫލުކުރާ ގޮތުގައި، މި ރަށުގައި ޓޫރިޒަމް ފުޅާކޮށް، އިގުތިސޯދު ކުރިއަރުވައި އެއަށް ދިރުން ގެނައުމުގެ އެންމެ މުހިއްމު އެއް މަސައްކަތެވެ.
ގާތްގަނޑަކަށް 110 މީޓަރުގެ ދުރުމިން (0.11 ކިލޯ މީޓަރު) ހުރި ދެ ރަށް، ރުއް ބުޑު ބޭނުންކޮށްގެން ހެދި ފާލަމުން ގުޅާލުމުގެ 99 ޕަސެންޓް ނިންމާލައިފި އެވެ. ކައުންސިލުން އިސްނަގައިގެން މީގެ އަހަރެއް ކުރިން ފެށި މަސައްކަތުގައި އުޅުނީ އެ ތަނުގެ މުވައްޒަފުންނާއި ރަށުގެ ޒުވާނުންނެވެ.
އެ ދެ ރަށް ގުޅުވާލައި މިހާރު އިތުރަށް ކުރަން ހުރީ، ދެ ފަރާތް ބެއްދުމާއި ފާލަމުގެ މެދު ތެރޭގައި ހަޓެއް ހެދުމެވެ.
އެ މަސައްކަތް ކުރަމުންދާއިރު، މި ރަށު ކައުންސިލުން އަންނަނީ 1.5 ހެކްޓަރުގެ ކުޑަދޫގައި ސިޓީ ހޮޓެލްގެ ކޮންސެޕްޓަށް ގެސްޓް ރޫމްތައް ހަދާނެ ގޮތްތައް ކުރަހަމުންނެވެ.
ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސެއިން ވިދާޅުވީ ޓޫރިޒަމްގެ ވިޔަފާރިއަށް ވަނުމަށް ކުންފުންޏެއް ރަޖިސްޓްރީކުރަންޖެހޭ ކަމަށެވެ. އެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އޭރުން، ބޭންކުން ލޯނު ލިބި، އެ މަޝްރޫއު ކުރިއަށްގެންދެވޭނެ މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ ކުޑަދޫ ތަރައްގީކުރުމަށް ދެ ގޮތެއް އެބައޮތް ކަމަށެވެ. ފުރަތަމަ ގޮތަކީ، ކައުންސިލުން ލޯނު ނަގައި، ރަށުގެ ބަޔަކާ ގުޅިގެން އެ ތަން ހެދުމެވެ. އެ ފުރުސަތު ފަހިނުވާނަމަ، ދެން އޮތް ގޮތަކީ، ކިނބިދޫ ކައުންސިލުން ބުނިގޮތުގައި، ރަށުގެ ބަޔަކާ ހަވާލުކޮށްގެން ގެސްޓު ރޫމްތައް ހެދުމެވެ. ނަމަވެސް، ކުޑަދޫ ތަރައްގީކުރަން ޖެހޭނީ ކައުންސިލްގެ ޑިޒައިނަށެވެ.
"މިހާރު ޕްލޭނަކީ ރަށް ދެމެދުން ފަޅާލައި، ފަތުގެ ޑިޒައިނަށް، އެއް ފަޅީގައި ގެސްޓު ރޫމްތައް ހަދާފައި ކުއްޔަށް ދިނުން. މޫދު ސައިޑުގައި ވިލާތައް ހުންނާނެ. ދުވަހު އަދި މަހު ކުއްޔަށް އެ ތަންތަން ދެވޭނެ." އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ތަނުގައި ރެސްޓޯރެންޓާއި ފްރޮންޓު އޮފީސް ހުންނާނެ ކަމަށެވެ.
އާބާދީގައި 1،400 މީހުން ހިމެނޭ ކިނބިދޫގައި މި ވަގުތު އެއް ގެސްޓު ހައުސް ހިންގަ އެވެ. އޭގެ އިތުރަށް، ގެސްޓުހައުސް ހިންގަން ހަ ބިމެއް ވަނީ ކުއްޔަށް ދީފަ އެވެ. އެ ތަންތަނުގައި އަމަލީ މަސައްކަތް ކުރަމުން އަންނައިރު، އެއާއެކު، ކުޑަދޫ ތަރައްގީވެގެން ދިއުމަކީ އެ ރަށުގެ ލޯކަލް ޓޫރިޒަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ކައުންސިލުން ގަބޫލުކުރެ އެވެ.