ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީ ގެނެވެން އޮތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް/ ޕީއެންސީއަށް ލިބިގެން ކަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ރަށުގެ އާބާދީގެ ނިސްބަތުން އެންމެ ގިނަ ވޯޓު ޑރ. މުއިއްޒަށް ލިބިވަޑައިގަތް، ތ. ގުރައިދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ގުރައިދޫގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓަކަށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ކޮންމެ ރަށަކުން ވެސް އިސްކަންދޭންވީ އެރަކަށް ތަރައްގީ ގެނެވޭނެ ގޮތަކާ މެދު ކަމަށެވެ. އެހެންވެ، ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ މުއްއިޒުގެ ސަރުކާރާ އެކު ކުރިއަށް ދިއުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ގުރައިދޫއަކީ މި ފިކުރުގައި މުޅި ރާއްޖެއިން އެއް ވަނައަށް ހޮވާލެވޭ ރަށް... އަޅުގަނޑުމެންގެ އެކަކު ވެސް ނުވާނެ އަޅުގަނޑުމެންގެ އަމިއްލަ ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ވުރެ އެހެން ކަމަކަށް އިސްކަން ދޭކަށް. ތަރަައްގީއަށް ހުރަސް އެޅޭ ވިސްނުމަކަށް ޖާގަ ދެވޭ ކަމަށް ވަންޏާ އެ ނިކަމެތިކޮށްލެވެނީ އަޅުގަނޑުމެންގެ އަމިއްލަ ރަށުގެ ތަރައްގީ. އެ ހުރަސް އެޅެނީ ދަރިންގެ މުސްތަގުބަލަށް،" ގުރައިދޫގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ރައީސް ގެންދަވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވަމުން ކަމަށެވެ.
"އެމަނިކުފާނާ ތިޔަ ބޭފުޅުން ހަވާލުކުރެއްވި މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އަދި ތިޔަބޭފުޅުން އެއް ކަމެއް ކޮށްދެއްވާ. އެއީ ކުރިއަށް އޮތް މަޖިލީހުގައި ދިވެހިންގެ ރާއްޖެއަށް ފުރުސަތު ހޯދައިދިނުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ދިވެހިންގެ ރާއްޖެ" އަކީ މަޖިލިސް އިންތިހާބަށް ސަރުކާރުން ގެންގުޅޭ ސްލޯގަން އެކެވެ.
"އޭރުން ރައީސް މުއިއްޒު ގައުމަށް ގެންނަން ބޭނުންވާ ތަރައްގީ ފަސޭހަކަމާ އެކު ގެނެވޭނީ."
އަބްދުއްރަހީމް ވިދާޅުވީ ރައީސް ބޭނުންފުޅުވާ ތަރައްގީ ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ތެރެއިން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އޭގެ ތެރޭގައި އިތުރު ގާނޫނުތައް ހެދުމާއި މިހާރު ހުރި ގާނޫނުތަކަށް ބައެއް ބަދަލުތައް ގެނައުން ފަދަ ކަންކަން އެބަ ހުރި ކަމަށް ވިދާޅުވި އެވެ.
"އެ މަސައްކަތްތައް ފަސޭހަކަމާ އެކު ކުރެވޭނީ ދިވެހިންގެ ރާއްޖެއަށް ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތެއް ލިބިގެން."
އޭނާ ވިދާޅުވީ މަޖިލީހަކީ ރައްޔިތުން ބަލައިގަންނަ އަދި ރައްޔިތުންގެ ލޯތްބާއި އިހުތިރާމް އޮންނަ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. އެތަނުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކަކަށް ހަދަން ޖެހޭ ކަމަށާއި އެކަން ކުރެވެން އޮތީ ޕީޕީއެމް/ ޕީއެންސީއަށް ފުރުސަތު ދެއްވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އޭރުން ރަށްރަށުގެ މެދުގައި އެއްވެސް ތަފާތެއް ނެތި ތަަރައްގީ ގެނެސްދެއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަންނަ މާޗު މަހުގެ 17 ގައި ބާއްވަން އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން އޭނާ އެދިވަޑައިގަތްއިރު މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުގައި މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީއަށެވެ. އެހެންވެ ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ކަންކަން ކުރަން ވަނީ އުނދަގޫވެފަ އެވެ.
މި ފަހުން ވަނީ ރައީސް އައްޔަންކުރެއްވި ތިން ވަޒީރަކަށް ރުހުން ދޭން ވެސް މަޖިލީހުން ދެކޮޅު ހަދައިފަ އެވެ. އެކަމަކު ހަމަ އެ ދުވަހު ސަރުކާރުން އަލުން ވަނީ އެ ތިން ވަޒީރުންނަށް އަލުން މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ.
ރައީސް، މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނު ރަށަށް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ، ވައުދުފުޅު ފުއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ އަތޮޅުގެ 11 ރަށަކަށް ވަޑައިގެން، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަދި އާއްމުންނާ ބައްދަލުކުރައްވާނެ އެވެ.