ޝަރީއަތުގައި ހެކިބަސް ނެގުމުގެ އާންމު އުސޫލަކީ ހެކިވެރިޔާއަކީ ކާކުކަން ނުވަތަ ކޮން ބައެއްކަން އެ މައްސަލައިގެ ދެ ފަރާތަށް ވެސް އެނގިގެން ހެކިބަސް ނެގުމެވެ. ބޭނުމަކީ ވީހާ ވެސް ބޮޑަކަށް ދެ ފުށް ފެންނަ ގޮތެއްގައި އަދި އިންސާފު ގާއިމްކުރެވޭކަން ކަށަވަރުކޮށް ދިނުމެވެ. ގާނޫނުން އިސްތިސްނާ ނުކުރާ ނަމަ މިއީ ރާއްޖޭގައި ވެސް އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެވެ.

އެކަމަކު މި އުސޫލުން އިސްތިސްނާ ވަނީ މައްސަލައިގެ ބާވަތަށް ބަލައި، އިންސާފު ގާއިމް ކުރުމަށްޓަކައި ނުވަތަ ހެކިވެރިޔާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި ކޮންމެހެން ހެކިވެރިޔާ ސިއްރު ކުރަން ޖެހޭ ޖެހުމެވެ. މިކަން ރާއްޖޭގައި ވެސް ކުރެއެވެ.

ހެކިވެރިޔާއަކީ ކާކުކަން ނޭނގޭ ގޮތަށް، ޝަރީއަތުގެ މަޖިލީހާ ވަކިން އެހެން ތަނެއްގައި ބައިންދައިގެން އަދި އަޑު ބަދަލުކޮށްގެން ފުރަތަމަ ފަހަރަށް ހެކިބަސް ނެގީ 2011 ވަނަ އަހަރު ކްރިމިނަލް ކޯޓުންނެވެ. އެގޮތަށް ހެކިބަސް ނަގަން ފެށީ ނުރައްކާތެރި ކުށުގެ މައްސަލަތަކުގައި ހެކިންނަކީ ކޮން ބައެއްކަން ދައުވާ ލިބޭ މީހުންނަށް އެނގުމުން އެ މީހުންގެ ފަރާތުން ހެކިވެެރިންނަށް އިންޒާރުތަކާއި އެކި ނުފޫޒުތައް އަންނާތީ އެވެ. އޭގެ ސަބަބުން ހެކިވެރިން ތެދު ބަހުން ހެކިބަސް ދޭން ޖެހިލުންވެ، ކޯޓުގައި ހެކިބަސް ބަދަލު ކުރުން އާންމު ކަމަކަށް އޭރު އޮތީ ވެފަ އެވެ. ބޮޑެތި ޖިނާއީ މައްސަލަތައް ސާބިތުނުވެ ދިއުމުގެ އެންމެ ބޮޑު ސަބަބަކަށް އޭރު އޮތީ އެކަމެވެ. ސިއްރުން ހެކިބަސް ނަގަން ފެށީ އެ ސަބަބާ ހެދި އެވެ.

ހެކިވެރިޔާގެ ހެކިބަސް ސިއްރުން ނެގުމުގެ އިތުރުން ތަހުގީގު ބަޔާންތަކުގައި، އެ ހެކިވެރިޔާއަކީ ކާކުކަން ހާމަވާ ހުރިހާ މައުލޫމާތެއް ވެސް، ދައުވާ ލިބޭ މީހާއަށް ކޯޓުން ދޭ ލިޔުންތަކުގައި އުނިކުރާނެ އެވެ. އަދި ހެކިވެރިޔާގެ އައިޑެންޓިޓީ ހާމަވާ ފަދަ ސުވާލުތައް ކޯޓުގައި ކުރުން ވެސް މަނާވާނެ އެވެ. އާންމުކޮށް، ހެކިވެރިން ސިއްރު ކުރަނީ ދައުލަތުން އެދިގެންނެވެ. ކުށުގެ ވެށްޓަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު ނުރައްކާތެރި އަދި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގުމަކީ މުހިންމު ކަމެކެވެ.

އެކަމަކު މިހާރަކަށް އައިސް ބައެއް މައްސަލަތަކުގައި ހެކިބަސް ސިއްރު ކުރަނީ ކޮންމެހެން އެކަން ކުރަން ޖެހިގެންތޯ މިއީ އުފައްދަން ޖެހޭ ސުވާލެކެވެ. ހެކިވެރިޔާ ސިއްރު ކުރަން ނުޖެހޭ ފަދަ މައްސަލައެއްގައި ވެސް ސިއްރުކޮށްފާނެ އެވެ. ހެކިވެރިޔާ ސިއްރު ކުރިޔަސް ހެކިވެރިޔާއަކީ ކާކުކަން ދައުވާ ލިބޭ މީހާއަށް ފާހަގަވާނެ ކަން އެނގި ތިބެ ވެސް ހެކިވެރިޔާ ސިއްރުކޮށްފާނެ އެވެ. ބައެއް މައްސަލަތަކުގައި ހެކިން ސިއްރު ކުރަނީ ކޮންމެހެން އެކަން ކުރަން ޖެހިގެންނެއް ނޫނެވެ. ޚާއްސަކޮށް ސިޔާސީ ބޮޑެތި ބޭފުޅުންގެ ޝަރީއަތްތައް ހިންގިއިރު މި މަންޒަރު ފެނުނެވެ. ފާހަގަކުރަން މި އުޅޭ މައްސަލައަކީ މިއީ އެވެ.

ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގުމަކީ އޭގެ ޒާތުގައި މުހިންމު ކަމެކެވެ. ދައުވާ ލިބޭ މީހުންގެ ފަރާތުން ހެކިވެރިންނަށް އިންޒާރުތަކާއި އެކި ނުފޫޒުތައް ކުރިމަތިވުމަށް ވަރަށް ބޮޑު ހައްލެއް އެކަމުން އަންނާނެ އެވެ. އެކަމަކު މައްސަލައަކީ ސިއްރުން ހެކިބަސް ނެގުމުގައި ބައެއް ފަހަރު އަމަލުކުރާ ގޮތުންނެވެ.

މީހަކު ހައްޔަރުކޮށް ގެންދަނީ: ޖިނާއީ މައްސަލަތަކުގަައި ހެކިން ސިއްރުކުރަން ފެށީ ހެކިންނަށް ނުފޫޒު ފޯރުވާތީ.-- ފޮޓޯ: ޕޮލިސް
މީހަކު ހައްޔަރުކޮށް ގެންދަނީ: ޖިނާއީ މައްސަލަތަކުގަައި ހެކިން ސިއްރުކުރަން ފެށީ ހެކިންނަށް ނުފޫޒު ފޯރުވާތީ.-- ފޮޓޯ: ޕޮލިސް

ހެކިވެރިޔާއަކީ ކާކުކަން ދައުވާ ލިބޭ މީހާއަށް އެނގޭނެ ކަން އެނގޭއިރު ވެސް ހެކިވެރިޔާގެ ހެކިބަސް ސިއްރުން އެބަ ނަގަ އެވެ. މިސާލެއް ފާހަގަކޮށްލާނަމެވެ.

ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި ބޮމެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާކޮށް ހިންގި ޝަރީއަތުގައި، ބޮން ހެދި މީހާގެ ހެކިބަސް ސިއްރުން ނެގި އެވެ. އެ މީހާ ބުނާ ގޮތުން ބޮން ހަދަން އޭނާ އަށް އެންގީ ސީދާ އަދީބެވެ. އަދި އެކަމާ ގުޅޭ އެކި ވާހަކަތައް ސީދާ އަދީބާ ދެއްކި ކަމަށް އެ މީހާ ބުނެ އެވެ. އެހެންވެ، އެއީ ކާކުކަން ސިއްރު ކުރިޔަސް އެއީ ކާކުކަން އަދީބަށް ރަނގަޅަށް އެނގޭނެ އެވެ. އެހެންވީއިރު ކާކުކަން ސިއްރުކޮށް ހެކިބަސް ނެގުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟.

މިނޫނަސް އެތައް މައްސަލައެއްގައި މިގޮތަށް ވެފައި އެބަ ހުއްޓެވެ. މަސްތުވާތަކެތި އެތެރެ ކުރުމުގެ ބައެއް މައްސަލަތަކުގައި އެކަމުގެ އަޑީގައި ހުރި މީހާއާ ދެކޮޅަށް ހެކި ހޯދަން، އެ ތަކެތި އެތެރެކުރި މީހާގެ ހެކިބަސް ނަގާއިރު ސިއްރުން އެބަ ހެކިބަސް ނަގަ އެވެ. އެފަދަ މީހެއްގެ ބަސް ކިތަންމެ ސިއްރުން ނެގިޔަސް އެއީ ކާކުކަން ދައުވާ ލިބޭ މީހާއަށް އެނގޭނެ ކަން ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކަށް އެނގޭނެ އެވެ.

ސިއްރުން ހެކިބަސް ނެގުމާ ބެހޭ ގޮތުން ހައި ކޯޓުން 2013 ގައި ނިންމާފައިވަނީ ޖިނާއީ މައްސަލައެއްގެ ބާވަތާއި ވަށައިގެންވާ ކަންކަމަށް ބެލުމަށް ފަހު، ހެކިބަސް ދެނީ ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ނެގިދާނެ ކަމަށެވެ. އެކަމަކު އެކަން އެގޮތަށް ކުރުމުގައި، ބައެއް ކަންކަމަށް ކޯޓުން ބަލަން ޖެހޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެގޮތުން ސިއްރުން ހެކިބަސް ދޭ މީހާއަކީ ހެކިން ކިބައިގައި ހުރުން ލާޒިމްވާ ޝަރުތުތައް ފުރިހަމަ ވާ މީހެއްތޯ އާއި އަދި އެއީ ހެކިވެރިންގެ ގޮތުގައި އެ މީހުންގެ ބަސް ޝަރީއަތަށް ބަލައިގަނެވޭ ފަދަ ނަޒާހަތްތެރި ބައެއް ކަން ކޯޓުން ކަށަވަރުކުރަން ޖެހޭނެ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ. އެކަމަކު ގިނަ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނަގާއިރު މިކަންކަން އެންމެ ރަނގަޅަށް ކަށަވަރުވޭތޯ ސުވާލު އުފެދޭ ގޮތަށް ކަންކަން ހިނގަ އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް އުފެއްދި މައްސަލާގައި 17 އަހަރަށް ޖަލަށް ލާފައިވާ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްސަލާގައި ނިހާނާ ދެކޮޅަށް ސިއްރުން ހެކިބަސް ދިން މީހުންގެ ތެރޭގައި ސިޔާސީ މަގާމެއްގައި ތިބި ބަޔަކު ހެކިބަސް ދިން ކަމަށް ނިހާންގެ ވަކީލުން އިސްތިއުނާފް މަރުހަލާގައި މިދިޔަ ހަފުތާގައި ވަނީ ފާހަގަކޮށްފަ އެވެ.

ނިހާންގެ ފަރާތުން އެ ކުރާ ތުހުމަތަކީ ހަގީގަތެއް ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ސަބަބަކީ އެއީ ސިޔާސީ މަގްސަދެއްގައި ސައްހަ ނޫން ކޯޓު އަމުރެއް ހަދައިގެން ރައީސް ޔާމީން ހައްޔަރު ކުރަން އުޅުނު މައްސަލައެއް ކަމަށް ވެފައި އެ މައްސަލާގައި ދައުވާ ލިބޭ މީހަކާ ދެކޮޅަށް ސިޔާސީ ބަޔަކު ހެކިބަސް ދީފައި އޮތް ނަމަ އެ ހެކިންގެ އަދުލުވެރިކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ލިބެ އެވެ. އެ ހެކިންގެ ބަހަށް ކޯޓުން ރިއާޔަތްކޮށްފައި އޮތް ނަމަ އެ މައްސަލައާ މެދު ޝައްކުގެ ނަޒަރުން ބެލުމަށް އެ އޮތީ ފުރުސަތު ހުޅުވިފަ އެވެ.

ސިއްރު ހެކިބަސް ނެގުމާ ގުޅޭ ގޮތުން ދިފާއީ ގިނަ ވަކީލުން ފާހަގަކުރާ އެންމެ ބޮޑު މައްސަލައަކީ ހެކިވެރިޔާގެ މައުލޫމާތު ސިއްރުކޮށްފައި އޮތުމުން އެ ހެކިވެރިންގެ ތެދުވެރިކަން ނުވަތަ އެއީ ވަކި ފަރާތަކަށް ނުޖެހޭ ބައެއް ކަން އެންމެ ރަނގަޅަށް ކަށަވަރު ނުވުމެވެ.

ހެކިބަސް ދިނުން މަނާކުރާ ފަދަ ކުށެއް ކުރިކަން ހެކިވެރިޔާގެ މައްޗަށް ސާބިތުވެފައި އޮތްތޯ ނުވަތަ ނޫންތޯ ކޯޓުގެ އިސް ނެގުމަށް ބެލުނަސް އެ ހެކިވެރިޔާގެ އަސްލު ވަނަވަރު ދައުވާ ލިބޭ މީހާއަށް ނޭނގުމުން ހެކިވެރިޔާގެ ނަޒާހަތްތެރިކަން ކަށަވަރު ނުކުރެވޭ ކަން ވަކީލުން ފާހަގަކުރައްވަ އެވެ.

"ސިއްރުން ހެކިބަސް ދޭ މީހާއަކީ ޒާތީ ހަސަދައެއް އޮތް މީހެއް ކަމަށް ޝައްކު ކުރެވޭ މައްސަލަތައް އެބަ ހުރި. ގާޒީއަކަށް ނުވަތަ ކޯޓަކަށް ނޭނގިދާނެ އެ ދެ މީހުންގެ ދެމެދުގައި ކިތަންމެ ބޮޑު މައްސަލައެއް އޮތަކަސް. ކޯޓަށް ހަމައެކަނި ބެލޭނީ ހެކިވެރިޔާއަކީ ކުށެއް ސާބިތުވެފައި އޮތް މީހެއްކަން ނުވަތަ ނޫންކަން،" ޖިނާއީ ބޮޑެތި މައްސަލަތަކެއްގައި ވަކާލާތު ކުރެއްވި ވަކީލަކު ވިދާޅުވި އެވެ.

"ހަމައެކަނި ކުށެއް ސާބިތުވެގެނެއް ނޫން ހެކިބަސް ގަބޫލު ނުކުރެވޭނީ. ދެ މީހުންގެ ދެމެދުގައި އޮތް އަމިއްލަ ނުވަތަ އެހެން ވެސް މައްސަލައަކާ ހެދި ވެސް ހެކިބަސް ގަބޫލު ނުކުރެވޭ ސަބަބެއް އޮވެދާނެ. އެކަން ބެލޭކަށް ނެތް މިހާރު އޮތް ގޮތުން."

އޭގެ މިސާލެއްގެ ގޮތުން އޭނާ ފާހަގަ ކުރެއްވީ 2007 ގައި ފުލުހުންގެ ބަންދުގައި ހުރި މީހެއްގެ ގައިގައި ޖެހި ކަމަށް ބުނެ ފުލުހަކަށް ކުރި ދައުވާ އެވެ. އެ ދައުވާ ފުލުސް މީހާގެ މައްޗަށް ސާބިތުނުވީ އޭނާއާ ދެކޮޅަށް ހެކިބަސް ދިނީ އަނިޔާ ލިބުނު މީހާއާ އެކު ފުލުހުންގެ ބަންދުގައި ތިބި ބަޔަކަށް ވުމެވެ. އެހެންވެ، ހައި ކޯޓުން ވެސް އަދި ދަށު ކޯޓުން ވެސް ނިންމީ އެފަދަ ބައެއްގެ ހެކިބަސް އެ ފުލުސް މީހާއާ ދެކޮޅަށް ބޭނުން ނުކުރެވޭނެ ކަމަށެވެ.

"އެ މީހުންނަކީ ކުށް ސާބިތުވެފައި ތިބި ބައެއް ނޫން އޭރު. އެކަމަކު ކޯޓުން ނިންމީ އެ މީހުން އެ ފުލުސް މީހާއާ މެދު ނުރުހުން ނުވަތަ ހިތްހަމަ ނުޖެހުން އޮންނާނެތީ އެ މީހުންގެ ބަސް ގަބޫލު ނުކުރެވޭނެ ކަމަށް. އެއިން ވެސް އެއޮތީ ސާފުކޮށް ފެންނަން ހަމައެކަނި ކުށެއް ސާބިތުވެފައި ތިބިތޯ ބަލައިގެނެއް ނޫން ކަން ހެކިވެރިންގެ ތެދުވެރިކަން ކަށަވަރު ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު މައްސަލައިގެ ބާވަތަށް ބަލައި، ކޮންމެހެން ހެކިވެރިން ސިއްރުކުރަން ޖެހޭ މައްސަލަތަކުގައި އެކަން ކުރުން ރަނގަޅު ކަމަށް އެ ވަކީލް ވެސް އެއްބަސްވެެ އެވެ. އޭނާ ފާހަގަކުރާ މައްސަލައަކީ ސިއްރުން ހެކިބަސް ނެގުމުން ދައުވާ ލިބޭ މީހާއަށް ނުހައްގު އަދަބެއް ލިބުމަށް ބޮޑު ފުރުސަތެއް އޮތްއިރު، އެކަން މާ ބޮޑަށް އާންމު ވުމެވެ. ނުވަތަ ކޮންމެހެން ސިއްރު ކުރަން ނުޖެހޭ މައްސަލަތަކުގައި ސިއްރު ކުރުމެވެ.

ހެކިން ސިއްރުކުރާ ގިނަ މައްސަލަތަކުގައި މިހާރަކަށް އައިސް އެކަން ކުރަނީ ހެކިވެރިޔާ އެގޮތަށް އެދުމުންނެވެ. ސިއްރުން ހެކިބަސް ނަގާ މައްސަލަތަކުގައި އާންމުކޮށް ހެކިވެރިން ހެކިބަސް ދޭން އެއްބަސްވަނީ ސިއްރުން ހެކިބަސް ދެވޭ އިންތިޒާމް ހަމަޖައްސަން ޝަރުތުކޮށްފަ އެވެ. ތަހުގީގު މަރުހަލާގައި ނުވަތަ ދައުވާ ކުރާ މަރުހަލާގައި ޕީޖީ އޮފީހުގައި ހެކިވެރިޔާ އެގޮތަށް އެދުމުން އެކަމަށް އެއްބަސްވެ، ދެ ފަރާތުން "ޑީލަކަށް" އަންނަނީ އެވެ.

ނަމަވެސް ކޮންމެ ކޮންމެ މައްސަލައެއްގައި ހެކިވެރިއަކު އެގޮތަށް އެދޭ އިރަށް އޭނާގެ މައުލޫމާތު ސިއްރުކޮށް، ސިއްރުން ހެކިބަސް ނެގޭ ގޮތް ހަމަޖައްސަންވީތޯ ނުވަތަ ސިއްރުން ހެކިބަސް ނެގުމާ ނުނެގުން ހެކިވެރިޔާގެ އަތްމައްޗަށް ދޫކޮށްލާފައި އޮތުމަކީ ވިސްނަން ޖެހޭ ކަމެކެވެ. ހެކިވެރިޔާ އެގޮތަށް އެދޭއިރަށް ކޮންމެ މައްސަލައެއްގައި ހެކިބަސް ސިއްރުކޮށް ދިނުމަކީ ދޮގު ހެކިބަސް ދިނުން ފަދަ ކަންކަން އިތުރުވާނެ ސަބަބެއް ކަން ވަކީލުން ފާހަގަކުރައްވަ އެވެ.

"ބޮޑެތި އަދި ނުރައްކާތެރި މައްސަލަތަކުގައި ސިއްރު ކުރާ ނަމަ ކުރަންވީ. އެކަމަކު ހަމަ ކޮންމެ ކޮންމެ މައްސަލައެއްގައި ވެސް ހެކިވެރިން އެގޮތަށް އެދޭ އިރަށް ސިއްރުން ހެކިބަސް ނަގަންވީތޯ މިއީ ކުރަން ޖެހޭ ސުވާލެއް. ދައުވާ ލިބޭ މީހާގެ މަސްލަހަތަށް ވުރެ ހެކިވެރިޔާގެ މަސްލަހަތު ވަކިން ބޮޑުވެގެން ނުވާނެ ކަމަށް އަޅުގަނޑު ދެކެނީ. ހެކިވެރިޔާ އެދުނަސް އެ މައްސަލައެއްގެ މެރިޓަށް ބަލާފައި އެގޮތަށް ހެކިން ސިއްރު ކުރަންވާނީ،" އެ ވަކީލް ވިދާޅުވި އެވެ.

ޖިނާއީ މައްސަލަތަކަކީ މީހުންގެ ހައްގުތަކާ ގުޅިފައިވާ ވަރަށް ނާޒުކު މައްސަލަތަކެކެވެ. ހެކި ލިބޭ ގޮތަކުން ދައުވާ ލިބޭ މީހާ އެތައް އަހަރެއް ޖަލުގައި އޮންނަން ވެސް ޖެހިދާނެ އެވެ. ނުވަތަ އިންސާފު ގާއިމް ނުވެ ވެސް ހިނގައިދާނެ އެވެ. އެހެންވެ، ގެއްލުން ލިބުނު ފަރާތަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރާ އުސޫލުން ތުހުމަތުކުރެވޭ މީހާ ނުވަތަ ދައުވާ ލިބޭ މީހާގެ ހައްގުތައް ރައްކާތެރި ކުރެވޭނެ ގޮތަކަށް އެކަން ބެލެންސް ކުރެވެން އެބަ ޖެހެ އެވެ.

ކޮންމެ ކަމެއްގައި ވެސް ދެކޮޅު އޮންނަ ބީދައިން ސިއްރުން ހެކިބަސް ނެގުމުން ނިކުންނަ ރަނގަޅު ނަތީޖާ އާއި ނިކުންނަ މައްސަލަތައް ވެސް އެބަ ހުއްޓެވެ. ސިއްރުން ހެކިބަސް ނަގަނީ މުހިންމު މަގްސަދެއްގަ އެވެ. އެކަމަކު ކަމެއް ކުރަން ޖެހޭ މިންވަރަށް ވުރެ ފުޅާ ދާއިރާއެއްގައި ނުވަތަ އެއްވެސް ގައިދެއް ނެތި އެކަން ކުރުމުން މައްސަލަތަކެއް ނިކުމެދާނެ އެވެ. ބަލަންވީ ކޮންމެހެން ސިއްރުން ހެކިބަސް ނަގަން ޖެހޭ ހާލަތްތަކުގައި މެނުވީ އެގޮތަށް ހެކިބަސް ނުނެގުމަށެވެ.