ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ބިޑް އިވެލުއޭޝަންތައް އަންނަ ހަފުތާ އިން ފެށިގެން އާންމުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު އަހުމަދު މަހްލޫފު މިރޭ ވިދާޅުވެއްޖެ އެވެ. މިއީ ފިނޭންސް މިނިސްޓްރީ ފިޔަވައި ބިޑް އިވެލުއޭޝަންތައް އާންމު ކުރަން ފަށާ ފުރަތަމަ މިނިސްޓްރީ އެވެ.
މިނިސްޓަރު މަހްލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިޑް އިވެލުއޭޝަންތަކުގެ މައުލޫމާތު އާންމުކުރަން ނިންމީ، އެއީ ބިޑް ކުރާ ހުރިހާ ފަރާތްތަކަށް މުހިއްމު މައުލޫމާތަކަށް ވާތީ ކަމަށެވެ.
"މި މައުލޫމާތުތައް ރައްޔިތުންނަށް އާންމު ކުރުމަކީ މުހިއްމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ޔޫތު މިނިސްޓްރީގެ ބިޑް އިވެލުއޭޝަންތަކުގެ މައުލޫމާތު ވެސް ދެފުށް ފެންނަ ގޮތަށް އާންމު ކުރަން ނިންމިއިރު، ނެޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަންތައް ވެސް އާންމުކުރަން މިއަދު ވަނީ ފަށައިފަ އެވެ. އެ މައުލޫމާތު އާންމުކުރަނީ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގަ އެވެ.
މި ވަގުތު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައި ހުރީ މިއަހަރު ކުރިއަށް ގެންދިޔަ ބީލަންތަކުގެ މައުލޫމާތު އެކަންޏެވެ. ނަމަވެސް މިދިޔަ އަހަރު ކުރިއަށް ގެންގޮސްފައިވާ ބީލަންތަކުގެ މައުލޫމާތު ވެސް މި މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.