ރިސޯޓެއް ތަރައްގީކުރަން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އަށް ދީފައިވާ ނ. އެކުޅިވަރު ގަންނާނެ ބަޔަކު ނުވަތަ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އެެސްޓީއޯ އިން ބުނީ ބޮޑުމިނުގައި 19.2 ހެކްޓަރު ހުރި ރަށަށް އިންވެސްޓްކުރަން ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ދިން އެކުޅިވަރު ތަރައްގީނުކުރެވި ލަސްވުމުން އެއްބަސްވުން ބާތިލުކޮށް، އެ ރަށް ތަރައްގީކުރަން އެސްޓީއޯއާ ހަވާލުކުރަން ސަރުކާރުން ނިންމީ 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

އެމްޓީޑީސީގެ އެއްބަސްވުން އުވާލައި، އެސްޓީއޯއާ އެކުޅިވަރު ހަވާލުކުރަން ނިންމި އިރު، އެ ރަށުގައި 180 އެނދުގެ ރިސޯޓެއް ތަރައްގީކުރުމަށް ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ރިޒްކާލްޓަންއާ އެކު ޖޮއިންޓްވެންޗާ ކުންފުންޏެއް ހަދާފައިވެ އެވެ. އީއެންއޭ ހޮލްޑިން ކޮމްޕެނީގެ ނަމުގައި އުފައްދާފައިވާ ޖޮއިންޓްވެންޗާ އެގްރިމަންޓްގައި ސޮއިކުރީ މާޗް 31، 2008 ގަ އެވެ. އަދި އެ ކުންފުންޏާ އެކު އެމްޓީޑީސީން ސަބްލީސް އެގްރިމަންޓްގައި ސޮއިކުރީ ޖުލައި 1، 2008 ގަ އެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޓީޑީސީ އަށް ރަށް ތަރައްގީ ނުކުރެވި އެހެން ބަޔަކާ ހަވާލުކުރި މިދިޔަ އަހަރު ނަމަވެސް އެކުޅިވަރުގެ ކުލީގެ ގޮތުގައި 29.5 މިލިއަން ޑޮލަރު (454 މިލިއަން ރުފޮޔާ) ރުފިޔާ އެމްޓީޑީސީ އަށް ދައްކަން، އެއީއެންއޭ ހޮޓެލް ހޯލްޑިންގެ މައްޗަށް ސިވިލް ކޯޓުން ފެބްރުއަރީ 28، 2018 ގައި ސިވިލް ހުކުމް ވެސް ކޮށްފައިވެ އެވެ.

އެމްޓީޑީސީއަށް 29.5 މިލިއަން ޑޮލަރު ދައްކަން އީއެންއޭގެ މައްޗަށް ކޯޓުން ހުކުމްކުރީ އެމްޓީޑީސީއާ އެކު ސަރުކާރުން ހެދި އެއްބަސްވުން މެއި، 2016 ގައި އުވާލިއިރު އީއެންއޭ އިން އެމްޓީޑީސީ އަށް ނުދައްކާ ހުރި ފައިސާ އަނބުރާ ހޯދަން އެ ކުންފުނިން ދައުވާ ކުރަމުންނެވެ.