އެޕަލް ޓީވީގެ އަގުހެޔޮ، އާ މޮޑެލްއެއް އުފެއްދުމުގެ މަސައްކަތް އެޕަލް އިން ކުރަމުން އަންނަ ކަމަށް އެނަލިސްޓުން ބުނެފި އެވެ.
ރަސްމީކޮށް އިއުލާންކުރުމުގެ ކުރިން އެޕަލްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު އާންމުންނާ ހަމަ އަށް ތިލަކޮށްދޭ މަޝްހޫރު އެނަލިސްޓެއް ކަމަށްވާ މިން ޝީ ކުއޯ ބުނީ އެންމެ އަގުހެޔޮ ރޯކޫ އާއި އެމެޒަންގެ ޓީވީ ޑިވައިސްތަކާ ވާދަކުރެވޭ ވަރުގެ އެޕަލް ޓީވީގެ މޮޑެލްއެއް މި އަހަރު ފަހުކޮޅު ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާރު އެޕަލް ޓީވީގެ ތިން މޮޑެލްއެއް ވިއްކަ އެވެ. އެއީ ފޯކޭ އެޕަލް ޓީވީގެ 32ޖީބީ، 179 ޑޮލަރަށާއި 64ޖީބީ، 199 ޑޮލަރަށެވެ. އެޕަލް ޓީވީ އެޗްޑީ ލިބެނީ 149 ޑޮލަރަށެވެ. ފުރަތަމަ މޮޑެލްގެ ތިން ޖެނެރޭޝަނެއް ނެރެފައިވާއިރު، އޭގެ އަގުތައް އުޅެނީ 149 ޑޮލަރާއި 299 ޑޮލަރާ ދެމެދުގަ އެވެ.
އެންމެފަހުގެ މޮޑެލް، ފޯކޭ އެޕަލް ޓީވީ އަށް ޓެކުންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނެވެ. އެ މޮޑެލް އަކީ ހޯމް ތިއޭޓާ ސްޓޭންޑާޑަށާއި ފޯމެޓަށް ވެސް ވަރަށް ބޮޑަށް ފެތޭ ޑިވައިސެއް ކަމަށް ބުންޏެވެ. އަދި އެއީ ގޭގެގައި ހޯމް ތިއޭޓާ އިންސްޓޯލްކުރާ މީހުންނަށް "ރަންގަނޑެއް" ކަމަށް ސިފަކޮށްފައިވެ އެވެ.
އެ ޑިވައިސްގެ އީޑީއައިޑީ (އަޑާއި މަންޒަރު އެ ކަނެކްޓްކުރާ ޑިވައިސަކާ އެންމެ ގުޅޭ ރަނގަޅު ކޮލެޓީގައި ލިބޭ) ފިޗާ އަށް ވެސް ވަރަށް ބޮޑަށް ތައުރީފުކުރި އެވެ.
ރޯކޫ އާއި އެމެޒަންގެ ޓީވީ ޑިވައިސްތައް މިހާރު 50 ޑޮލަރަށް ލިބެ އެވެ.