ސްމާޓްފޯން މާކެޓަށް އަންނަ އަހަރު ނޮކިއާ އަލުން ވަންނާނެކަން ކަށަވަރުވެއްޖެ އެވެ. އެ ކުންފުނިން ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަދައްކާފަ އެވެ. އެންޑްރޮއިޑް ސްމާޓްފޯން އުފައްދަން ތައްޔާރު ކަމަށް ބުނެފި އެވެ.
އިންވެސްޓަރުންނަށް މައުލޫމާތު ދިނުމަށް ނޮކިއާ އިން ބޭއްވި ބައްދަލުވުމެއްގައި ބުނީ، ނޮކިއާ މަރުކާގެ ސްމާޓްފޯންތައް އެ ކުންފުނިން ރަމްޒުކުރި ނަމަވެސް، އެކުންފުނިން އަމިއްލަ އަށް ހާޑްވެއާ ނުއުފައްދާނެ ކަމަށެވެ. ނޮކިއާއިން ވިސްނަނީ، ފިންލޭންޑްގެ "އެޗްއެމްޑީ ގްލޯބަލް" އާއި ޓައިވާނުގެ "ފޮކްސްކޮން"އާ ގުޅިގެން ނޮކިއާ ފޯނުތައް އުފެއްދުމަށެވެ.
ނޮކިއާ ފޯނުތައް މާކެޓްކުރުމަށްޓަކައި، އިޝްތިހާރުކޮށްދޭ އޭޖެންސިއަކާ ވެސް އެ ކުންފުނިން ވަނީ ވާހަކަދައްކާފަ އެވެ. ނޮކިއާގައި ކުރިން މަސައްކަތްކުރި އިންޖިނޭރުންނާއި ޑިވެލޮޕަރުން ގުޅިގެން އެ މަރުކާ އަލުން ދިރުވަން ކުރާ މަސައްކަތްތައް ކޮޅެއްގައި ޖެހޭނެ ކަމަށް ގަބޫލުކުރެވެ އެވެ.
އައިފޯނާއި، އެންޑްރޮއިޑް ފޯނުތައް މާކެޓަށް ގިނަވެގަތް ދަނޑިވަޅުގައި ނޮކިއާ އަށް ވެސް ވަނީ ލަނޑު ލިބިފަ އެވެ. ސްމާޓްފޯން މާކެޓަށް ވަރަށް ކުއްލި ގޮތަކަށް އައި ބަދަލުތަކަށް ހޭނިގަންނަން ނޭނގުމުގެ ސަބަބުން ނޮކިއާ ސަފުން ބާކީވީ އެވެ.
ސްމާޓްފޯން މާކެޓްގައި ނޮކިއާ މަރުކާ ދިރުވަން މަސައްކަތްކުރުމުގެ ބަދަލުގައި އެ ކުންފުނިން ވަނީ މައިކްރޮސޮފްޓަށް ވިކިފަ އެވެ. ނޮކިއާގެ ފޯން ޑިވިޒަން މައިކްރޮސޮފްޓަށް ވިއްކާލުމާ އެކު، ލޫމިއާ ފޯނުތަކެއް ތައާރުފުކޮށް މާކެޓްގައި ދެމިތިބުމަށް ކުރި އެއްވެސް މަސައްކަތެއް ދެމެހެއްޓިފައި ނެތެވެ.
ނޮކިއާ އާ މެދު ގިނަ ބަޔަކު އަދި ވެސް ގަބޫލުކުރަނީ، ސިމްބިއަން އޮޕަރޭޓިން ސިސްޓަމް ދޫކޮށް، އެންޑްރޮއިޑަށް ބަދަލުވި ނަމަ، ސެމްސަންގްއާ އެއް ސަފުގައި ދެމިއޮއެވުނީސް ކަމަށެވެ. އެހެންކަމުން އެންޑްރޮއިޑް އަށް މިސްރާބުޖެހުމަކީ ރަނގަޅު ފާލަކަށް ވާނެ ކަމަށް އަންނަނީ ބުނެވެމުންނެވެ.