ސެމްސަންގް ގެލެކްސީ ނޯޓް 7 ބާޒާރަށް ނެރުމާ އެކު، ބައެއް ފޯނުތަކުގެ ބެޓެރީ ގޮވުމުގެ މައްސަލަތަކެއް ކުރިމަތިވެ އޭގެ ފޯނު ވިއްކުން ހުއްޓާލުމަށް ފަހު މިހާރު ދަނީ މައްސަލަ އުޅޭ ފޯނުތައް ބަދަލުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. މައްސަލަ އުޅެނީ ކޮރެއާ ކުންފުންޏަކުން ސަޕްލައިކުރި ބެޓެރި ލައްވާފައިވާ ފޯނުގައި ކަމަށް ބުނެ ބަދަލުގައި އާ ފޯނު ދިނުމުން ވެސް ޝަކުވާތަކަށް ނިމުމެއް ނެތެވެ.
ދެކުނު ކޮރެއާގެ ޓީވީ ނެޓްވޯކް ވައިޓީއެން އިން ބުނާ ގޮތުގައި މައްސަލަ ހުރި ފޯނުގެ ބަދަލުގައި ދިން "ރަނގަޅު ފޯނު" ގައި ވެސް ބެޓެރީގެ މައްސަލަތަކެއް އުޅޭ ކަމުގެ ޝަކުވާތައް ވަނީ އަންނަން ފަށައިފަ އެވެ. ބަދަލުގައި ދިން ފޯނުތަކުގައި ވެސް ބެޓެރީ މާބޮޑަށް ހޫނުވުމާއި މާ އަވަހަށް ބެޓެރީގެ ބާރު ހުސްވުމުގެ މައްސަލަ އުޅޭ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް ވައިޓީއެން އިން ބުންޏެވެ.
މާބޮޑަށް ހޫނުވެ ބެޓެރީ ގޮވާ މައްސަލަ ކުރިމަތިވުމުން، ސެމްސަންގުން ވަގުތީ ހައްލެއްގެ ގޮތުގައި އެންމެ ފުރަތަމަ ވަނީ ފޯނުގެ ބެޓެރީ 60 ޕަސެންޓަށް ވުރެ މައްޗަށް ޗާޖު ނުވާ ގޮތަށް ހަދައި، ސޮފްޓްވެއާ އަޕްޑޭޓެއް ދީފަ އެވެ. އަދި އަވަހަށް ބެޓެރީގެ ބާރު ވެސް ހުސްވާ ގޮތަށް ހެދި އެވެ. އެއީ ބެޓެރީ މާބޮޑަށް ހޫނުވިޔަ ނުދިނުމަށެވެ.
ވައިޓީއެން އިން ބުނި ގޮތުގައި އަލަށް ދިން ފޯނު ގެންގުޅޭ ބައެއް މީހުން، ފޯނު ޗާޖަށް ޖަހާފައި އޮންނައިރު ވެސް ބެޓެރީގެ ޗާޖު ދަށަށްދާ މައްސަލަ ފާހަގަކޮށްފައިވެ އެވެ. އަދި 10 ޕަސެންޓަށް ވުރެ މައްޗަށް ޗާޖު ނުކުރެވޭ މައްސަލަ ވެސް އުޅެ އެވެ. ނަމަވެސް މިއީ ކޮރެއާގައި އެކަނި ފާހަގަވި މައްސަލައެއް ކަމަށާއި އެހެން ގައުމުތަކުން މިކަހަލަ ޝަކުވާއެއް އަދި ނީވޭ ކަމަށް ވައިޓީއެން އިން ބުންޏެވެ.