މި އޮތީ ހުތް މޭބިސްކަދުރަށް ވެފަ އެވެ. އެޕަލުން ހެޑްފޯން ޖެކް ނައްތާލަން އުޅުނުއިރު ކަންބޮޑުވި މީހުން މިހާރު ތިބީ އުފަލުންނެވެ. ހަގީގަތުގައި ވެސް 3.5އެމްއެމް ހެޑްފޯން ޖެކަކީ ޒަމާނަށް ފެތޭ އެއްޗެއް ނޫން ކަމަށް އެ މީހުން ބުނެފި އެވެ.

މުސްކުޅި ހެޑްފޯން ޖެކާ ހެދި ހުރި ހުރަސްތައް ގިނަ އެވެ. މިހާރަށް ވުރެ އޯޑިއޯގެ ފެންވަރު ރަނގަޅުކުރުމަށް ހުރި ހުރަކަށް އެ ވަނީ ވެފަ އެވެ. އެކަމަކު އެއީ ކަންބޮޑުވުމެއް ގޮތުގައި އެކަކު ވެސް ނުދެކެ އެވެ. އެޕަލް ފިޔަވަ އެވެ.

އައިފޯނުން ހެޑްފޯން ޖެކް ނައްތާލި އެއް ބޭނުމަކީ އޯޑިއޯ ފެންވަރު ރަނގަޅުކުރުމެވެ. ވާދަވެރިން މިހާރު ބުނަނީ އެޕަލުން އެ އެޅީ ހިކުމަތްތެރި ފިޔަވަޅެއް ކަމަށެވެ. އެހެން ވާހަކައެއް ވެސް އެ މީހުން ބުނެ އެވެ. އެޕަލުން ބޭނުންވަނީ ވާދަވެރިންނާ މުޅިން ތަފާތުވާން ކަމަށެވެ.

އެޕަލުން ވާދަވެރިންނާ މުޅިން ތަފާތުވާނެ ކަމަށް ވާ ނަމަ ކަންކުރާނީ މި ކަހަލަ ގޮތަކަށް ކަމަށް ބެލެވެ އެވެ. އެޕަލުން ސެޓިފައި ނުކުރާ އެއްވެސް ހާޑްވެއާއެއް އައިފޯނުގައި އަދި އައިޕެޑުގައި ނުހިންގޭނެ އެވެ. އެއީ ހެޑްފޯނެއް ނުވަތަ ޗާޖިން ކޭބަލެއް ކަމަށް ވި ނަމަވެސް އެެެެެވެ.

އައިފޯނުން މިހާރު ވެސް ހާޑްވެއާ ދެނެގަނެ އެވެ. މާނަ އަކީ އެޕަލް އަށް ކަމުނުދާ ހާޑްވެއާ އައިފޯނު އަދި އައިޕެޑް ވެސް ގަބޫލުނުކުރުމެވެ. ވާދަވެރިންނާ ތަފާތުވާން އެ މިންގަޑު އެޕަލުން ހަރުކަށިކޮށްފާނެ އެވެ.

އައިފޯނު 7 އާ އެކު ބޭނުންކުރުމަށް އެޕަލް އިން އެޑަޕްޓާ ކޭބަލެއް ދެ އެވެ. އެއީ މުސްކުޅި 3.5އެމްއެމް ހެޑްފޯން، ލައިޓްނިން ޕޯޓަށް ގުޅުމަށެވެ. އަދި ކަން އޮތީ އެ ގޮތަށެވެ. ވިސްނޭ ގޮތުގައި، ދުވަސްތަކެއް ފަހުން، އެޕަލް އެ ކަމެއް ނުކުރާނެ އެވެ. އެ ހިސާބަށް ދާއިރު މުސްކުޅި ހެޑްފޯން ބޭނުންކުރުމަކީ އައިފޯން ބޭނުންކުރާ މީހުން ކުރަން ބޭނުން ކަމަކަށް ވެސް ނުވާނެ އެވެ. އެ ހިސާބުން އެއްކަލަ "އެޑަޕްޓާ" ކޭބަލް އައިފޯނުގައި މަސައްކަތެއް ނުކުރާނެ އެވެ. އެޕަލުން ސެޓިފައި ނުކުރާ ހެޑްފޯންތަކަށް މަގު ބަންދުވީ އެވެ.

ވާދަވެރި ކުންފުނިތަކުން ވެސް މޮޅު ގޮތެއް ވިސްނަންވީ އެވެ. ހެޑްފޯން ޖެކް ދޫކޮށްލަންވީ އެވެ. ސްމާޓްފޯންތަކުން "މައިކްރޮ-ޔޫއެސްބީ" ކަނެކްޓަރު ގެއްލިދާނެ ކަމަށް ވެސް އެބަ ފެނެ އެވެ. ޔޫއެސްބީ "ޓައިޕް-ސީ" އަށް ތަން ދޭން ޖެހިފައި ވާތީ އެވެ. ޔޫއެސްބީ "ޓައިޕް-ސީ" އަކީ އެޕަލްގެ ލައިޓްނިން ކަނެކްޓަރާ ވާދަކުރެވޭ ފެންވަރުގެ ޓެކްނޮލޮޖީއެކެވެ. ލައިޓްނިން ޓެކްނޮލޮޖީ އަށް ވުރެ ޔޫއެސްބީ "ޓައިޕް-ސީ"ގެ ދާއިރާ ފުޅަލެވެ.

ޔޫއެސްބީ "ޓައިޕް-ސީ" ކަނެކްޓަރަކީ އެއްފަހަރާ ގިނަ ބޭނުން ފުއްދޭ ހާޑްވެއާއެކެވެ. އެހެން ކަމަށް ވާ ނަމަ 3.5އެމްއެމް ހެޑްފޯން ޖެކް ދޫކޮށް ޔޫއެސްބީ "ޓައިޕް-ސީ" އަށް ބަދަލުވާން ވީ އެވެ. އެއީ ޗާޖްކުރަމުން ދެން ހުރި ބޭނުންތައް ވެސް ހިފޭ ފެންވަރުގެ ޓެކްނޮލޮޖީ އެކެވެ. ބޭނުން ވަނީ ގިނަ ކުންފުނިތައް އެކަމަށް ރުހުމެވެ. އެ ޓެކްނޮލޮޖީ އެކުގައި ތަރައްގީކުރުމެވެ.