ވަޓްސްއެޕްގައި އެޕަލް "ކާޕްލޭ" ސަޕޯޓް ހިމަނައިފި އެވެ. ކާރު ދުއްވަމުން ޗެޓްކުރުން ފަސޭހަކޮށްދިނުމަށް ވަޓްސްއެޕަށް ގެނައި ބަދަލުގައި، އެޕަލް ކާޕްލޭ ސަޕޯޓްކުރާ ކޮންމެ ކާރެއްގައި، ވަޓްސްއެޕުން ޗެޓްކުރެވެ އެވެ. އަތްފައި ބޭނުންނުކޮށް، އަޑުންނެވެ.

އެޕަލް ކާޕްލޭ އަކީ ކާރުގައި ހަރުކުރާ ވަކި ސިސްޓަމެއް ނޫނެވެ. އެކަމަކު ލައިޓްނިން ކޭބަލެއް މެދުވެރިކޮށް އައިފޯނު ކާރަށް ގުޅާލުމުން، ކާރުގައި ހުންނަ ޑިސްޕްލޭ އަށް އައިފޯން އެޕްލިކޭޝަންތައް ކަހަލަ ސްކްރީނެއް އަރުވައިދެ އެވެ. އެ ގޮތުގައި ހޮވާލެވޭ ވަކި އެޕްލިކޭޝަންތަކެއް ހިންގުމަށް ފުރުސަތުލިބެ އެވެ.

ވަޓްސްއެޕް އެޕަލް ކާޕްލޭއާ ގުޅުވާލުމުން، ކާރު ދުއްވާ މީހުންނަށް ވާނެ ފަސޭހަ އަކީ، ސިރީ އަށް ނުގޮވައި ފަރުޖެހުމެވެ. ކާރު ތެރޭގައި މީގެ ކުރިން ޗެޓްކުރަނީ ސިރީ އަށް ގޮވައި ވަޓްސްއެޕް ހުޅުވައިގެންނެވެ.

އެހެންކަމުން، ސިރީ ހޭލައިގެން ވަޓްސްއެޕަށް ގޮވަން ނަގާ ވަގުތު ސަލާމަތްކުރެވުނީ އެވެ. އަދި އެ މީހެއްގެ އަޑު ހުންނަ ގޮތުން އެ ބުނާ އެއްޗެއް ސިރީ އަށް ދޭހަނުވާ ފަހަރެއްގައި ގެއްލޭ މަދު ސިކުންތެއް ވެސް ސަލާމަތްކުރެވެނީ އެވެ.

އެޕަލް ކާޕްލޭއާ ވަޓްސްއެޕް ގުޅުވާލުމުން ސްކްރީނުން ފެންނާނީ ވަޓްސްއެޕް އައިކަން އެވެ. ދެން ހަމަ ޗެޓްކުރަންވީ އެވެ. ދައްކާ ވާހަކަތަކަށް އަނެއްކޮޅުން ދޭ ޖަވާބު، ކާރު ސްޕީކަރުތަކުން އިވޭނެ އެވެ. ހުންގާނުން އަތްދޫކޮށްލާނެ ކަމެއް ނެތެވެ. މަގު އޮޅުނަސް، ރައްޓެއްސެއް ކުރެން އަހަންވީ އެވެ. ލަސްތަކެއް ނުވެ އަހަރެމެންނާ ހަމަ އަށް ވެސް މި ޚިދުމަތް އަތުވެދާނެ އެވެ.