ލެނޮވޯއިން އަމިއްލަ ނަމުގައި ސްމާޓްފޯނު އުފައްދަ އެވެ. ކޮމްޕިއުޓަރު، ލެޕްޓޮޕް އަދި ލުއި އިލެކްޓްރޯނިކްސް ވެސް އުފައްދަ އެވެ.

މޮޓޮރޯލާ މޯބިލިޓީ މިހާރު ހިންގަނީ ލެނެވޯއިންނެވެ. ލެނޮވޯއިން ވަނީ މޮޓޮރޯލާ މޯބިލިޓީ ގަނެފަ އެވެ. މޮޓޮރޯލާ އަކީ ވެސް، ސްމާޓްފޯނު މާކެޓުގައި ގަދަ ބާރެކެވެ. ލެނޮވޯއިން މޮޓޮރޯލާ މޯބިލީޓީ ގަތީ، ސްމާޓްފޯނު މާކެޓުގައި ބާރުގަދަކުރުމަށެވެ.

ލެނޮވޯއިން މޮޓޮރޯލާ މޯބިލިޓީ ގަތުމަށް ފަހު، މޮޓޮރޯލާ އަށް ނިސްބަތްކޮށް ފޯނުތައް އުފެއްދި އެވެ. ބޭނުމަކީ ޔޫރަޕާއި އެމެރިކާގައި ލެނޮވޯ ޝާރަފުވެރިވުމެވެ. އެހެންނަމަވެސް އެކަމާ ގުޅިގެން ލެނޮވޯ އަށް ބޮޑެތި ފާޑުކިތުންތައް ރައްދުވި އެވެ.

ލެނޮވޯ ދޫކޮށް މޮޓޮރޯލާ އަށް ލެނބިގަނެފާނެ ކަމަށް ސަޕޯޓަރުންނަށް އިހުސާސްވި ހިސާބުން، މަސްރަހު ހޫނުވާން ފެށި އެވެ. ޗައިނާ އަދި އޭޝިއާގައި މޮޓޮރޯލާ އަށް ވުރެ ލެނޮވޯ މަޝްހޫރެވެ. ބާރުގަދަވެފައި، ކުރާ ގަދަރާއި އިހުތިރާމް ވެސް ބޮޑެވެ.

ލެނޮވޯ މެނޭޖްމަންޓަށް ވަކި ގޮތެއް ނިންމަން، އެހާ ހިސާބުން މަޖުބޫރުވި އެވެ. އެހެންވެ، މިހާރު ބުނަނީ ލެނޮވޯ އަކީ ދުވަހަކު ވެސް ދޫކޮށްލާނެ ނަމެއް ނޫން ކަމަށެވެ.

ލެނޮވޯގެ ސީއީއޯ ވިދާޅުވި ގޮތުގައި، ލެނޮވޯ ފޯނުތައް އަދި ވެސް އުފައްދާނެ އެވެ. ލެނޮވޯ ސްމާޓްފޯނު ސެކްޓަރުން ކުންފުންޏަށް ރަނގަޅު ފައިދާއެއް ނުވި ނަމަވެސް، ލެނޮވޮ އަކީ އެ ކުންފުނީގެ ދިރުމާ ގުޅިފައިވާ ނަމެއް ކަމަށެވެ.

ލެނޮވޯއިން މިހާރު ވިސްނަނީ، ލެނޮވޯ އަށް ސަޕޯޓްކުރާ ގައުމުތަކުގައި ލެނޮވޯގެ ނަމުގައި ފޯނުތައް މާކެޓްކުރުމަށެވެ. އަދި މޮޓޯރޯލާ އަށް ޝައުގުވެރިވާ ގައުމުތަކަށް އެ ނަމުގައި ފޯނުތައް އުފެއްދުމަށެވެ.