ސަރުކާރު ސްކޫލްތަކުގައި މަސައްކަތްކުރާ ޓީޗަރުންގެ މުސާރަ މި މަހުން ފެށިގެން ބޮޑުކުރަން ނިންމުމާ އެކު އަމިއްލަ ބައެއް ސްކޫލްތަކުގެ ޓީޗަރުންގެ މުސާރަ ވެސް ބޮޑުކުރަން ޖެހޭތީ، ދަރިވަރުންގެ އަތުން ނަގާ ފީތައް ބޮޑުކުރަން ނިންމައިފި އެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ހުޅުމާލޭގައި ހިންގާ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން، އެ ދެ ތަނުގެ ބެލެނިވެރިންނަށް ފޮނުވި ސިޓީގައި ބުނީ އަންނަ އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރާ އެކު ދަރިވަރުންގެ ފީ ބޮޑުވާނެ ކަމަށެވެ. އޭގެ ސަބަބަކީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމެވެ.
ބިލަބޮންގް ސްކޫލާއި ފިންލެންޑު ސްކޫލް ހިންގާ އައިލެންޑާސް އެޑިއުކޭޝަނުން މިހާރު އަންނަނީ ސަރުކާރުގެ އެ ނިންމުމާ އެކު އެ ކުންފުނީގެ ދަށުން ހިންގާ ސްކޫލްތަކުގެ ޓީޗަރުންގެ މުސާރަ އަށް ގެންނާނެ ބަދަލުތައް ބަލަމުންނެވެ. ޓީޗަރުންގެ މުސާރަ ބޮޑުކުރުމާ ގުޅޭގޮތުން ޣިޔާސުއްދީން ސްކޫލްގެ ބަހެއް އަދި ނުލިބެ އެވެ.
ސްކޫލްތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ސްކޫލް ޓީޗަރުންނާއި ޕްރިންސިޕަލުން އަދި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ ފަންނީ މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކުރެއްވީ މި މަހުގެ އެއް ވަނަ ދުވަހެވެ.
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެފައި ވަނީ ޖުމްލަކޮށް ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ އަށް 37 ޕަސެންޓުން ފެށިގެން 87 ޕަސެންޓާ ދެމެދުގެ ކުރިއެރުމެއް އަންނާނެ ކަމަށެވެ.
ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ރޭންކްތަކާ އެއް ގޮތަށް ހަމަ އެ ކޮލިފިކޭޝަންގެ ޓީޗަރުންނަށް އެއްވަރެއްގެ މުސާރައެއް ލިބޭނެ.-- އަހުމަދިއްޔާ ޕްރިންސިޕަލް
މި އިތުރުވި މުސާރަ އަށް ދައުލަތުގެ ބަޖެޓުން 488 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.
އަހުމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ މުސާރަ ބޮޑުކުރުމަށް ދަރިވަރުންގެ އަތުން ނަގާ ފީ އިން ބޮޑުވާނީ 500-1000ރ. އާ ދެމެދުގެ އަދަދެއް ކަމަށެވެ.
އެ ސްކޫލްގައި ދެން އެންމެ ބޮޑު ފީގެ ގޮތުގައި ދަރިވަރެއްގެ އަތުން ދެން ނަގާނީ 2،750ރ. އެވެ.
ރަޝީދު ވިދާޅުވީ އަހުމަދިއްޔާގައި މި ވަގުތު ރަނގަޅު ޓީޗަރުން އެބަތިބި ކަމަށެވެ. ނަމަވެސް ވަޒީފާގައި ބޭތިއްބުމަށް މުސާރަ ބޮޑުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ރޭންކްތަކާ އެއް ގޮތަށް ހަމަ އެ ކޮލިފިކޭޝަންގެ ޓީޗަރުންނަށް އެއްވަރެއްގެ މުސާރައެއް ލިބޭނެ،" ރަޝީދު ވިދާޅުވި އެވެ.
ބްރައިޓްވޭގެ ޕްރިންސިޕަލް މޫސާ ރަޝީދު ވިދާޅުވީ ޓީޗަރުންގެ މުސާރަ އަށް ގެންނާނެ ބަދަލުތަކެއް އަދި ނުނިންމާ ކަމަށެވެ. އެކަމަކު، އަންނަ އޮގަސްޓް 1 އިން ފެށިގެން ފީގެ ގޮތުގައި ދަރިވަރުންގެ އަތުން ބޮޑުވާނީ މަހަކަށް 300ރ. ކަމަށް އޭނާ ވިދާޅުވި އެވެ.
ބްރައިޓްވޭ އިން ދެން ފީ ނަގާނެ ގޮތް
- ޕްރީ ސްކޫލް: 2،550ރ.
- ގްރޭޑު 1-8: ގެ ދަރިވަރުން: 3،275ރ.
- ގްރޭޑު 9-10: 3،550ރ.
- ގްރޭޑޫ 11-12: 4،250ރ.
ހުޅުމާލެ އާއި ފުވައްމުލަކުގައި ހިންގާ ބްރައިޓްވޭގެ ދެ ސްކޫލްގައި 100 އެއްހާ ޓީޗަރުން މަސައްކަތްކުރެ އެވެ.
ޑިގްރީ ފެންވަރުގެ 12،000ރ. ލިބޭ ޓީޗަރުންނަށް، އާ އޮނިގަނޑުގެ ދަށުން 19،400ރ. ގެ ކުރިއެރުމެއް ލިބޭނެ އެވެ. މާސްޓާސް ލެވެލްގެ 15،000ރ. ލިބެމުން އައި ޓީޗަރުންގެ މުސާރަ ވަނީ 20،000ރ. އަށް ވުރެން ބޮޑުވެފަ އެވެ. ރޭންކް 1 ގެ ޕްރިންސިޕަލަކަށް 30،610ރ. (82 ޕަސެންޓްގެ ކުރިއެރުމެއް) އަދި ރޭންކް 2 ގެ ޕްރިންސިޕަލަކަށް 33،075ރ. (59 ޕަސެންޓްގެ ކުރިއެރުމެއް) ލިބޭނެ އެވެ.