ޓީޗަރުންނަށް ހައްގުވާ ޕްރޮމޯޝަން ނުދީ ހިފަހައްޓާފައިވާ މައްސަލައިގައި ކޯޓަށް ދާން ނިންމައިފި އެވެ.
ޓީޗަރުންގެ ޖަމިއްޔާގެ ރައީސް އަލީ ނާޒިމް "މިހާރު" އަށް މިއަދު ވިދާޅުވީ ވަޒީފާގެ ގާނޫނުން ލިބޭ އިތުރު ގަޑީގެ އެލަވަންސް ލިމިޓް ކޮށްފައިވާއިރު ޓީޗަރުންނަށް ޕްރޮމޯޝަން ނުދޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އެކަމަކު، އެހެން ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް އެ ހައްގުތައް ލިބޭ ކަމަށާއި އެހެންވެ، ޓީޗަރުންގެ މުސާރައިގެ މައްސަލައިގައި ކޯޓަށް ދާން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓީޗަރުންގެ ފަރާތުން އެ މައްސަލައިގައި ވަކާލާތުކުރާނީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުންނެވެ. އެ ސެންޓަރުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅަން ބޭނުންވާ ނަމަ އަންނަ ހަފުތާގެ ބުރާސްފަތީގެ ކުރިން އަންގަން އެދިފަ އެވެ.
ނާޒިމް ވިދާޅުވީ ވަޒީފާގެ ކުރިއެރުމުން ދޭ އެލަވަންސް ވެސް ކޮވިޑުގެ ސަބަބުން ހުއްޓާލާފައިވާ ކަމަށެވެ.
"މި ޗުއްޓީ ތެރޭގައި ވެސް މަތީ ގްރޭޑުތަކުގެ ޓީޗަރުން ދަރިވަރުންނަށް ދިޔައީ ކިޔަވައި ދެމުން. އެކަމަކު އޯވަޓައިމް ލިމިޓް ކޮށްފައި އޮތީ. އޯޓީ ވެސް އެކި މަސްތަކުގައި އެކި ވަރަށް. މަހުގެ 15 އަށް އެރީމާ އަންގާނެ އޯޓީ ޖަހަން. މަހެއްގެ މައްޗަށް 60 ގަޑިއިރު މަސައްކަތް ކުރިއަސް 20 ގަޑިއިރު ލިޔަން އަންގަފާނެ،" ނާޒިމް ވިދާޅުވި އެވެ.
ޕްރޮމޯޝަންގެ މައްސަލައިގައި ކޯޓަށް ދާން ނިންމިއިރު، އަންނަ މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުކުރަން ވެސް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.