ދިވެހި ބަސް ކުރިއަރުވައި އިލްމީ ދިރާސާތައް ހަދަން ގައުމީ ޔުނިވާސިޓީ އާއި ދިވެހި ބަހުގެ އެކަޑެމީ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފާއި އެކަޑެމީގެ ރައީސް އަޝްރަފު އަލީ އެވެ.

ދިވެހި ބަހުގެ އެކަޑެމީއާ ސޮއިކުރުމަށް މިއަދު ބޭއްވި ހަފުލާގައި، އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. ފަވާޒު ވާހަކަދައްކަަވަނީ.--ފޮޓޯ: އެމްއެންޔޫ
ދިވެހި ބަހުގެ އެކަޑެމީއާ ސޮއިކުރުމަށް މިއަދު ބޭއްވި ހަފުލާގައި، އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. ފަވާޒު ވާހަކަދައްކަަވަނީ.--ފޮޓޯ: އެމްއެންޔޫ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަަޝްރަފު ވިދާޅުވީ ފޮތް ކިޔުމުގެ ޝައުގެއް ނެތް ތަނެއްގައި އިލްމީ ދިރާސާތައް ހެދުމުގެ ޝައުގެއް ނޯންނާނެ ކަމަށެވެ. އެހެންވެ ފޮތް ކިޔުމުގެ އާދަ އަށަގެނުވުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރުގެ އެހެން ގައުމުތަކުގައި ފޮތެއް ނެރުމުން، އެ ގަތުމަށްޓަކައި މީހުން ކިއު ހަދާފައި ހުންނަ ކަމަށެވެ. ނަމަވެސް އެ މަންޒަރު ރާއްޖެއިން ނުފެންނަ ކަން އަޝްރަފު ފާހަގަކުރެއްވި އެވެ.

"ފޮތަކުން ގާތްގަނޑަކަށް މި ޗާޕުކުރަނީ 500 ވަރަކަށް ކޮޕީ. އަށެއްކަ އަހަރުވާއިރު ވެސް 100 ނޫނީ 150 ކޮޕީ ވެސް ނުވިކޭ. ފަހަރެއްގައި އަގުބޮޑީ ކަމަށް ވެސް ވެދާނެ،" އަޝްރަފު ވިދާޅުވި އެވެ.

ދިވެހި ބަސް ކުރިއަށް ދެމެހެއްޓުމަށްޓަކައި ދައުލަތުގެ ހިތްވަރާއި ބާރު ބޭނުންވާ ކަމަށް ވެސް އަޝްރަފު ވިދާޅުވި އެވެ.

ދިވެހި ބަހުގެ އެކަޑެމީ އަދި އެމްއެންޔޫއާ ދެމެދު ސޮއިކުރަން މިއަދު ބޭއްވި ހަފުލާގައި، ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފު ވާހަކަދައްކަވަނީ.--ފޮޓޯ: އެމްއެންޔޫ
ދިވެހި ބަހުގެ އެކަޑެމީ އަދި އެމްއެންޔޫއާ ދެމެދު ސޮއިކުރަން މިއަދު ބޭއްވި ހަފުލާގައި، ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފު ވާހަކަދައްކަވަނީ.--ފޮޓޯ: އެމްއެންޔޫ

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ފަވާޒު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތައް ކުރި އަރާފައި ވަނީ ފޮތް ކިޔައިގެން ކަމަށާއި ރާއްޖެ ކުރިއެރުވުމަށް ދިވެހީންގެ ކިބައިގައި ވެސް އެ އާދަ ހަރުލެއްވުން މުހިއްމު ކަމަށެވެ.

ފަވާޒު ވިދާޅުވީ ފޮތެއް ނުގަތް ކަމުގައި ވިއަސް އިންޓަނެޓުގެ އެހީގައި ވެސް ފޮތްތައް ކިޔޭނެ ކަމަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފޮތް ކިޔުމަށް ޝައުގުވެރިކުރުވަން ތަފާތު އެކި ހަރަކާތްތައް ހިންގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.