ދާރުއްސަލާމް (މާޗް 20) - ނައިބް ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު، ސާމިއާ ސުލޫހޫ ހަސަން ތާރީޚުން ޖާގަ ހޯދާފައި މި ވަނީ ޓެންޒޭނިއާގެ ފުރަތަމަ އަންހެން ރައީސްގެ ގޮތުގަ އެވެ. އެކަމަނާ އަށް ރައީސްކަން ލިބިވަޑައިގެންނެވީ އެ ގައުމުގެ ރައީސް ޖޯން މަހުފުލީ ބުރާސްފަތި ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.
ރައީސްކަމުގެ ހުވާ ސާމިއާ، 61، ހުކުރު ދުވަހު ކުރެއްވީ ދާރުއްސަލާމުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ.
"މިއީ ތިޔަ ބޭފުޅުންނާ މުޚާތަބް ކުރަން އެހާ ރަނގަޅު ދުވަހެއް ނޫން. ސަބަބަކީ އަޅުގަނޑުގެ ހިތުގައި މިއަދު ވަނީ ޒަޚަމެއް އުފެދިފައި. މިއަދު ރައީސްކަމުގެ ހުވާ މި ކުރަނީ އަޅުގަނޑުގެ ކެރިއަރުގެ އެހެން ކަންކަމާ ތަފާތު ގޮތަކަށް. ކުރިން އާ މަގާމުތަކާ ހަވާލު ވަނީ އުފަލުން. އެކަމަކު މިއަދު ގައުމުގެ އެންމެ މަތީ މަގާމާ މި ހަވާލު ވަނީ ހިތާމައާ އެކު،" ހުވާ ކުރެއްވުމަށް ފަހު ގައުމާ މުޚާތަބް ކުރައްވަމުން ސާމިއާ ވިދާޅުވި އެވެ.
އެކަމަނާ އިޝާރާތް ކުރައްވަނީ މަގުފުލީ އަވަހާރަވުމަށެވެ. ޓެންޒޭނިއާގެ ގާނޫނު އަސާސީ ބުނާ ގޮތުން މަގުފުލީގެ ދެ ވަނަ ދައުރުގެ ބާކީ އޮތް މުއްދަތުގައި ރައީސްކަމުގައި ހުންނަވާނީ ސާމިއާ އެވެ. މިދިޔަ އަހަރު ހުވާ ކުރެއްވި މަގުފުލީގެ ފަސް އަހަރުގެ ދެ ވަނަ ދައުރު ހަމަވާނީ 2025 ވަނަ އަހަރު އެވެ.
އޮފީހެއްގެ ކާތިބެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސާމިއާ ސިޔާސީ ދާއިރާ އަށް ވަދެވަޑައިގަތީ 2000 ވަނަ އަހަރު އެވެ. އޭގެ ފަހުން ނޭޝަނަލް އެސެމްބްލީ އަށް އިންތިޚާބުވެ އަދި ފަހުން ވަނީ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. ރައީސް މަގުފުލީގެ ފުރަތަމަ ރަނިން މޭޓެއްގެ ގޮތުގައި ސާމިއާ ހަމަޖެއްސީ 2015 ވަނަ އަހަރު އެވެ. މަގުފުލީގެ ދެ ވަނަ ދައުރުގައި ވެސް ނައިބް ރައީސަކަށް ހަމަޖެއްސީ ސާމިއާ އެވެ. ދެ ވަނަ ދައުރަކަށް މިދިޔަ އޮކްޓޯބަރު މަހު މަގުފުލީ އިންތިޚާބުވި ނަމަވެސް ވޯޓުގައި ވަރަށް ބޮޑަށް މަކަރު ހަދާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުންނާއި އޮބްޒާވަރުން ތުހުމަތުކޮށްފައިވެ އެވެ.
ސާމިއާ އަކީ ގައުމުގެ ނައިބް ރައީސް ނަމަވެސް އެއީ ޓެންޒޭނިއާގެ ގިނަ ބަޔަކު ދަންނަ މޫނެއް ނޫނެވެ. ގިނަ ބަޔަކަށް ސާމިއާ އެނގުނީ ވެސް ރައީސް މަގުފުލީ އަވަހާރަވިކަން އިއުލާން ކުރައްވަން ޓީވީ އަށް އެރުއްވި ފަހުންނެވެ.
ސާމިއާ އުފަންވެވަޑައިގެންނެވީ ޖެނުއަރީ 27، 1960 ގައި ޒަންޒިބާރުގަ އެވެ. ސާމިއާގެ ބައްޕަ އަކީ ޓީޗަރެކެވެ. މަންމަ އުޅުއްވީ ގޭތެރޭގެ މަސައްކަތުގަ އެވެ. ހައި ސްކޫލުން ގްރެޖުއޭޓް ވެގެން ސަރުކާރުގެ އޮފީހެއްގެ ކާތިބެއްގެ ވަޒީފާ ފެއްޓެވީ އުމުރުން 17 އަހަރުގަ އެވެ. އިތުރަށް ކިޔަވާ ވިދާޅުވުމަށް ފަހު ސާމިއާ ވަނީ ޒަންޒިބާރު ސަރުކާރުގެ ޑިވެލޮޕްމަންޓް އޮފިސަރެއްގެ މަގާމަށް 1988 ވަނަ އަހަރު ވަޑައިގެންފަ އެވެ. އެކަމަނާ ވަނީ އދ.ގެ ފުޑް ޕްރޮގްރާމުގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ޒަންޒިބާރުގެ ޕާލަމެންޓަށް 2000 ވަނަ އަހަރު ހޮވިވަޑައިގަތުމަށް ފަހު، ލޯކަލް ގަވަރްމަންޓް މިނިސްޓަރެއްގެ ގޮތުގައި ފަހުން ޚިދުމަތް ކުރެއްވި އެވެ. ޓެންޒޭނިއާގެ ނޭޝަނަލް އެސެމްބްލީ އަށް އިންތިޚާބުވެވަޑައިގެންނެވީ 2010 ވަނަ އަހަރު އެވެ.
ހާފިޒް އަމީރްއާ ސާމިއާ ކައިވެނިބައްލަވައިގެންނެވީ 1978 ވަނަ އަހަރު އެވެ. ފިރިކަލުންނަކީ ވެސް ވަރަށް މަޑުމައިތިރި ބޭފުޅެކެވެ. ސާމިއާ އަށް ނައިބް ރައީސްކަން ލިބިވަޑައިގެންނެވި ފަހުން ދެ ބޭފުޅުން އެކުގައި ފޮޓޯއެއް ވެސް ނަންގަވައިފައެއް ނުވެ އެވެ. ސާމިއާ އާއި ހާފިޒް އަމީރަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.