ދާރުއްސަލާމް (މާޗް 18) - ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ އަވަހާރަވެއްޖެ ކަމަށް އެ ގައުމުގެ ނައިބް ރައީސް މިއަދު އިއުލާން ކުރައްވައިފި އެވެ.

އުމުރުން 61 އަހަރުގެ ރައީސް އަވަހާރަވީ ވެރިރަށް ދާރުއްސަލާމުގެ ހޮސްޕިޓަލެއްގައި ހިތްޕުޅުގެ އާލާސްކަންފުޅަށް ފަރުވާ ދެމުންދަނިކޮށް ކަމަށް ނައިބް ރައީސް ސާމިއާ ސުލުހޫ ހަސަން ގައުމީ ޓީވީގައި ވިދާޅުވި އެވެ.

ރައީސް މަގުފުލީ އަވަހާރަވިކަން އިއުލާން ކުރި އިރު އެމަނިކުފާނަށް ކޮވިޑް ޖެހިގެން ކެންޔާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ. އިދިކޮޅު ލީޑަރު ޓުންޑޫ ލިއްސޫ ވިދާޅުވެފައި ވަނީ މަގުފުލީ އަށް ކޮވިޑް ޖެހުނު ފަހުން ހާޓްއެޓޭކެއް ވެސް ޖެހިފައިވާ ކަމަށެވެ. އަދި ރައީސް އަށް ކޮވިޑް ޖެހުނު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޚަބަރުތަކެއް ފެތުރި ބަޔަކު ދާދި ފަހުން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.

ރައީސް މަގުފުލީ އާއްމުންނަށް ނުފެންނަތާ ވެސް މިހާރު ދެ ހަފުތާއެއްހާ ދުވަސްވެއްޖެ އެވެ. އެހެންވެ މަގުފުލީގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ތަފާތު ގޮތްގޮތަށް އަޑުތައް ފެތުރިފައިވެ އެވެ.

"ވަރަށް ހިތާމައާ އެކު މި އިއުލާން ކުރަނީ ޓެންޒޭނިއާގެ ހިތްވަރުގަދަ ރައީސް އަޅުގަނޑުމެންނާ ވަކިވިކަން،" ނައިބް ރައީސް ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ރައީސް އަވަހާރަވުމުގެ ހިތާމައިގައި 14 ދުވަހަށް ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރާނެ ކަމަށެވެ.

ނައިބް ރައީސް ސުލުހޫ ހަސަން ވެސް ވަނީ ރައީސްގެ ހާލުކޮޅާ ބެހޭ ގޮތުން ފަތުރާ ތޯތޯ ވާހަކަތައް އަޑު ނޭހުމަށް ކުރިން ގޮވާލައްވައިފަ އެވެ.

ޓެންޒޭނިއާގެ ގާނޫނު އަސާސީ ބުނާ ގޮތުން ދެން ރައީސް ކަމަށް ވަޑައިގަންނަވާނީ ނައިބް ރައީސް ސުލުހޫ ހަސަން އެވެ. މަގުފުލީގެ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތު އެކަމަނާ ފުރިހަމަ ކުރައްވާނެ އެވެ. މަގުފުލީގެ ފަސް އަހަރުގެ ދެ ވަނަ ދައުރު ފެއްޓެވީ މިދިޔަ އަހަރު އެވެ.

ރައީސް މަގުފުލީ

* އުފަންވެވަޑައިގަތީ ޓެންޒޭނިއާގެ ހުޅަނގުގެ އަވަށެއްގައި 1959 ވަނަ އަހަރު

* ދާރުއްސަލާމް ޔުނިވާސިޓީން ކެމިސްޓްރީ އާއި މެތުސް ކިޔަވާ ވިދާޅުވި

* ކެމިސްޓްރީ އަދި މެތުސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި

* ޕާލަމެންޓަށް ފުރަތަމަ އިންތިޚާބުވެވަޑައިގެންނެވީ 1995 ވަނަ އަހަރު

* މިނިސްޓަރުކަން ލިބިވަޑައިގެންނެވީ 2000 ވަނަ އަހަރު

ޓެންޒޭނިއާގެ ރައީސްކަން މަގުފުލީ އަށް ފުރަތަމަ ލިބިވަޑައިގެންނެވީ އެމަނިކުފާނުގެ 56 ވަނަ އުފަން ދުވަހު، އޮކްޓޯބަރު 2015 ގަ އެވެ. ދެ ވަނަ ދައުރަކަށް މިދިޔަ އަހަރު އިންތިޚާބުވެވަޑައިގެންނެވީ ޚިޔާލުތަފާތުވުން ބޮޑު ވޯޓަކަށް ފަހު އެވެ.

އިރުމަތީ އެފްރިކާގެ ގައުމުގައި ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގެ ކަންކަން ގެންދާ ގޮތާ މެދު މަގުފުލީ އަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ. މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ޓެންޒޭނިއާ އިން ކޮވިޑުގެ ޑޭޓާ ވެސް އާއްމުކޮށްފައެއް ނުވެ އެވެ. އަދި ކޮވިޑް ވެކްސިން ގަންނަން ވެސް އެ ގައުމުން ވަނީ ދެކޮޅު ހަދައިފަ އެވެ. ޓެންޒޭނިއާ އަކީ ކޮވިޑް ނެތް ގައުމެއްގެ ގޮތުގައި މަގުފުލީ ވަނީ ޖޫން މަހު އިއުލާން ކުރައްވައިފަ އެވެ.

މަގުފުލީ ވިދާޅުވެފައި ވަނީ ކޮރޯނާވައިރަހަށް އޮތް ފަރުވާ އަކީ ދުއާކުރުމާއި ފަތްޕިލާވެލިން އާވި އެރުވުން ކަމަށެވެ.

މި އަހަރު ކުރީކޮޅު ބޭއްވި، ޓެންޒޭނިއާ ސަރުކާރުގެ އިސް ބޭފުޅެއްގެ ޖަނާޒާގައި މަގުފުލީ ވިދާޅުވެފައި ވަނީ ޓެންޒޭނިއާ އިން މިދިޔަ އަހަރު ވަނީ ކޮވިޑް ބަލިކޮށްލާފައި ކަމަށާއި މި އަހަރު ވެސް ކޮވިޑާ ދެކޮޅަށް ކާމިޔާބު ހޯދާނެ ކަމަށެވެ.

ޓެންޒޭނިއާގެ އިދިކޮޅު ލީޑަރު ލިއްސޫ ވިދާޅުވީ ރައީސް މަގުފުލީ އުޅުއްވީ ވައިރަހުން ރައްކާތެރިވާނެ އެއްވެސް ފިޔަވަކަށް ބައްލަވައިގެން ނޫން ކަމަށެވެ. އާއްމު ތަންތަނުގައި އުޅުއްވާ އިރު މާސްކް ނޭޅުއްވުމާއި ގައިދުރުކަމެއް ނެތި ބޮޑެތި އެއްވުންތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް އިދިކޮޅު ލީޑަރު ވިދާޅުވި އެވެ.