ދާރުއްސަލާމް (މާޗް 11) - ގެއްލުނު ކަމަށް ބުނި ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ ކެންޔާގެ ހޮސްޕިޓަލެއްގައި ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް އެ ގައުމުގެ އިދިކޮޅު ލީޑަރު ޓުންޑޫ ލިއްސޫ ވިދާޅުވެއްޖެ އެވެ.
ރައީސް މަގުފުލީގެ ޚަބަރެއް ނުވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި އެހެންވެ ރައީސް ގެއްލިފައިވާ ކަމަށް އެންމެ ފުރަތަމަ ވާހަކަތައް ފެތުރީ ވެސް އިދިކޮޅު ލީޑަރެވެ. ލިއްސޫ ވިދާޅުވީ ރައީސް މަގުފުލީ އަށް ހާޓްއެޓޭކެއް ވެސް ޖެހިފައިވާ ކަމަށެވެ.
މަގުފުލީ އާއްމުންނަށް ވެސް ނުފެންނަތާ 11 ދުވަސް ވެއްޖެ އެވެ. އިރުމަތީ އެފްރިކާގެ ގައުމުގައި ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގެ ކަންކަން ގެންދާ ގޮތާ މެދު މަގުފުލީ އަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ. މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ޓެންޒޭނިއާ އިން ކޮވިޑުގެ ޑޭޓާ ވެސް އާއްމުކޮށްފައެއް ނުވެ އެވެ. އަދި ކޮވިޑް ވެކްސިން ގަންނަން ވެސް އެ ގައުމުން ވަނީ ދެކޮޅު ހަދައިފަ އެވެ.
އުމުރުން 61 އަހަރުގެ މަގުފުލީ ވިދާޅުވެފައި ވަނީ ކޮރޯނާވައިރަހަށް އޮތް ފަރުވާ އަކީ ދުއާކުރުމާއި ފަތްޕިލާވެލިން އާވި އެރުވުން ކަމަށެވެ.
މި އަހަރު ކުރީކޮޅު ބޭއްވި، ޓެންޒޭނިއާ ސަރުކާރުގެ އިސް ބޭފުޅެއްގެ ޖަނާޒާގައި މަގުފުލީ ވިދާޅުވެފައި ވަނީ ޓެންޒޭނިއާ އިން މިދިޔަ އަހަރު ވަނީ ކޮވިޑް ބަލިކޮށްލާފައި ކަމަށާއި މި އަހަރު ވެސް ކޮވިޑާ ދެކޮޅަށް ކާމިޔާބު ހޯދާނެ ކަމަށެވެ.
އިދިކޮޅު ލީޑަރު ލިއްސޫ ވިދާޅުވީ ރައީސް މަގުފުލީ އުޅުއްވީ ވައިރަހުން ރައްކާތެރިވާނެ އެއްވެސް ފިޔަވަކަށް ބައްލަވައިގެން ނޫން ކަމަށެވެ. އާއްމު ތަންތަނުގައި އުޅުއްވާ އިރު މާސްކް ނޭޅުއްވުމާއި ގައިދުރުކަމެއް ނެތި ބޮޑެތި އެއްވުންތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް އިދިކޮޅު ލީޑަރު ވިދާޅުވި އެވެ.