ދާރުއްސަލާމް (ފެބްރުއަރީ 22) - މިދިޔަ އަހަރުގެ މެއި މަހާ ހަމަށް ޓެންޒޭނިއާ އިން ދިޔައީ ކޮވިޑުގެ ކޭސްތައް ބަރާބަރަށް ރިޕޯޓް ކުރަމުންނެވެ.
އޭރު އެ ގައުމުން ޕޮޒިޓިވްވެފައި ވަނީ 509 މީހުންނެވެ. އަދި މަރުވީ 21 މީހުންނެވެ. ޖެހިގެން އައި މަހު ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ އިއުލާން ކުރެއްވީ އެއީ "ކޮރޯނާވައިރަސް-ފްރީ" ގައުމެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އިރުމަތީ އެފްރިކާގެ ގައުމުން ކޮވިޑުގެ އެއްވެސް ކޭހެއް ރިޕޯޓްކޮށްފައެއް ނުވެ އެވެ.
އެހެންވެ ޓެންޒޭނިއާ އަކީ ކޮވިޑުގެ ކޭސްތައް ރިޕޯޓް ނުކުރާ މަދު ގައުމުތަކުގެ ތެރޭން އެއް ގައުމެވެ. އެ ގައުމުން ކޮވިޑުގެ ކޭސްތައް ސިއްރުކުރާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން މިހާރު ވަނީ ކޮރޯނާވައިރަހުގެ ޑޭޓާ އާއްމުކުރަން ޓެންޒޭނިއާ އަށް އަންގައިފަ އެވެ. ޑަބްލިއުއެޗްއޯގެ މި އިލްތިމާސް އައިސްފައި ވަނީ ޓެންޒޭނިއާ ސަރުކާރުގެ އޮފިޝަލުންތަކެއްގެ މަރާ ގުޅިގެންނެވެ. ޓެންޒޭނިއާގެ ބާރުގެ ދަށުގައި އޮންނަ ޒަންޒިބާރުގެ ނައިބް ރައީސް ސައިފް ޝަރީފް ހަމަދު މިދިޔަ ބުދަ ދުވަހު އަވަހާރަވެފައި ވަނީ ކޮވިޑް ޖެހިގެން ކަމަށް އޭނާގެ ޕާޓީން ވަނީ ބުނެފަ އެވެ. ޓެންޒޭނިއާގެ ސިވިލް ސާވިސްގެ ވެރިޔާ ޖޯން ކިޖާޒީ ވެސް ވަނީ ބުދަ ދުވަހު އަވަހާރަވެފަ އެވެ. އޭނާ އަވަހާރަވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ޓެންޒޭނިއާ އިން ކޮވިޑްގެ ޑޭޓާ ހާމަނުކުރަންޏާ އެ ގައުމުގައި ކޮވިޑް ފެތުރިފައި އޮތް މިންވަރު ނޭނގޭނެ ކަމަށެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ގައުމުން ބޭރަށް ދަތުރުކުރާ ޓެންޒޭނިއާ މީހުން ޕޮޒިޓިވްވަމުންދާ ކަމަށެވެ.
"މިކަމުން ވެސް އަންގައިދެނީ ކޮރޯނާވައިރަހުން ޓެންޒޭނިއާގެ ރައްޔިތުންނާއި އެހެން ގައުމުތަކުގެ ރައްޔިތުން ރައްކާތެރިކުރަން ފިޔަވަޅުތައް އަޅަން ޖެހޭކަން،" އޭނާ ވިދާޅުވި އެވެ.
ރައީސް މަގުފުލީ ކުރިން ވިދާޅުވެފައި ވަނީ ޓެންޒޭނިއާގައި ވައިރަސް ނޫޅޭ އިރު އެ ވައިރަހުން ރައްކާތެރިވާން ފިޔަވަޅު އަޅަން ނުޖެހޭ ކަމަށެވެ. އެ ގައުމުގެ ހެލްތު މިނިސްޓަރު މި މަހު ކުރީކޮޅު ވިދާޅުވެފައި ވަނީ ވެކްސިން ދޭން ފަށަން ވެސް ގަސްދު ނުކުރާ ކަމަށެވެ.
ނަމަވެސް ހުކުރު ދުވަހު ބޭއްވި ކިޖާޒީގެ ޖަނާޒާގައި ރައީސް މަގުފުލީ ވަނީ ޓެންޒޭނިއާގައި ވައިރަސް އުޅޭ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ޓެންޒޭނިއާ އިން މިދިޔަ އަހަރު ވަނީ ކޮރޯނާވައިރަސް ބަލިކޮށްލާފައި ކަމަށާއި މި އަހަރު އަނެއްކާވެސް އެ ވައިރަސް ބަލިކޮށްލާނެ ކަމަށެވެ. އާދިއްތަ ދުވަހު މަގުފުލީ ވަނީ ރައްޔިތުން މާސްކް އެޅުމަށް އިލްތިމާސް ކުރައްވައިފަ އެވެ. ނަމަވެސް ޓެންޒޭނިއާގައި ހަދާ މާސްކް ބޭނުން ކުރަން އޭނާ އެދިވަޑައިގެންނެވި އެވެ. އެއްވެސް ހެއްކެއް ދެއްކެވުމެއް ނެތި ވިދާޅުވީ އިމްޕޯޓްކުރާ މާސްކް ރައްކާތެރި ނޫން ކަމަށެވެ.