ސައުތު އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އެސް.އެސް ރާޖްމޯލީގެ "ބާހުބަލީ: ދަ ބިގިނިން" އަށް ފަހު އެކްޓަރު ޕްރަބާސް 5،000 އެއްހާ ކައިވެނީގެ ހުށަހެޅުން ލިބުނު ކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 42 އަހަރުގެ ޕްރަބާސްގެ ނަން އެ ފިލްމާ އެކު މުޅި ދުނިޔެ އަށް ވިދާލިޔަސް އޭނާ އަކީ ތެލޫގޫ ސިނަމާގައި ކުރިން ވެސް އެންމެ މަޝްހޫރު އެއް ނަމެވެ. އަދި އެ އިންޑަސްޓްރީގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް އެކްޓަރެވެ.

"ބާހުބަލީ" ގައި ޕްރަބާސް ދައްކާލި ވަރުގަދަ ހުށަހެޅުމާ އެކު އެއްރެއިން ކަހަލަ ގޮތަކަށް އެކި ގައުމުތަކުގައި އޭނާގެ މަޝްހޫރު ކަން އިތުރުވިއިރު، އޭނާގެ ރީތިކަމުގެ ޖާދޫގައި ވެސް އެތައް ބަޔަކު ޖެހުނެވެ.

ޕްރަބާސް ބުނީ ބާހުބަލީ އަށް ފަހު އޭނާ އަށް އެހާ ގިނަ ކައިވެނީގެ ހުށަހެޅުން ލިބުމުން ވަރަށް ހައިރާންވި ކަމަށެވެ. ކައިވެނި ކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި އެކަމަކު ކައިވެނިކުރާނީ ސީދާ ކޮންއިރަކު ކަމެއް ބުނަން އަދި ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އެ ވާހަކަ އޭނާ ދެއްކީ އޭނާގެ އާ ފިލްމު، "ރާދޭ ޝްޔާމް" ގެ ޕްރޮމޯޝަންގެ ތެރެއިންނެވެ. އޭނާއާ އެކު އެ ފިލްމުގެ ބަތަލާ ޕޫޖާ ހެޖް ވެސް އެތަނުގައި ހުއްޓާ ޕްރަބާސް ބުނީ އޭނާގެ މަންމަ ބޭނުންވަނީ އޭނާ އަވަހަށް ކައިވެނިކުރަން ކަމަށެވެ.

"ބާހުބަލީ އަށް ފަހު އަހަރެން ބުނިން ކައިވެންޏާ މެދު ވިސްނާނަމޭ. އެކަމަކު އަހަރެން ބޭނުންވަނީ އަހަރެން ލޯބިވާ މީހަކާ ކައިވެނިކުރަން،" އޭނާ ބުންޏެވެ.

ޕްރަބާސް ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅޭ ކަމެއް ނޭނގެ އެވެ. އެކަމަކު މީގެ ދެތިން އަހަރެއް ކުރިން، އޭނާއާ ތެލޫގޫ ބަތަލާ އަނުޝްކާ ޝެޓީ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ގަދަވިޔަސް، އެމީހުން ބުނަނީ އެއީ ގާތް ރަހުމަތްތެރިން ކަމަށެވެ.

ބާހުބަލީގެ ފުރަތަމަ ބައި 2015 ވަނަ އަހަރު ރިލީޒް ކުރިއިރު ދެވަނަ ބައި ނެރުނީ 2017 ގަ އެވެ. އެ ފިލްމަކީ ވަރަށް ބޮޑު ހިޓެކެވެ.