ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތު މާފުށީ ޖަލުގައި މިރޭ އަމިއްލައަށް ދަންޖެހިގެން މަރުވާން މަސައްކަތްކޮށްފި އެވެ.

ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މުއްރަތު ހުންނަ ގޮޅީގައި ދަންޖެހިގެން މަރުވާން އުޅެނިކޮށް، އޭނާ ވަނީ ސަލާމަތްކޮށްފަ އެވެ. އަދި އޭނާއަށް މާފުށީ ސިއްހީ މަރުކަޒުގައި ޑޮކްޓަރަށް ދެއްކުމަށް ފަހު އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"މުއްރަތުގެ ހާލު ރަނގަޅު. ބޭރު ފުށުން އެއްވެސް އަނިޔާއެއް ވެފައެއް ނެތް. ހަމައެކަނި ބެޑްޝީޓް ކަރުގައި އޮޅާލިކަން އެކަނި. އެ މަންޒަރު ޑިއުޓީގައި ތިބި މީހުންނަށް ފެނިގެން މި ސަލާމަތްކުރީ،" އޮފިޝަލް ވިދާޅުވި އެވެ.

ޖަލުގެ ގޮޅީގައި މިވަގުތު މުއްރަތު ހުންނަނީ އެކަނި ކަމަށްވެ އެވެ. އެކަމަކު މުއްރަތުގެ ހަރަކާތްތައް ފެންނަ ގޮތަށް އެ ގޮޅީގައި ކެމެރާ ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ނަޖީބު މަރާލިކަން މުއްރަތުގެ މައްޗަށް ސާބިތުވެ އޭނާ މެރުމަށް ދަށު ކޯޓާއި ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ މިދިޔަ މަހު ތާއީދުކޮށްފަ އެވެ. އޭގެ ނަތީޖާއަކީ އިސްތިއުނާފުގެ ހުރިހާ ދޮރެއް މުއްރަތަށް މިހާރު ބަންދުވެފައި ވުމެވެ.

ނަޖީބު މަރާލާފައި ވަނީ ޖުލައި 2012 ގައި މ. މަސްރޫރާގޭ ކޮޓަރިއެއްގެ ތެރޭގައި އޭނާ ބަނދެފައި ބެއިންދުމަށް ފަހު، ކަރަށް ވަޅިން ހަމަލަދީގެންނެވެ.

މުއްރަތުގެ އިތުރުން އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާގެ މައްޗަށް ވެސް ދަށު ކޯޓާއި ހައި ކޯޓުން ވަނީ މަރުގެ އަދަބު ކަނޑައަޅައިފަ އެވެ. އެކަމަކު ހަނާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ކަމެއް އަދި ޔަގީނެއް ނޫނެވެ.