ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ ގާތިލު އަހުމަދު މުއްރަތު މެރުމަށް ދަށު ކޯޓާއި ހައި ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް، ސުޕްރީމް ކޯޓުން އެ ހުކުމް މިއަދު ދަމަހައްޓައިފި އެވެ.
ޖުލައި 2012 ގައި މ. މަސްރޫރާގޭގެ ކޮޓަރިއެއްގެ ތެރޭގައި ނަޖީބު ބަނދެފައި ބެއިންދުމަށް ފަހު އޭނާގެ ކަރަށް ވަޅިން ހަމަލާދީ މަރައިލި މައްސަލައިގައި އެގޭ އަހުމަދު މުއްރަތު މަރަން ކުރި ހުކުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދު ކުރުމާ އެކު އިސްތިއުނާފްގެ ހުރިހާ ދޮރެއް އޭނާ އަށް ބަންދުވީ އެވެ.
މަރުގެ އަދަބުން މުއްރަތަށް ސަލާމަތްވެވޭނެ ދެން ހަމައެކަނި މަގަކީ ނަޖީބުގެ ވާރިސުން ނުވަތަ ވާރިސަކު މުއްރަތަށް މައާފް ކުރުމެވެ. ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރަން ހުކުމްކުރާ މީހުންގެ އަދަބު ރައީސުލް ޖުމްހޫރިއްޔާ އަށް ވެސް ލުއި ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ހަމައެކަނި ވާރިސުންނަށް ކަމަށް ހައި ކޯޓުން ކުރިން ވަނީ ނިންމައިފަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފުލް ބެންޗުން އެ މައްސަލަ ބެލުމަށް ފަހު ކުރި ހުކުމުގައިވަނީ މުއްރަތު މަރަން ކުރި ހުކުމް ރަނގަޅު ކަމަށާއި އެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ނަޖީބު މަރައިލި ކަމަށް ދަށު ކޯޓުގައި މުއްރަތު އެއްބަސްވެފައިވާ ކަމަށާއި ފަހުން އިސްތިއުނާފް މަރުހަލާގައި މުއްރަތު ދައުވާ އަށް އިންކާރު ކުރިޔަސް މީހެއްގެ ހައްގެއް އެކުލެވޭ ކަމަކަށް އެއްބަސްވުމަށް ފަހު އެ ބަސް އަނބުރާ ނުގެންދެވޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި އޮންނަ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އަދި ތަހުގީގު މަރުހަލާ އާއި ޝަރީއަތުގައި މުއްރަތަށް ލިބެންޖެހޭ ހުރިހާ ހައްގުތަކެއް ލިބިދީފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
މުއްރަތުގެ އިތުރުން އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާގެ މައްޗަށް ވެސް ދަށު ކޯޓާއި ހައި ކޯޓުން ވަނީ މަރުގެ އަދަބު ކަނޑައަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހައެއްނާޅަ އެވެ.
މުއްރަތުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކީ އެ ކޯޓުގެ ތާރީޚުގައި މަރުގެ ހުކުމެއް ދެމެހެއްޓި ދެވަނަ މައްސަލަ އެވެ. އެ ކޯޓުން ފުރަތަމަ ނިންމި އެ ފަދަ މައްސަލައަކީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް މެރުމަށް ކޮށްފައިވާ ހުކުމަށް ތާއީދުކޮށް މިދިޔަ މަހު ކުރި ހުކުމެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެން މަރުގެ އަދަބު ދެވޭއިރު މަރުގެ އަދަބު ދޭން ހަމަޖައްސާފައިވާ ދުވަހު ވެސް، މަރުވި މީހާގެ ވާރިސަކު ގާތިލަށް މައާފްކޮށްފި ނަމަ އެ މީހަކު މަރުގެ އަދަބުން ސަލާމަތްވާނެ އެވެ. އެކަމަކު އެ ހާލަތުގައި ތައުޒީރީ އަދަބެއް އެ މީހަކަށް ދެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.