ގާނޫނީ ވަކީލް އަހުމަދު ނަޖީބް މަރާލި މައްސަލާގައި މަރަން ހުކުމްކޮށްފައިވާ އަހުމަދު މުއްރަތަށް ފުލުހުން ބިރު ދެއްކި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި އެކަމަކު ނަޖީބު މަރާލީ މުއްރަތު ކަމުގެ ހެކި އެބަހުރި ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ޖުލައި، 2012 ގައި މ. މަސްރޫރާ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ނަޖީބު ބަނދެފައި ބެއިންދުމަށް ފަހު އޭނާގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި އެގޭ މުއްރަތު މަރަން ދަށު ކޯޓާއި ހައި ކޯޓުން ވެސް ވަނީ ހުކުމްކޮށްފަ އެވެ. ނަޖީބް މަރާލި ކަމަށް ދަށު ކޯޓުގައި އެއްބަސްވިޔަސް މުއްރަތު މިހާރު ބުނަމުންދަނީ އޭރު އެއްބަސްވީ ބިރު ދެއްކުމުން ކަމަށެވެ.
މުއްރަތު މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އޭނާ އެއްބަސްވީ މަޖުބޫރުކުރުމުން ކަމަށް ބުނާ ނަމަ އެކަމަށް ބާރު ދޭނެ ގަރީނާއެއް ވިޔަސް އޮންނަން ޖެހޭނެ ކަމަށެވެ. އެކަމަކު މުއްރަތު އެ ކުށަށް އެއްބަސްވީ ބިރު ދެއްކުމުން ކަމަށް ބުނާނެ ހެއްކެއް މުއްރަތަށް ނުދެއްކޭ ކަމަށާއި އަނެއްކޮޅުން، ނަޖީބް މަރާލީ މުއްރަތު ކަމަށް ބާރު ދޭނެ ހެކި ލިބިފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވި ގޮތުގައި ތަފާތު ތިން ފަހަރެއްގެ މަތިން މުއްރަތު ވަނީ ކުށަށް އެއްބަސްވެފަ އެވެ. އެގޮތުން ދަށު ކޯޓުގެ ޝަރީއަތުގެ މަޖިލީހާއި މުއްރަތުގެ ބަންދާ މެދު ގޮތެއް ނިންމި މަޖިލީހުގައި މުއްރަތު ކުށަށް އެއްބަސްވިއިރު އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ދިއުމުން ވެސް ކުށަށް އެއްބަސްވި ކަމަށް ވަކީލް ވިދާޅުވި އެވެ.
ނަޖީބު މަރާލީ ކަރުގައި ޓީޝާޓާއި އިސްޓާކީނު އޮޅައިގެން ކަމަށް ދައުލަތުން ދަށު ކޯޓުގައި ބުނުމުން، އިިސްޓާކީނާއި ޓީޝާޓް އޮޅީ ލޭ މަނާކުރަން ކަމަށް މުއްރަތު ބުނެފައިވާ ކަމަށާއި އެހެންވެ އޭރު އޭނާ ހުރީ ސަލާމަތް ބުއްދީގައި ކަން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.
މިއަދުގެ އަޑުއެހުމުގައި އަމިއްލައަށް ވާހަކަ ދައްކަމުން މުއްރަތު ބުނީ އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރި މީހެއް ކަމަށާއި އެކަމަކު އިތުރު އެއްވެސް ކުށެއް އޭނާ ނުކުރާ ކަމަށެވެ. އަދި ދައުލަތުން ވާހަކަ ދައްކަނީ ހަދަހަދައިގެން ކަމަށް ބުނެ ސާބިތު ނުހިފޭ ވާހަކަ ދައުލަތުން ދައްކަމުންދާ ކަމަށް ބުންޏެވެ.
މުއްރަތު ކުރިން ވަނީ މަސްތުވާތަކެތި ބޭނުންކުރި ކަމަށް ހައި ކޯޓާއި ދަށު ކޯޓުގައި ވެސް ބުނެފަ އެވެ. އެހެންވެ އޭނާގެ ވަކީލް އަހުމަދު ޝާފިއު ވިދާޅުވީ މުއްރަތަކީ މަސްތުވާތަކެތި ބޭނުން ކުރުމުން ސަލާމަތްވާން ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށާއި ކުށަށް އޭނާ އެއްބަސްވިއިރު އޭނާގެ ބުއްދި ސަލާމަތުން ހުރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އެ ވާހަކައަށް ރައްދު ދީ، ދައުލަތުން ބުނީ މުއްރަތު ކުށަށް އެއްބަސްވިއިރު އޭނާ ދެއްކި ވާހަކަތަކުން އޭނާގެ ބުއްދި ސަލާމަތުން ހުރިކަން އެނގޭ ކަމަށެވެ. އެގޮތުން ނަޖީބު މަރާލީ ކަރުގައި ޓީޝާޓާއި އިސްޓާކީނު އޮޅައިގެން ކަމަށް ދައުލަތުން ދަށު ކޯޓުގައި ބުނުމުން، އިިސްޓާކީނާއި ޓީޝާޓް އޮޅީ ލޭ މަނާކުރަން ކަމަށް މުއްރަތު ބުނެފައިވާ ކަމަށާއި އެހެންވެ އޭރު އޭނާ ހުރީ ސަލާމަތް ބުއްދީގައި ކަން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބައްލަވާ އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނާނީ އިތުރު އަޑުއެހުމެއް ކަމެއް ނުވަތަ ހުކުމް ކުރުން ކަމެއް ވެސް އިއުލާން ކުރުމެއް ނެތި އެވެ.
ސުޕްރީމް ކޯޓަކީ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާ ކަމަށް ވާތީ މިއީ މަރުގެ އަދަބުން ސަލާމަތްވާން ޝަރުއީ މަރުހަލާގެ ތެރެއިން މުއްރަތަށް ލިބޭ އެންމެ ފަހު ފުރުސަތެވެ. ދަށު ކޯޓުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި ނަމަ މުއްރަތަށް މަރުގެ އަދަބުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ނަޖީބުގެ ވާރިސުން ނުވަތަ ވާރިސަކު އޭނާއަށް މައާފް ދިނުމެވެ.
އެ މައްސަލާގައި މުއްރަތުގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާގެ މައްޗަށް ވެސް ދަށު ކޯޓާއި ހައި ކޯޓުން ވަނީ މަރުގެ އަދަބު ކަނޑައަޅައިފަ އެވެ. އެކަމަކު އޭނާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިކަން ސާފެއް ނުވެ އެވެ. ހަނާ އަކީ ނަޖީބު މެރުމުގެ ކުރިން އޭނާ ބަނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާ އެވެ.