ނިއު ދިއްލީ (އެޕްރީލް 6) - ކަޝްމީރުގައި ދިން ހަމަލާތަކަށް ފަހު ޕާކިސްތާން އެކަހެރިކޮށްލަން އިންޑިއާ އިން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބު ކުރެވިއްޖެ ކަމަށް ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އާއްމު އިންތިޚާބުގައި ބީޖޭޕީގެ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ބޭއްވި އެއްވުމެއްގައި ސްވަރާޖް ވިދާޅުވީ އިސްލާމީ ގައުމުތަކުގައި ވެސް ޕާކިސްތާން ބާކީ ކޮށްލެވިއްޖެ ކަމަށެވެ.

"ދުނިޔޭގައި ޕާކިސްތާން ބާކީކޮށްލަން ކުރާ މަސައްކަތުގައި ކާމިޔާބު ހޯދިއްޖެ،" ހިންދީ ބަހުން ދެއްވި ތަގުރީރުގައި ސްވަރާޖް ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިފްތިތާހީ ޖަލްސާ އަށް 1969 ވަނަ އަހަރު އިންޑިއާ އަށް ދައުވަތު ދިން ނަމަވެސް އެ ފަހަރުގެ ބައްދަލުވުމުގައި އިންޑިއާ އަށް ބައިވެރި ނުވެވުނީ ޕާކިސްތާނުގެ ޕްރެޝަރާ ހެދި ކަމަށެވެ. ނަމަވެސް މާޗް މަހު ބޭއްވި އޯއައިސީގެ 50 ވަނަ އަހަރީ ބައްދަލުވުމުގައި އިންޑިއާ އިން ބައިވެރިވީ ޕާކިސްތާނުން އެތައް ފިއްތުމެއް ކުރިމަތިކުރަމުން ދަނިކޮށް ކަމަށް ވިދާޅުވި އެވެ.

ސްވަރާޖް ވިދާޅުވީ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ އިސްލާމީ ގައުމުތަކާ އެކު ވަރުގަދަ ގުޅުމެއް އުފައްދާފައި ކަމަށެވެ.