އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުން ސަންފްރޮންޓަށް 200،000 ޑޮލަރު (ތިން މިލިއަން ރުފިޔާ) ލިބުނު ކަމަށް ބުނެ ދައްކާ ވާހަކަތައް އެ ކުންފުނިން ރޭ ދޮގުކޮށްފި އެވެ.

ސަންފްރޮންޓުން ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގައި ދައުރުވާ ކޮރަޕްޝަނުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އެ ކުންފުނީގެ ނަން ހިމަނުމަކީ ހަގީގަތް ސާފު ނުވާގޮތަށް ހިންގާފައިވާ ޒިންމާދާރުކަން ކުޑަ އަމަލެއް ކަަމަށެވެ. އަދި ކޮރަޕްޝަނުގެ ފައިސާ ރޯލު ކުރާ ކަމަށް ބުނާ އެސްއޯއެފް ކުންފުންޏާއި ސަންފްރަންޓާ ދެމެދު އެއްވެސް ބާވަތެއްގެ މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށް ވަނީ ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ފައިސާގެ މުއާމަލާތް ކޮށްފައިވަނީ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ އަބްދުﷲ ރާފިއުއާ އެވެ. ނަމަވެސް އޭނާ އަތުން ޑޮލަރު ގަތުމަށް ދެ ލައްކަ ޑޮލަރަށް ވާ އަދަދަށް ބީއެމްއެލުން ދިވެހި ރުފިޔާ އޭނާއަށް ދީފައި ވާނެ ކަމަށް ވެސް ސަންފްރޮންޓުން ބުންޏެވެ. އަދި ދިވެހި ރުފިޔާ އޭނާއަށް ދީފައިވާނީ ދެ ފަހަރެއްގެ މަތިން ކަމަށް އެ ކުންފުނިން ބުންޏެވެ.

ސަންފްރޮންޓުން ޑޮލަރު ގަންނަން ފުރަތަމަ ފަހަރަށް ފައިސާ ދެއްކި ކަމުގެ ރަސީދު--
ސަންފްރޮންޓުން ޑޮލަރު ގަންނަން ފުރަތަމަ ފަހަރަށް ފައިސާ ދެއްކި ކަމުގެ ރަސީދު--

ސަންފްރޮންޓުން އާއްމުކޮށްފައިވާ ރަސީދުތަކުން ދައްކާގޮތުގައި އެ ކުންފުނިން ރާފިއުއަށް ވަނީ ދެ ފަހަރު މަތިން ދެ ލައްކަ ޑޮލަރަށް ވާ ދިވެހި ރުފިޔާ ދައްކައިފަ އެވެ. އެގޮތުން، ފުރަތަމަ ޕޭމަންޓް ޑިސެމްބަރު 18، 2014ގައި ހަދާފައިވާއިރު ދެވަނަ ޕޭމަންޓު ހެދީ ޑިސެމްބަރު 24، 2014ގަ އެވެ.

ސަންފްރޮންޓުން ޑޮލަރު ގަންނަން ދެވަނަ ފަހަރަށް ފައިސާ ދެއްކި ކަމުގެ ރަސީދު--
ސަންފްރޮންޓުން ޑޮލަރު ގަންނަން ދެވަނަ ފަހަރަށް ފައިސާ ދެއްކި ކަމުގެ ރަސީދު--

ސަންފްރޮންޓުން ވަނީ އެ ކުންފުންޏާއި އެ ކުންފުނީގެ ވެރިންގެ އަތުގައި ވައްކަމާއި ހިޔާނާތުގެ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި ހުރި ހުރިހާ ފައިސާއެއްގެ ސައްހަކަން ކަށަވަރު ކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.