ބައިސިކަލަށް ޚާއްސަ ޝޯރޫމެއް ސަންފްރަންޓުން އިއްޔެ ހުޅުވައިފި އެވެ.
"ސަން ފްރަންޓް ބައިކްސް" ގެ ނަމުގައި ހުޅުވި މި ފިހާރައިގައި ކުޑަކުދިންގެ ބައިސިކަލާއި މައުންޓަން ބައިކާއި ކާގޯ ބައިކް، އަދި ރޭސް ޖަހަން ކަމުދާ ސުޕާ ފާސްޓް ބައިސިކަލް ލިބެން ހުރެ އެވެ.
ސަން ފްރަންޓްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު މުހައްމަދު ނައުޝާދު ވިދާޅުވި ގޮތުގައި ބައެއް ބައިސިކަލްތަކުން 10 ޕަސެންޓުގެ ޑިސްއުންޓެއް ރޯދަމަސް ނިމެންދެން ލިބޭނެ އެވެ.
މަޖީދީ މަގުގައި ހުންނަ ސަން ފްރަންޓް ލިވިންގެ ކުރިމަތީގައި ހުޅުވާފައިވާ "ސަން ފްރަންޓް ބައިކްސް" ގެ ބޭނުމަކީ ބައިސިކަލުގައި އުޅުމަކީ ސިއްހަތަށާއި ތިމާވެއްޓަށް ވެސް ބޮޑު ފައިދާއެއް ކުރާނެ ކަމަކަށް ވާތީ ގިނަ ބަޔަކު ބައިސިކަލްގައި އުޅުމަށް ބާރު އެޅުން ކަމަށް ނައުޝާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައިސިކަލްގައި އުޅުމުން ލިބޭ ފައިދާއާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް ރޯދަމަހުގައި ހާއްސަ ހަރަކާތެއް ވެސް ބާއްވާނެ ކަމަށެވެ.
ސަން ފްރަންޓުގެ ބައިސިކަލް ޝޯރޫމްގައި ބައިސިކަލްގެ އިތުރުން އައިމާ މައިން ބްރޭންޑް ގެ ސްކޫޓަރު ވެސް ލިބެން ހުންނާނެ ކަމަށް އެ ފިހާރަ އިން ބުންޏެވެ. ތިމާވެއްޓާ ރައްޓެހި މި ސްކޫޓަރުގެ ސޯލް ޑިސްޓްރިބިއުޓަރަކީ ވެސް ސަން ފްރަންޓް ބައިކްސް އެވެ.
މާލޭގައި ކަރަންޓަށް ހިނގާ ޚަރަދަށް ބަލާއިރު މި ސްކޫޓަރުގެ ބެޓެރި ޗާޖް ކުރާ ކޮންމެ ފަހަރަކު ހޭދަވާނީ 5-7ރ. ކަމަށާއި އެއްފަހަރު ކުރާ ޗާޖުން ހަތަރު ދުވަހު ސްކޫޓަރު ދުއްވޭނެ ކަމަށް ނައުޝާދު ވިދާޅުވިއެވެ.
ސަން ފްރަންޓަކީ ފެށުނީއްސުރެ ބައިސިކަލް ވިއްކުމުގައި މަޝްހޫރު ތަނެކެވެ. ގިނަ ބަޔަކު ދަންނަ ޑާހޮން ބައިސިކަލަކީ ވެސް ސަން ފްރަންޓުން ވިއްކަން ފެށުމުން އެތައް ބައެއްގެ މަގުބޫލުކަން ހޯދި އެއްޗެކެވެ.