މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނ. މަނަދޫ ބަނދަރުގައި އޮތް "ސިޔާމް ވޯލްޑް" ރިސޯޓުގެ ލޯންޗެއް ފޭރުނު މައްސަލައިގައި ކުރި ދައުވާތައް ބަލަން ޖެހޭނީ މެޖިސްޓްރޭޓު ކޯޓުން ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ނ. މަނަދޫ، ދޯދި، ސަނީހު އަބޫބަކުރުގެ މައްޗަށް ދައުލަތުން މި އަހަރުގެ ފެބްރުއަރީ މަހު ތިން ދައުވާއެއް އުފުލީ، މިިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު، އެ އަތޮޅު ސިޔާމް ވޯލްޑް ރިސޯޓުގެ ލޯންޗެއް މަނަދޫ ބަނދަރުގައި އޮއްވައި އެ ލޯންޗަށް ވަޅިތަކެއް ހިފައިގެން އަރައި ބިރު ދައްކައިގެން ލޯންޗު ފޭރުނު ކަމަށް ބުނެ އެވެ.

ދައުވާގައިވާ ގޮތުން އޭނާ ލޯންޗަށް އެރުމުން ލޯންޗުގެ ކެޕްޓަނާއި ކްރޫ ބިރުން ލޯންޗުން ފޭބީ އެވެ. އެ މީހުން ފޭބުމުން އޭނާ ލޯންޗުގައި ރަށުން ފުރި ކަމަށްވެ އެވެ. އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުމުން ލޯންޗު ހޯދަމުން ދަނިކޮށް ފުލުހުންނަށް ލޯންޗު ފެނުނީ ޅ. މާފިލާފުށި ކައިރިންނެވެ. ކަނޑުމަތިން އެ ލޯންޗާ ކައިރިކޮށް ސަނީހު ހައްޔަރުކުރަން އުޅުމުން އޭނާ ވަޅިން ފުލުހުންނަށް ބިރުދެއްކި ކަމަށް ވެސް ދައުވާގައިވެ އެވެ.

އެ މައްސަލައިގައި ސަނީހުގެ މައްޗަށް ކުރީ އެނގިހުރެ މުދަލަކުން ހުއްދަނޫން ބޭނުންކުރުމުގެ ކުށާއި، މަގުބޫލު ސަބަބެއްނެތި އާއްމުތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ބިރުދެއްކުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައަކީ 100،000ރ. އަށް ވުރެ މަތީގެ މުދަލެއް ހިމެނޭ މައްސަލައަކަށްވެފައި ކުށަކީ ވައްކަމުގެ އާއިލާގެ ތެރޭގައި ހިމެނޭ ކުށެއް ކަމަށް ބުނެ ދައުލަތުން މައްސަލަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ.

ވައްކަން، ޓެކުން، ހިޔާނާތްތެރިވުން، މަކަރާއި ހީލަތް ހެދުން އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން 100،000ރ. އިން މަތީގެ އަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެ އަގުގެ މުދާ ހިމެނޭ މައްސަލަތައް ބެލުމުގެ އިހްތިސާސް މެޖިސްޓްރޭޓު ކޯޓުތަކަށް ލިބިގެން ނުވާ ކަމަށް ކޯޓުތަކުގެ ގާނޫނުގައި އޮވެ އެވެ.

އެކަމަކު، ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ، މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވަނީ މެޖިސްޓްރޭޓް ކޯޓަށް ކަމަށާއި ކްރިމިނަލް ކޯޓަށް އިހްތިސާސް ލިބިގެންްނުވާ ކަމަށެވެ. ރަޖިސްޓްރާގެ ނިންމުން އަލުން ބަލަން އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލަށް ފޮނުމުން ވެސް ނިންމެވީ އިހްތިސާސް ލިބިގެންވަނީ މެޖިސްޓްރޭޓް ކޯޓަށް ކަމަށެވެ. އެހެންވެ، ދައުލަތުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ.

ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ވައްކަން، ޓެކުން، ހިޔާނާތްތެރިވުން، މަކަރާއި ހީލަތް ހެދުން އަދި ފޭރުން ފަދަ ކުށްތަކަކީ ވަކިވަކިން ގާނޫނުގައި ތަފްސީލުކޮށްދީފައިވާ ކުށްތަކެއް ކަމަށެވެ. އަދި މި މައްސަލައިގައި ކުރި ދައުވާތަކަކީ އެ ކުށްތަކާ ގުޅޭ ދައުވާތަކެއް ނޫންކަން ފާހަގަކުރި އެވެ.

ހުކުމުގައި ބުނީ ގާނޫނެއްގައި އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، އެ ގާނޫނަކުން ވަކި މާނައެއް ދޭހަވާ ނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ ރަނގަޅުގޮތެއް ނޫން ކަމަށެވެ.

އެހެންކަމުން، ކޯޓުތަކުގެ ގާނޫނުގެ އެ މާއްދާގެ މާނައިގެ ތެރެއަށް މި މައްސަލައިގައި ހިމެނޭ ކުށްތައް ވަައްދައިފި ނަމަ އެއީ އެ މާއްދާއިން ދޭހަވާ މާނަ އިތުރަށް ފުޅާކުރުން ކަމަށް ހުކުމުގައިވެ އެވެ. އަދި ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ދައުވާ ކުރި ހާދިސާ ހިނގީ މަނަދޫ ބަނދަރުމަތީގައި ކަމާއި ދައުވާ ލިބޭ މީހާ އާއި މައްސަލައިގައި ހުށަހަޅާފައި ހުރި ހުރިހާ ހެކިން ދިރިއުޅެނީ ވެސް އެ ރަށުގައިކަން ފާހަގަކުރި އެވެ.

ހައި ކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރުން ހުސެއިން މަޒީދު، ހުޒައިފާ މުހައްމަދު އަދި މުހައްމަދު ފައިސަލް އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޒީދެވެ.