ދޮޅު މަސް ދުވަހުގެ މެދު ކެނޑުމަކަށްފަހު ސަން މީޑިއާ ރީބްރޭންޑްކޮށް މިއަދު އަލުން ލޯންޗްކޮށްފި އެވެ.
ސަން މީޑިއާ ގްރޫޕްގެ ދަށުން ހިންގާ ސަން އޮންލައިނާއި ޓީވީ އަދި ރޭޑިއޯ މެދުކަނޑާލާފައި ވަނީ އެ ކުންފުނީގެ ވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް، ވެރިކަން ހިންގާ ޕާޓީ ޕީޕީއެމާއެކު ޖެހުނު މައްސަލައެއްގެ ތެރެއިގައި، ރިޔާސީ އިންތިޚާބު ކުރިމަތިވެފައި ވަނިކޮށެވެ.
ސަން މީޑިއާ މިއަދު އަލުން ލޯންޗް ކުރުމަށް އާޓް ގެލެރީގައި ބޭއްވި ހަފުލާގައި ސަން އޮންލައިންގެ އެޑިޓާ އިން ޗީފް އަހުމަދު ޒާހިރު (ހިރިގާ ޒާހިރު) ވިދާޅުވީ، ރީބްރޭންޑް ކުރުމަށް ހުއްޓައިލި އިރު ސަން މީޑިއާއަކީ ރާއްޖޭގައި އެންމެ ކުރީގައި އުޅުނު ޚަބަރު ފަތުރާ ވަސީލަތް ކަމަށެވެ.
"މާތް ﷲގެ ވާގިފުޅާއެކު މާ ލަސްތަކެއް ނުވެ އަލުން އެ މަގާމަށް އަޅުގަނޑުމެން ދާނަން،" ހިރިގާ ވިދާޅުވި އެވެ.
ސަން މީޑިއާ ރީބްރޭންޑް ކުރަން ހުއްޓައިލި ވަގުތާ ގުޅޭ ގޮތުން ވެސް ހިރިގާ ވާހަކަ ދެއްކެވި އެވެ.
"ރީބްރޭންޑް ކުރުމަށް ސަން މީޑިއާގެ ހިދުމަތް މެދުކަނޑާލީ ވަރަށް ހައްސާސް ވަގުތެއްގައިކަން އަޅުގަނޑު ގަބޫލުކުރަން. އެހެން ނަމަވެސް އެ ހާލަތުގައި އެއީ އެކަމަށް އެންމެ ރަނގަޅު ވަގުތުކަން ވެސް އަޅުގަނޑު ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ހިރިގާ ވިދާޅުވީ މީޑިއާއަކީ ހަމައެކަނި ތާރީޚަށްޓަކައި ޚަބަރު ގެނެސްދޭ ބައެއް ނޫން ކަމަށާއި "އިމްޕެކްޓެއް ނޫނީ ނަތީޖާއެއް ނެރެވޭ ފަދަ ގޮތެއްގައި އަމަލު ކުރުން" މުހިންމު ކަމަށެވެ. އަދި ނޫސްވެރިކަމުގެ އިންތަކުގެ ތެރެއިން އެފަދަ ގޮތެއްގައި ކުރިއަށް އޮތް ތަނުގައި ވެސް ސަން މީޑިއާއިން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަން މީޑިއާގެ ކުޑައިގެ ދަށުގައި ހުރި ވަސީލަތްތަކުން ވާނީ މި ދެންނެވި ގޮތަސް ނަތީޖާ ނެރެވޭ މަސައްކަތްތަކެއް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަންގެ ކާމިޔާބީ ހާސިލްކުރާނީ ނޫސްވެރިކަމުގެ އިންތަކާއި މިންތައް ހިފަހައްޓަމުން ވާދަވެރި މާހައުލެއްގައި ކަމަށެވެ.
އަލުން ފެށި އިރު ސަން އޮންލައިންގެ ކުލަ އާއި ލޯގޯ އަދި ވެބްސައިޓަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.