ސަލްޓަންޕާކުގައި ބޮން ގޮއްވާލި މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށް ފަހު ދޫކޮށްލި އަބްދުއްލަތީފް އިބްރާހިމްގެ މައްޗަށް އެހެން ކުށެއް ސާބިތުވެ އެއް އަހަރަށް ޖަލަށް ލުމަށް އިއްޔެ ހުކުމް ކޮށްފި އެވެ.

ލ. ގަމު މީހެއް ކަމަށްވާ އަބްދުއްލަތީފް އެއް އަހަރާއި 12 ދުވަހަށް ޖަލަން ލާން ގަމު މެޖިސްޓްރޭޓްކޯޓުން ހުކުމްކުރީ މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ތިބި ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ލ. ގަމުން އޭނާ ހައްޔަރު ކުރަން ދިއުމުން އޭނާގެ ފޯން ދޭން އިންކާރުކޮށް ފޯނު ހަލާކުކޮށްލުމުން އުފުލި އަދުލުއިންސާފް ގާއިމުކުރުމަށް ހުރަސް އެޅިކަމުގެ ދައުވާ ސާބިތުވެގެން ކަމަށް ވަނީ އެނގިފަ އެވެ.

ޖަލު ތެރެއިން ރޭވި އެ އަމަލުތައް ހިންގަން މަސައްކަތް ކޮށްފައިވަނީ ރާއްޖޭން ބޭރުގައި ތިބި ބަޔަކާ ގުޅިގެން ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

މި މައްސަލާގައި ކުރި ހުކުމް ގަމު މެޖިސްޓްރޭޓް ކޯޓަކުން ނުދިނެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުލުހުން އަބްދުއްލަތީފް ހައްޔަރުކުރީ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ދެ ހާސް ހަތް ވަނަ އަހަރު، ސެޕްޓެމްބަރު 29 ވަނަ ދުވަހު ސަލްޓަންޕާކްގައި ބާރުގަދަ އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ލަތީފް އޭރު ވަނީ ރާއްޖޭން ފިލައިގެން ގޮސްފަ އެވެ. އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށް އޭނާ ހައްޔަރު ކުރީ 2012 އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ޕާކިސްތާނުން ރާއްޖެއަށް އޭނާ އައި ވަގުތު އެއާޕޯޓުންނެވެ.

އެ މައްސަލައިގެ ތުހުމަތު ކުރާ 10 މީހަކު ރާއްޖެ އިން ފިލައިގެން ދިޔަ އެވެ. ނަމަވެސް އޭގެ ތެރެއިން ނުފެނި ވަނީ ފަސް މީހެކެވެ.