ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މި ވަގުތު ހަތަރު ސްކޫލެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަމިން ކޮންސްޓްރަކްޝަން ކުންފުނިން އިމާރާތްކުރާ ސަލާހުއްދީން ސްކޫލާއި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އާރުސީސީން ހަދާ ސްކޫލް އަދި ދެ ޕްރީ ސްކޫލެއްގެ މަސައްކަތް ދެ ވަނަ ފިޔަވަހީގައި ކުރަމުން އަންނަ ކަމަށެވެ.

އެ ހަތަރު ސްކޫލުގެ އިތުރުން އެޗްޑީސީން ވަނީ އިތުރު ދެ ސްކޫލެއް އަޅަން މިނިސްޓްރީއާ އިއްޔެ ބިން ހަވާލުކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު އަދި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ވަނީ ސޮއިކުރައްވައިފަ އެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި އަޅަން ނިންމާފައިވާ ސްކޫލްތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނެ ކަމަށް ބެލެވެނީ ސަލާހުއްދީން އިމާރާތެވެ. އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނީ މި އަހަރުގެ ފަހުކޮޅަށް އެ ތަން ނިންމަން މަސައްކަތްކުރާ ކަމަށެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިތުރު ދެ ސްކޫލެއް އެޅުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް (ކ-2) އަދި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ރިޔާޒު (ވ-3) ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ:
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިތުރު ދެ ސްކޫލެއް އެޅުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް (ކ-2) އަދި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ރިޔާޒު (ވ-3) ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ:

އެ ސްކޫލް އަޅަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރީ، މި މަހަށް ނިންމާ ގޮތަށް، 118 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް ދެ ވަނަ ފިޔަވަހީގެ މަގުތަކުގައި ތާރުއެޅުމަށް އެ މަގުތައް ބަންދުކޮށްފައި އޮތުމުން މަސައްކަތް ލަސްވީ އެވެ.

މި ސަރުކާރުގެ ޕްލޭނަކީ ސްކޫލްތަކުގެ ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކުރުމެވެެ. އެ ސިޔާސަތަށް ބަލައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވެސް، މިހާރު ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރު ސްކޫލުތައް އިމާރާތްކުރަން ޖެހޭނެ އެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތް ކުރާނެ ބިން ކަނޑައަޅައި އެޗްޑީސީން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވެ އެވެ.