ސަރުކާރުން އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ރިލަޔަންސްގެ ޖިއޯ ކުންފުންޏާ ހަވާލުކޮށްގެން އަޅާ ސަބްމެރިން ކޭބަލްގެ ސާވޭގެ މަސައްކަތްކުރަމުންދަނިކޮށް ހުޅުމާލޭ ފަރަށް ގެއްލުންވެ، ދެ ލައްކައެއްހާ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ކުންފުނިން މި ސަބްމެރިން ކޭބަލް އެޅުމަށް ކުރާގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މާޗް މަހުގެ 29 ގަ އެވެ. ސަރުކާރު ހިއްސާވާ ކުންފުނި މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ލިމިޑެޓް (އެމްއެފްއެމްއެލް) ގެ ސަބްސިޑަރީ ކުންފުނި އޯޝަން ކަނެކްޓް މޯލްޑިވްސްގެ ދަށުން އެ ޕްރޮޖެކްޓް ފެށީ މަސް ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފައިގެންނެވެ. އެކަމަކު ހުޅުމާލޭގެ އިރުމަތިފަރާތު ފަރުބޭރުގައި ސާވޭތަކެއް ކުރަމުން ދަނިކޮށް ފަރަށް ގެއްލުންތަކެއްވެފައިވާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެ އެވެ.

އީޕީއޭ އިން ބުނީ "އޯޝަން ސާވެއާ" ބޯޓުގެ ހައިޕެޕް ސިސްޓަމުގެ ޔޫއެސްބީއެލް ޕޯލާއި އެ އުޅަނދުގައި ހަރުކޮށްފައި ހުރި މަލްޓިބީމް އިކޯސައުންޑަރު ފަރުގައި ޖެހިފައިވާކަމަށް އެ މަސައްކަތް ކުރަމުން އަންނަ ފަރާތުން އީޕީއޭއަށް އަންގާފައިވާ ކަމަށެވެ.

"އޯޝަން ސާވެއާ" ބޯޓުން ހުޅުމާލެ ކައިރި ސާވޭކުރަނިކޮށް ފަރުގައި ޖެހި ގެއްލުންވެފައިވޭ- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"އޯޝަން ސާވެއާ" ބޯޓުން ހުޅުމާލެ ކައިރި ސާވޭކުރަނިކޮށް ފަރުގައި ޖެހި ގެއްލުންވެފައިވޭ- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެހެންވެ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީގައި އީޕީއޭ އިން އޭޕްރީލް 13 ގައި އެ ސަރަހައްދުގެ ކަނޑުގައި ފީނައިގެން ސާވޭކުރިއިރު ފަރަށް ގެއްލުން ލިބިފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އީޕީއޭ އިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައި ވަނީ 198,112.73 ރުފިޔާ އިންނެވެ. އެ އަދަދުން ޖޫރިމަނާކުރީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން ކަމަށް އެ އެޖެންސީން ބުންޏެވެ.

އީޕީއޭ އިން އިއްޔެ ރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް އަންގާފައި ވަނީ 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށެވެ.

މީގެ ކުރިން ވެސް ބޯޓުފަހަރު ފަރަށް އަރައި ގެއްލުންވެ އެތައް މިލިއަނަކުން ޖޫރިމަނާކޮށްފައިވެ އެވެ.