އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކުރާނެ ކަމަށާއި، ތެލާއި ގޭހުގެ ވިޔަފާރީގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ދެން ފީ ނަގާނީ އެމެރިކާއިން ކަމަށް، ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
އެމެރިކާ އާއި އީރާނުން އަލުން ހަމަލާތައް ފަށައި ހާލަތު ގޯސްވަމުން ދަނިކޮށް ޓްރަމްޕް އޭނާގެ 'ޓްރޫތު ސޯޝަލް' ޕްލެޓްފޯމުގައި ލިޔުއްވާފައިވާ ގޮތުގައި، އެމެރިކާ ދެން މަޝްހޫރުވެގެންދާނީ "ހޮރުމޫޒް ކަނޑުއޮޅީގެ ބަލަދުވެރިޔާ" ގެ ގޮތުގަ އެވެ. އަދި އެ ސަރަހައްދުގެ ރައްކާތެރިކަން ބެލެހެއްޓުމަށް ހިނގާ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން، އެ އުޅަނދެއްގައި ހުރި މުދަލެއްގެ 20 ޕަސެންޓުގެ ފީއެއް އެމެރިކާއިން ނަގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އީރާނުގެ ބަނދަރުތައް ބަންދުކުރި ނަމަވެސް، އެހެން ހުރިހާ ގައުމުތަކަކަށް މިނިވަންކަމާ އެކު އެ ސަރަހައްދުން ދަތުރުކުރެވޭނެ ކަމަށެވެ.
ނަމަވެސް، އީރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާގެ މި ނިންމެވުމަށް ވަގުތުން ރައްދުދީފަ އެވެ. އީރާނުގެ ހާތަމުލް އަންބިޔާ އަސްކަރީ ކޮމާންޑުން ބުނި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިއަށް އަތްގަދަކުރަން އެމެރިކާއަށް އެއްވެސް ހާލަތެއްގައި ފުރުސަތެއް ނުދޭނެ އެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުން ވަނީ މިހާރު މި ކަނޑުއޮޅިއަކީ "ބަންދު" ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
މިދިޔަ ފެބުރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ހޮރްމޫޒް ކަނޑުއޮޅީގައި އެއްވެސް މައްސަލައެއް ކުރިމަތިނުވެ ދަތުރުކުރެވުނަސް، ހަނގުރާމައާ ގުޅިގެން އީރާނުން މިހާރު އެ ސަރަހައްދު ބޭނުންކުރަނީ އެމެރިކާއަށް ޕްރެޝަރުކުރާ އެންމެ ބޮޑު ހަތިޔާރުގެ ގޮތުގަ އެވެ.
މިދިޔަ އޭޕްރީލް މަހު ގާއިމުކުރި، ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށް ފަހު، މިހާރު ދެމުންދާ ހަމަލާތަކަކީ މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި ހަމަލާތަކެވެ. އެމެރިކާ އަސްކަރިއްޔާއިން ހޯމަ ދުވަހު އީރާނުގެ ދެކުނާއި ހުޅަނގުގެ އެތައް ސަރަހައްދަކަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 25 މީހުން މަރުވެފައިވާ ކަމަށް އީރާނުގެ ރަސްމީ މީޑިއާތަކުން ވަނީ ބުނެފަ އެވެ.
މި ހަމަލާތަކުގެ ރައްދުގައި އީރާނުގެ އަސްކަރިއްޔާއިން ވަނީ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. ބަހްރައިން، އުރުދުން، ކުވައިތު އަދި އޮމާނަށް ހަމަލާތައް ދީފައިވެ އެވެ. އުރުދުންގެ އަސްކަރިއްޔާއިން އީރާނުގެ ހަތަރު މިސައިލެއް ވައްޓާލާފައިވާއިރު، ބަހްރައިން އަދި ކުވައިތުން ވެސް ވަނީ އެ ގައުމުތަކުގެ ވައިގެ ދިފާއީ ނިޒާމުތައް އެލާޓަށް ގެނެސް، އީރާނުގެ ހަމަލާތަކުން ސަލާމަތްވެފަ އެވެ.
އީރާނުން ބުނަނީ އެގައުމުން ހަމަލާދެނީ ހަމައެކަނި އެމެރިކާގެ މަސްލަހަތުތަކަށް ކަމަށެވެ. ނަމަވެސް، އީރާނުގެ އަސްކަރީ ތަރުޖަމާނު ވަނީ ގަލްފުގެ އެއްވެސް ގައުމަކުން އެމެރިކާއަށް އެއްބާރުލުން ދީފި ނަމަ، އެއީ އީރާނާ ދެކޮޅަށް އިއުލާންކުރާ "ހަނގުރާމައިގެ އަމަލެއް" ކަމުގައި ބަލާނެ ކަމަށް ބުނެ ހަރުކަށި އިންޒާރެއް ދީފަ އެވެ.
ހަމަލާތައް ކުރިއަށް ދިޔަ ނަމަވެސް، ދާއިމީ ހައްލެއް ހޯދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް އޭނާ ވަނީ އީރާނުން އެއްބަސްވުންތަކާ ހިލާފުވަމުންދާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، ކުރިން ބްލޮކޭޑް އުވާލުމަށް ވީ ޖޫން މަހުގެ އެއްބަސްވުން މިހާރު ވަނީ "ނާޒުކު ފައްތަރެއްގައި" ކަމަށާއި، އެމެރިކާއިން އެއްބަސްވުމާ ހިލާފުވާ ނަމަ އީރާނުން ވެސް އެއަށް ބޯނުލަނބާނެ ކަމަށެވެ.
މި ނުތަނަވަސްކަމާ ގުޅިގެން، މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ގަތަރާއި، ޕާކިސްތާނާއި، އޮމާން މެދުވެރިވެގެން މަސްރަހު ފިނިކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އީރާނުން ބުންޏެވެ.