އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް މުދާ އުފުލަން ދެ ކޮޅުވެއްޓި ގެނެސްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން އަލަށް ގެނައި "އިތާ" އަކީ 250 މެޓްރިކް ޓަނުގެ އަދި 42.10 މީޓަރުގެ ދިގުމިނުގެ ކޮޅުވެއްޓިއެކެވެ. އޭގައި 5،000 ބަސްތާ އުފުލުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި 200 މެޓްރިކް ޓަނުގެ އަދި 37.50 މީޓަރުގެ ދިގުމިނުގެ "އައިލަ" ކޮޅުވެއްޓީގައި 4،000 ބަސްތާ އުފުލުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން އަލަށް ގެނައި ދެ ލޭންޑިން ކްރާފްޓް އިފްތިހާހުކުރަން ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވާހަކަދައްކަވަނީ. ފޮޓޯ: އެސްޓީއޯ
އެސްޓީއޯ އިން އަލަށް ގެނައި ދެ ލޭންޑިން ކްރާފްޓް އިފްތިހާހުކުރަން ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވާހަކަދައްކަވަނީ. ފޮޓޯ: އެސްޓީއޯ

އަލަށް ގެނައި ދެ ކޮޅުވެއްޓީގެ އޮޕަރޭޝަން ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، މި ދެ އުޅަނދުގެ ސަބަބުން އެސްޓީއޯ އިން އެހެން ބަޔަކަށް ބަރޯސާނުވެ، އެސްޓީއޯގެ ރީޖަނަލް އައުޓްލެޓް ތަކަށް ފަސޭހަކަމާއެކު މުދާ ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އެ އުޅަނދުތައް ބަރާބަރަށް މެއިންޓެއިން ކުރެވި، އައިއެސްއޯގެ މިންގަނޑަށް އޮޕަރޭޓް ކުރެވޭނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

އެ ހަފުލާގައި އެސްޓީއޯ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަބްދުލް ވާހިދު މޫސާ ވިދާޅުވީ ކޮންމެ އަހަރަކު ލަކުޑި އުޅަނދު ކުއްޔަށް ހިފުމަށާއި ބެލެހެއްޓުމަށް ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. އަދި އިންޑޮނީޝިއާ އިން ގެނައި ދެ ކޮޅުވެއްޓީގެ ސަބަބުން އެ ހަރަދު ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވާހިދު ވިދާޅުވި ގޮތުގައި ޑެމަރޭޖްގެ ގޮތުގައި އެސްޓީއޯއިން ދައްކަން ޖެހޭ ފައިސާގެ އަދަދު ވެސް މި އުޅަނދުތަކުގެ ސަބަބުން ކުޑަވާނެ އެވެ.