ބަޖެޓްގެ ޑެފިސިޓް ފޫބެއްދުމަށް ޓަކައި އަންނަ އަހަރު ވެސް ދަރަނި ނަގަން ޖެހޭ ކަމަށާއި އަންނަ އަހަރު ނިމޭއިރު ދަރަނި ހުންނާނީ ޖީޑީޕީގެ ނިސްބަތުންް 124 ޕަސެންޓްގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ހުށަހައްޅުއްވައި އަމީރު ވިދާޅުވީ އިގްތިސާދީ ކުރިއެރުން އަވަސްކޮށް، ކުރަންޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ. ނަމަވެސް މީގެ ސައިޑް އިފެކްޓަކަށް ވާނީ ދަރަނި އިތުރުވުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ކުރިން ލަފާކޮށްފައި ވަނީ 50 ބިލިއަނުގައި ހުންނާނެ ކަމަށެވެ. އެކަމަކު މިހާރު ބެލެވޭ ގޮތުގައި 70.4 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.

އަންނަ އަހަރަށް ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވާ 37.4 ބިލިއަން ރުފިޔާގެ ތެރެއިން އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ބެލެވެނީ 17.8 ބިލިއަން ރުފިޔާ އެވެ. ބާކީ ފައިސާ ހޯދާނީ ދަރަންޏަކަށް ފައިސާ ހޯދައިގެންނެވެ.

އަމީރު ވިދާޅުވީ މި ވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް، މެދުރާސްތާގައި ދަރަނި ކުޑަކުރެވޭނެ ކަމަށެވެ. އެގޮތުން މެދުރާސްތާގައި ދަރަނި ރަނގަޅުކުރަން ޖީޑީޕީ އިތުރުކުރަންޖެހޭނެ އެވެ.

"ޖީޑީޕީ މިހާރު ދަށަށްދާ ދިޔުން ހުއްޓުމަކަށް ގެނެސް، 2021 ވަނަ އަހަރު "ގްރޯތް ޕާތް" އަކަށް ދާންޖެހޭ. 2021 ވަނަ އަހަރު ބަޖެޓުގެ އަމާޒަކީ މިއީ. ސަރުކާރުގެ އަމާޒަކީ ނޮމިނަލް ޖީޑީޕީ ކުރިއަރާ މިންވަރު ދަރަނި މައްޗަށް ދާ މިންވަރަށްވުރެ މަތީގައި ބެހެއްޓުން،" އަމީރު ވިދާޅުވި އެވެ.

އެގޮތުން، އަމާޒަކީ ދަރަނި ނެގުމުގައި ކޮންސެޝަނަލް ލޯނު ނެގުން ކަމަށް އަމީރު ވިދާޅުވި އެވެ. މިކަމަށްޓަކައި ކްރެޑިޓަރުންގެ ކޮންފަރެންސެއް ބޭއްވުމުގެ މަސައްކަތްތައް ކުރެވެމުންދާކަން އަމީރު ވިދާޅުވި އެވެ.

"މިކަމުގައި ސަރުކާރުން ދަނީ ތަޖުރިބާކާރުންގެ ލަފާ އާއި އިރުޝާދު ބޭނުންކުރަމުން. ދަރަނީގެ ނިސްބަތް ދެމެހެއްޓެނިވި މަގަށް ގެނައުމަކީ ކުރަންޖެހޭ ކަމެއް. ދެމިހެއްޓެނިވި މަގަށް ގެނައުމަށް 'ފިސްކަލް ކޮންސޮލިޑޭޝަން' ނުވަތަ ކަމަރު ބާރުކުރުމަކީ މި ވަގުތު ބުއްދިވެރިކަމެއް ނޫން. ކަމަރު ބާރުކުރަން ވާނީ ރިކަވަރީ އަށް ފަހު." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މި އަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދު 29.3 ޕަސެންޓް ދަށަށް ދާނެ އެވެ. ރާއްޖޭގެ އިގްތިސާދު ދަށްވެ، ވަޒީފާތަކަށް އަސަރުކުރުމުން، ދައުލަތުން ވަނީ އިގްތިސާދު ހިފެހެއްޓައި، ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅައިފަ އެވެ.

އެގޮތުން، ކާޑާއި ޒަރޫރީ ތަކެތި ހޯދައި ސްޓޮކް ކުރުމަށް 84 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިކޮނޮމިކް ރިލީފްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ. އަދި އިންކަމް ސަޕޯޓުގެ ގޮތުގައި 116.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިއަހަރުގެ ބަޖެޓުގައި 29.9 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް ކޮވިޑް-19ގެ ސަބަބުން މިހާރު ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ 4.7 ބިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ހަރަދުތައް އިތުރުވެ އާމްދަނީ ދަށްވުމުގެ ސަބަބުން ރައްޔިތުންނާއި ވިޔަފާރިތަކަށް ދާއިމީ ގެއްލުންތަކެއް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެ ގެއްުން ވިޔަ ނުދިނުމަށް ދައުލަތުން ދަރަނި ނަގަން ޖެހެ އެވެ. ފިސްކަލް ޕޮލިސީ އަކީ ޤައުމުގެ އިގްތިސާދު ނެގެހެއްޓުމަށް އެހީތެރިވެވެން އޮތް އެންމެ މުހިއްމު ވަސީލަތެވެ. އެހެންކަމުން މި ދަނޑިވަޅަކީ ކައުންޓާސިކްލިކަލް ފިސްކަލް ޕޮލިސީއެއް ދަމަހައްޓަން ޖެހޭ ދަނޑިވަޅެއް ކަމަށް އަމީރު ވިދާޅުވިި އެވެ.