މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ގިނަ މަޝްރޫއުތަކެއް ހިންގަން ހިމަނާފައިވީ ނަމަވެސް އެ މަސައްކަތްތައް ކުރިއަށް ގެންދަން ފައިސާއެއް ނެތް ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ މަޝްރޫއުތަކެއް ބަޖެޓުގައި ޖަހާފައިވިޔަސް އެ ކަންކަމަށް ފައިސާގެ އަދަދުތަކެއް ހިމަނާފައި ނުވާ ކަމަށެވެ. މި އަހަރަށް ފާސްކުރީ ކުރީގެ ސަރުކާރުން މަޖިލީހަށް ފޮނުވި ބަޖެޓް ކަން ފާހަގަކުރައްވައި މަޝްރޫއުތައް ކުރިއަށް ގެންދަން ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބައެއް މަސައްކަތް އެބަހުރި އެއް މިލިއަން ރުފިޔާ ޖަހާފައި. މިސާލަކަށް ފެނުގެ މަޝްރޫއެއް ފަށަން، އޭގެއިން ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ. ޓެންޑާކޮށްފައި ބަޔަކަށް ހަވާލުކުރީމާ ފުރަތަމަ އެޑްވާންސް ޕޭމަންޓެއް ވެސް ނުދެއްކޭނެ،" އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތްތައް ތަރުތީބުކޮށްގެން މިގެންދަނީ ބަޖެޓުގައި ފައިސާ ހުރި މިންވަރަކުން އަހަރުގެ ކޮން ހިސާބެއްގައިތޯ ފަށާނީ،" އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބަޖެޓުގައި ހިމެނި ނަމަވެސް މިހާތަނަށް މަސައްކަތް ފަށާފައި ވަނީ 36 މަޝްރޫއެއްގައި ކަމަށެވެ. އެ ހުރިހާ މަޝްރޫއަކީ ވެސް ފައިސާ ހަމަޖެހިފައި ހުރި މަސައްކަތްތައް ކަން ފާހަގަކުރެއްވި އެވެ.
ބަޖެޓުގައި މި އަހަރަށް ހިމެނި ބައެއް މަޝްރޫއުތައް
- ބަނދަރު 43
- މަގު ހެދުން 19
- ފެނާއި ނަރުދަމާ 53
- ސާފު ބޯފެން 39
- ނަރުދަމާ 12
- ގޮނޑުދޮށް ހިމާޔަތްކުރުން 20
- އެއާޕޯޓްތަކާއި ޕޯޓްތައް 20
- ބިން ހިއްކުން 20
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ހަވާލުކޮށްފައިވާ މަސައްކަތްތަކަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. ކުރީގައި ހަވާލުކޮށްފައިވާ މަސައްކަތްތަކާ އެކު މަޝްރޫއުތަކުގެ ޖުމްލަ އަދަދު 1.7 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ބަޖެޓުގައި ހިމަނާފައި އޮތް މަޝްރޫއެއް ނަމަ ކޮންމެވެސް ވަރަކަށް މި އަހަރު މަސައްކަތް ފެށުން ކަމަށެވެ. ފައިސާ ނެތަސް ބަޖެޓުގައި އޮތް އެއްވެސް ކަމަކާ އަޅާނުލައި ދޫކޮށް ނުލައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މި އަހަރު ކުރިއަށް ގެންދާނެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމާއި މާލެ އާއި ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާލުން ހިމެނެ އެވެ. މި ބްރިޖްތައް އެޅުމަށް ޑިޒައިން އެކުލަވާލައި ކޮންސަލްޓަންޓަކު ހޯދަމުން އަންނަ އިރު، ޕޯޓް ބަދަލުކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކުރިއށަށް ގެންދާ ކަމަށް ވިދާޅުވި އެވެ.
މި ދެ މަޝްރޫއުގެ ވެސް އަމަލީ މަސައްކަތް ފަށަން އޮތީ އަންނަ އަހަރު ކުރީކޮޅެވެ.
"ދެން އޮތް އެންމެ ބޮޑު މަޝްރޫއަކީ އައްޑޫ ޑިވެލޮޕްމެންޓް. އައްޑޫގެ ވިޝަނާ އެއްގޮތަށް ޕްރޮޖެކްޓްތަކެއް އަޅުގަނޑުމެންނަށް ތައްޔާރުކުރެވިގެން އެ މަސައްކަތް ކުރަމުން މިގެންދަނީ. އައްޑޫ ވިޝަން ކުރިއަށް ގެންދިއުމަށް ހުރި ޕްރޮޖެކްޓްތައް އެކުލަވާލުމުގެ މަސައްކަތް މިގެންދަނީ ކުރަމުން،" އަސްލަމް ވިދާޅުވި އެވެ.
މީގެ އިތުރުން އޮތް އަނެއް މަޝްރޫއަކީ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލަން ކުރިއަށް ގެންދާ ޑޮމެސްޓިކް މެރިޓައިމް ޓްރާންސްޕޯޓް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.