ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ދޫކުރުމަށް މިހާރު ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ފައިސާ ދޫކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ލަސްވީ ގާނޫނީ ގޮތުން އެކަމަށް ކުރިމަތިވި ފުށޫއެރުންތަކުގެ ސަބަބުންނެވެ. ނަމަވެސް މިހާރު އެކަމަށް ހުރަހެއް ނެތުމުން ވީ އެންމެ އަވަހަކަށް ފައިސާ ދޫކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފައިސާ ދޫކުރުމަށް މިހާރު ގާނޫނީ އެއްވެސް ހުރަހެއް ނެތް. އެހެންވެ، އަޅުގަނޑުމެން މިހާރު މި ކުރަނީ ފައިސާ ދޫކުރުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް،" އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް އިން ކަނޑައަޅާފައިވާ ގޮތުން ކައުންސިލް އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ 14 ގަ އެވެ.

އިންތިހާބުގެ ކަންކަމުގެ ހަރަދަށް ފައިސާ ބޭނުންވާނެތީވެ، އެ ފައިސާ ވީހާވެސް އަވަހަކަށް ހަމަޖައްސައިދިނުމަށް ޕީޕީއެމާއި އެމްޑީޕީން ވެސް ވަނީ އެދިފަ އެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކަށް ފައިސާ ދޭން ޖެހުނު ނަމަވެސް މިހާތަނަށް އެ ފައިސާ ދީފައި ނުވަނީ އީސީން ބުނާގޮތުގައި މެމްބަޝިޕް ފޯމްތަކުގައި ފިންގަޕްރިންޓް ނުޖަހައި ހުރުމުން ފޯމުތަކުގެ ސައްހަކަމާ މެދު ކޯޓުން ގޮތެއް ނުނިންމަނީސް، ޕާޓީތަކުން މެންބަރުން އުނިކުރުމުގެ އެއްވެސް ކަމެއް ނުކުރަން ހައި ކޯޓުން އަމުރުކޮށްފައިވާތީ އެވެ.

އެކަމަކު މަޖިލީހުން ފާސްކުރި ގާނޫނުން އެ އަމުރު ނަފީވެފައިވާތީ މިހާރު ފައިސާ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.

މިދިޔަ އަހަރު ތިބި މެމްބަރުންގެ އަދަދަށް ބަލައި އެމްޑީޕީއަށް މި އަހަރު ދޭން ޖެހޭ އަދަދު ގާތްގަނޑަކަށް 14 މިލިޔަން ރުފިޔާއަށް އަރަ އެވެ. މިއީ ރެކޯޑް އަދަދެކެވެ. ދެ ވަނައަށް މެންބަރުން އެންމެ ގިނަ ޕާޓީ، ޕީޕީއެމަށް ނުވަ މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.