ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގެ އޮފީސްތަކަށް އަންގައިފި އެވެ.
ފިނޭންސް މިިނިސްޓަރު އަހުމަދު މުނައްވަރު އިއްޔެ ފޮނުއްވި ސާކިއުލާއެއްގައި ފަސް ކަމެއް ކުރުމަށް އަންގާފައިވެ އެވެ. އެއީ އާ މަގާމުތައް ނުއުފެއްދުމާއި މިހާރު ދެމުން އަންނަ އެލަވެންސްގެ އިތުރުން އެހެން އެލަވެންސެއް ނުދިނުމާއި އިތުރު ގަޑީގައި އޮފީސް ހުޅުވައިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ނޫނީ ނުކުރުމަށެވެ. އަދި އެއްވެސް މަގާމަކަށް މުވައްޒަފުން ހޯދުމުގެ ކުރިން، އެ އިދާރާއެއް ހިންގުމާ ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާގެ ހުއްދައާ އެކު ފިނޭންސް އަށް ހުށަހަޅައި އެ މިނިސްޓްރީގެ ހުއްދަ ހޯދަން ވެސް ވަނީ އަންގައިފަ އެވެ.
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ރާއްޖެއިން ބޭރަށް ނުކުރުމަށާއި އެ ދަތުރުތައް ވެސް ފިނޭންސްގެ ހުއްދަ ނަގައިގެން ކުރުމުގެ އިތުރުން، މިނިސްޓަރުންނާއި އެ ފެންވަރުގެ ބޭފުޅުން ނޫން ފަރާތްތައް ރާއްޖެއިން ބޭރަށް ދަތުރު ކުރައްވާ އިރު އިކޮނޮމީ ކްލާސް ބޭނުން ކުރުމާއި ސްޓަޑީ ޓުއާތަކާއި ކުރު މުއްދަތުގެ ކޯސްތަކަށް މިއަހަރު އިތުރު މުވައްޒަފުން ނުފޮނުވުމަށް ވެސް އަންގައިފައިވެ އެވެ. ބޭރަށް ކުރާ ދަތުރުތަކުގައި ޕޮކެޓް މަނީ ދިނުން ހުއްޓާލަން އެދިފައިވާ އިރު، ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި އިންސިޑެންޝަލް ފައިސާ އަތަށް ދިނުމުގެ ބަދަލުގައި، އެ ފައިސާ ދިނުމުގެ ކުރިން ބިލްތަކުގެ ކޮޕީއާ އެކު ފިނޭންސަށް ލިޔެ ހުއްދަ ހޯދުމަށް ވެސް ވަނީ އަންގައިފަ އެވެ.
އަދި ރަށްރަށަށް ދަތުރުކުރާ އިރު ފެރީގެ ހިދުމަތް ލިބެން ހުންނަ ސަރަހައްދުތަކުގައި އެ ހިދުމަތުގެ ބޭނުން ހިފުމަށާއި ރަށްރަށުގައި ހުރުން އަދި ކެއުން ވެސް ވީހާ ވެސް ހަރަދު ކުޑަވާނެ ގޮތަކަށް ހަމަޖެއްސުމަށް ވެސް ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން، މުނާސަބަތުތައް ފާހަގަކުރުން މަޑު ޖައްސާލުމަށް ވެސް ސާކިއުލާގައި އަންގައިފައިވެ އެވެ.
އޮފީސްތަކުން މިއަހަރު ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ފިޔަވާ އިތުރު އެއްވެސް މަރާމާތެއް ނުކުރުމަށާއި ޕީއެސްއައިޕީ ފިޔަވައި އެހެން ހުރިހާ ކެޕިޓަލް ހަރަދެއް މިއަހަރު ކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފަ އެވެ. މަރާމާތުގެ ހަރަދު 15،000ރ. އަށް ވުރެ ބޮޑުވާ ނަމަ އަދި ކެޕިޓަލް ހަރަދެއް ކޮންމެހެން ކުރަން ޖެހިއްޖެ ނަމަ ފިނޭންސްގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
"ރާއްޖޭގެ ތަރައްގީ އަށް ރާވާފައިވާ މަޝްރޫއުތަކުގެ ތެރެއިން މުހިންމު މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށާއި ބަޖެޓް ޑެފިސިޓް ކުޑަކުރުމަށްޓަކައި ދައުލަތުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް އެދެމެވެ،" ސާކިއުލާގައިވެ އެވެ.
ކޮންމެ އަހަރަކު ވެސް ފަހު ދުވަސްވަރާ ދިމާކޮށް ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ފިނޭންސް މިނިސްޓްރީން އަންގަ އެވެ. އެގޮތުން، އިތުރު މުވައްޒަފުން ނެގުމާއި ބޮޑެތި ހަރަދުތައް ކުރުން ހުއްޓައިލަ އެވެ.
ދައުލަތުގެ މި އަހަރުގެ 27.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި 21.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ޖަހާފައިވެ އެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހޯދަން ނިންމާފައިވަނީ ޓެކްސް އިތުރުކޮށްގެންނާއި އާ ޓެކްސްތައް ނަގައިގެންނެވެ.