އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް ދައުލަތުގެ ބަޖެޓުގެ ތެރެއިން ފަސޭހައިން އެހީތެރިކަން ދެވޭ ނިޒާމެއް ކަމަށްވާ ޖެންޑާ އީކުއަލިޓީ އެންޑް ސޯޝަލް އިންކްލޫޝަން (ޖީއީއެސްއީ) ގެ އުސޫލުގެ ދަށުން 12 ބިލިއަން ރުފިޔާ ކަނޑައަޅައި ހަތަރު އިދާރާއަކަށް އެ ބަޖެޓް ހާއްސަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުން ޖީއީއެސްއީ ބަޖެޓިންއަށް ހާއްސަކުރަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އާއި ޕެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އެވެ.
ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތަށް މި އުސޫލުން ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ގެންދާ ބޭނުމަކީ ސަރުކާރުން އެންމެ އިންސާފުވެރިކޮށް، އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ބަޖެޓުން ހަރަދު ކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމެވެ. އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެންމެ ބޮޑަށް އެހީ ބޭނުންވެފައިވާ ގޭބީސީތަކާއި އުޅޭ ރަށުގެ ސަބަބުން އެންމެ އެކަށީގެންވާ ވަސީލަތްތައް ނެތް ސަރަހައްދުތަކުގައި އުޅޭ ފަރާތްތަކަށް ވެސް ބަޖެޓުން ހޭދަކުރެވޭ ގޮތްތައް ދެނެގަނެވި، އެފަދަ ފަރާތްތަކަށް ބަޖެޓު ހާއްސަކުރާނެ އެވެ.
ޖީއީއެސްއައި ބަޖެޓިން އުސޫލުން ހާއްސަ ގްރޫޕްތަކަށް ހިންގާ ހަރަކާތްތަކާއި ޕްރޮގްރާމްތައް ބަޖެޓުގައި ހިމަނާ އިރު، އަންނަ އަހަރުން ފެށިގެން މި އުސޫލުން ބަޖެޓު ކުރާނެ އެވެ. ފިނޭންސުން ވަނި 2027 އިން 2029 ވަނަ އަހަރުގެ ބަޖެޓުގައި އެ އުސޫލުން ހިންގާނެ ކަންކަން ބަޖެޓު ކުރަން އެ އިދާރާތަކަށް ފުރުސަތު ދީފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް ސަރުކާރު ބަޖެޓު ހުށަހަޅަން ޖެހެނީ އޮކްޓޫބަރު މަސް ނިމުމުގެ ކުރިންނެވެ.