އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި އިޒްރޭލަށް ތާއީދުކުރާތީ ގިނަ ބަޔަކު ދުނިޔޭގެ މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސް ބޮއިކޮޓް ކުރަމުންދާތީ، އެ ކުންފުންޏަށް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ވެއްޖެ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ހުންނަ ސްޓާބަކްސް ކެފޭތައް ގިނަ ބަޔަކު ބޮއިކޮޓް ކުރަން ފެށީ، މިދިޔަ އޮކްޓޯބަރު މަހު އެ ކުންފުނީގެ މުވައްޒަފުންގެ ޔޫނިއަނުން ފަލަސްތީނުގެ ދިފާއުގައި ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓަކާ ގުޅިގެން އެ ޔޫނިއަންއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ.
ސްޓާބަކްސްގެ ކެފޭތަކަށް ގެއްލުން ދިނުން ފަދަ ހާދިސާތައް ވެސް ހިނގާފައިވާ އިރު، އެ ކުންފުނީގެ ސީއީއޯ ލަކްޝްމަން ނަރަސިމްހަން ވަނީ ސްޓާބަކްސްއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.
އަދި ސްޓާބަކްސްއަކީ އަބަދުވެސް އިންސާނިއްޔަތާ އެއްކޮޅު، ހަމަނުޖެހުމާ ދެކޮޅު ކުންފުންޏެއް ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވައިފަ އެވެ.
ސްޓާބަކްސްއަށް ވަމުންދާ ގެއްލުމުގެ ސީދާ ތަފްސީލެއް އެ ކުންފުނިން އަދި ހާމަކޮށްފައި ނުވި ނަމަވެސް، އެ ކުންފުނީގެ ހިއްސާގެ އަގު ވެއްޓި ގާތްގަނޑަކަށް 11 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެ ކުންފުނިން އަންނަނީ އެކި ޕްރޮމޯޝަންތައް ހިންގައި، ސޭލްސް އިތުރުކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ. ނަމަވެސް، ލަންޑަނާއި ދުބާއީ އަދި އޮސްޓްރޭލިއާގެ ގިނަ ސިޓީތަކުގައި ވެސް ސްޓާބަކްސްގެ ކެފޭތައް ހުސްކޮށް ހުންނަ ވީޑިއޯތައް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފަ އެވެ.
ސްޓާބަކްސްގެ އިތުރުން، އިޒްރޭލަށް ތާއީދުކުރާ ގިނަ ކުންފުނިތަކެއްގެ އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ދަނީ ބޮއިކޮޓް ކުރަމުންނެވެ.