މަޝްހޫރު ފިލްމު ފްރަންޗައިޒް "ސްޓާ ވޯޒް" ގެ އާ ސީރީޒެއްގެ ޓްރެއިލާއަކާ އެކު އިތުރު ތިން ފިލްމެއް އިއުލާނުކޮށްފި އެވެ.
ޔޫރަޕްގައި އޮތް ސްޓާ ވޯޒް ސެލެބްރޭޝަނެއްގައި އެ ތިން ފިލްމު ރަސްމީކޮށް އިއުލާނުކޮށްދެއްވީ ޑިޒްނީގެ ސަބްސިޑަރީ ކުންފުނި "ލޫކަސްފިލްމްސް" އާ ހަވާލުވެ ހުންނެވި ކެތުލީން ކެނެޑީ އަދި އެކްޓްރެސް ޑެއިޒީ ރިޑްލީ އެވެ.
އެ ތިން ފިލްމު ޑައިރެކްޓުކުރާނީ ޖޭމްސް މަންގޯލްޑާއި ޑޭވް ފިލޯނީ އަދި ޝަރްމީން އޮބެއްދި-ޗިނޯއީ އެވެ. ފިލްމުތަކަށް ނަމެއް އަދި ނުނިންމަ އެވެ.
އޭގެ އިތުރުން، ޑިޒްނީ ޕްލަސް އިން އިއްޔެ ވަނީ އެ ފްރަންޗައިޒްގެ އާ ސިރީޒް "އާސޯކާ" ގެ ޓްރެއިލާއެއް ދައްކާލައިފަ އެވެ.
އެ ސީރީޒަކީ ޑިޒްނީ ޕްލަސްގެ "ދަ މެންޑަލޯރިއަން" ގެ ސްޕިންއޮފެކެވެ. މީގައި ކިޔައިދެނީ ޓުގްރޫޓާ ޖެޑާއި، އާސޯކާ ޓާނޯގެ ވާހަކަ އެވެ.
އާސޯކާ އަކީ ސްޓާ ވޯޒް ޔުނިވާސްގެ ވަރަށް މަގްބޫލު ކެރެކްޓާއެކެވެ. އޭނާ އެންމެ ފުރަތަމަ ފެނުނީ 2008 ވަނަ އަހަރު ނިކުތް އެނިމޭޓެޑް ފިލްމު "ސްޓާ ވޯޒް: ދަ ކްލޯން ވޯޒް" އިންނެވެ. އޭގެ އިތުރުން، "ސްޓާ ވޯޒް ރިބެލްސް" އާއި 2020 ވަނަ އަހަރު ނިކުތް "ދަ މަންޑަލޯރިއަން" އަދި މިނިސީރީޒް "ޓޭލްސް އޮފް ޖެޑާއި" ގައި އާސޯކާ އުޅުނެވެ.
އެ ސީރީޒްގައި އާސޯކާގެ ރޯލު ކުޅޭނީ މާވެލްގެ "ޑެއާޑެވިލް" އާއި "ލޫކް ކޭޖް" ފަދަ ސީރީޒްގައި އުޅުނު ރޮސާރިއޯ ޑޯސަން އެވެ. އަދި އާސޯކާގެ ޓީޗަރުގެ ކެރެކްޓާ، އެނަކިން ސްކައިވޯކާގެ ރޯލަށް، ހޭޑަން ކްރިސްޓެންސަން އެނބުރި އައުމަށް ވަނީ ހަމަޖެހިފަ އެވެ.
"އާސޯކާ" ސީރީޒް ނެރެން ހަމަޖެހިފައި ވަނީ މި އަހަރުގެ އޯގަސްޓު މަހު އެވެ.