އިންޑޮނީޝިޔާގެ ފުޓްބޯޅަ ލީގްގައި ރޭ ކުޅުނު ފޯރިގަދަ މެޗަށް ފަހު ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި، ފިތި ބާރުވުމުގެ ސަބަބުން މަދުވެގެން 174 މީހަކު މަރުވެ އިތުރު އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

އިންޑޮނީޝިޔާ ލީގްގައި، އެ ގައުމުގެ އެންމެ ވަރުގަދަ ދެ ކްލަބު ރޭ ވާދަކުރި މެޗަށް ފަހު، ހަމަނުޖެހުން އުފެދުނީ، މެޗުން ބަލިވި އަރޭމާ އެފްސީގެ ސަޕޯޓަރުން ދަނޑުގެ ވިނަގަނޑު މައްޗަށް ފޭބުމުންނެވެ. ވިނަގަނޑު މައްޗަށް ފޭބި ސަޕޯޓަރުން، މޮޅުވި ޕެރްސެބާޔާ ސޫރްބާޔާ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހަމަލާ ދޭން މަސައްކަތް ކުރުމުން، ފުލުހުން ދަނޑަށް އަރައި ގަރުނަގޭސް ޖަހަން ފެށި އެވެ.

އެއާ އެކު، ދަނޑަށް އެރި ސަޕޯޓަރުންތައް، ފުލުހުންގެ އަތްދަށު ނުވެ ސަލާމަތް ވާންވެގެން، ސްޓޭޑިއަމްގެ ގޭޓާ ދިމާލަށް ދުވަން ފެށި އެވެ. މީހުންތައް ގޭޓް ކައިރިއަށް ތޮއްޖެހި ފިތި ބާރުވެފައި ވަނިކޮށް، އެއް ބަޔަކު ބިންމައްޗަށް ވެއްޓުމުން، އަނެއް ބަޔަކު އެމީހުންގެ ގައިމަތިން ދުވެފައި ދިއުމުގެ ސަބަބުން، ގޭޓް ކައިރީގައި ވެސް 34 މީހަކު މަރުވި އެވެ.

އިންޑޮނީޝިޔާ ފުލުހުން ބުނި ގޮތުގައި ގިނަ މީހުން މަރުވީ، ސްޓޭޑިއަމުން ނުކުންނަން އުޅުމުގެ ތެރޭގައި ފިތި ބާރުވުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގަ އާއި ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. އޭގެ އިތުރުން 100 އަށް ވުރެ ގިނަ މީހުންނަށް މިހާރު ވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 11 މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.

މެޗުން ބަލިވި ޓީމުގެ ސަޕޯޓަރުންގެ ތެރެއިން 3000 އަށް ވުރެ ގިނަ މީހުން ދަނޑަށް އެރި ކަމަށް ފުލުހުން ބުންޏެވެ. ސްޓޭޑިއަމް ތެރޭގައި ހަމަނުޖެހުން ހިންގުމުގެ އިތުރުން، ސްޓޭޑިއަމުން ބޭރަށް ނުކުމެ ވެސް، ބައެއް މީހުން ހަމަނުޖެހުން ހިންގައި، ފުލުހުންގެ އުޅަނދުތަކަށް ގެއްލުންދީ ހުޅުޖެހި އެވެ. އަދި ހަމަނުޖެހުން ހިންގި ސަޕޯޓަރުން ދިން ހަމަލާތަކުގެ ސަބަބުން ފުލުހުންގެ ދެ މީހަކު ވެސް މަރުވި އެވެ.

މި ހާދިސާ އަށް ފަހު ފުލުހުން ބުނި ގޮތުގައި 38000 މީހުންގެ ޖާގައިގެ އެ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗް ބަލަން، އެ ތަނުގެ ޖާގައަށް ވުރެ 4000 މީހުން އިތުރަށް ވަދެ ތިއްބެވެ.