ސްރީ ލަންކާއިން ރާއްޖެއަށް ފުރަން ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ދިވެއްސެއްގެ ލަގެޖުން ހަތިޔާރެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ހައްޔަރުކޮށްފި އެވެ.
ލަންކާގެ ބައެއް ނޫސްތަކުން ބުނީ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ފުރަން ދިޔަ 58 އަހަރުގެ ދިވެއްސެއް ކަމަށެވެ.
ލަންކާގެ ނޫސްތަކުން އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި ރިވޯލްވާއެއް ކަމަށް ބެލެވޭ އެތި ފެނުނީ ލަގެޖް ފާސްކުރުމުގެ ތެރޭގަ އެވެ. ލަންކާ ފުލުހުން މައްސަލަ ތަހުގީގުކުރަމުން އަންނައިރު، މިކަމާ ބެހޭ އިތުރު ތަފްސީލެއް އަދި ނުދެ އެވެ.
ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހާ އަތުން ފެނުނީ ރިވޯލްވާއެއް ގޮތަށް އޮންނަ ލައިޓަރެކެވެ.
މިކަމާ ބެހޭ ގޮތުން ރާއްޖޭގެ އެއްވެސް އިދާރާއަކުން އަދި ވާހަކައެއް ނުދައްކަ އެވެ.