ކޮލަމްބޯ (އެޕްރީލް 17) - ސްރީ ލަންކާގެ ކުރީގެ ސްޕޯޓްސް މިނިސްޓަރު މަހިންދަނާންދާ އަލުތުގަމަގެ ހައްޔަރުކޮށްފި އެވެ.
ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި އަލުތުގަމަގެ ހައްޔަރުކުރީ ސަރުކާރުގެ ފައިސާ އިން 39 މިލިއަން ރުޕީސް (260،000 ޑޮލަރު) ނާޖާއިޒް ގޮތުގައި ބޭނުން ކުރިކަމުގެ ތުހުމަތުގަ އެވެ. އެ ފައިސާ ބޭނުންކޮށްފައި ވަނީ 14،000 ކެރަމް ބޯޑު ގަތުމަށެވެ. ފުލުހުން ބުނެފައި ވަނީ އެ ބޯޑުތައް ޕާޓީގެ މެންބަރުންނަށް ބަހާފައި ވަނީ 2015 ވަނަ އަހަރުގެ އިންތިޚާބުގައި ރާޖަޕަކްސާ އަށް ތާއީދު ހޯދަން ކަމަށެވެ.
އަލުތުގަމަގެ އަކީ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ ރާޖަޕަކްސާ އަށް ތާއިދުކުރާ ފެކްޝަންގެ މެމްބަރެކެވެ. އަލުތުގަމަގެ ހައްޔަރު ކުރުމާ ގުޅިގެން އެ ފެކްޝަނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެސްއެލްއެފްޕީގެ ކޮންޓްރޯލް އޮންނަނީ ރާޖަޕަކްސާ ފެކްޝަނަށެވެ. ނަމަވެސް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ މައްޗަށް ދާދި ފަހުން ނެގި އިތުބާރު ނެތްކަމުގެ ވޯޓުގައި ދެ ފެކްޝަން ވަނީ އެއްބައިވެފަ އެވެ. ރަނިލްއާ ދެކޮޅަށް އެސްއެލްއެފްޕީގެ 13 މެންބަރުން ވޯޓު ދިނެވެ. އަދި ރަނިލްއާ ދެކޮޅަށް ވޯޓު ދިން އެސްއެލްއެފްޕީގެ ހަ މިނިސްޓަރަކު މިދިޔަ ހަފުތާގައި ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ސްރީ ލަންކާގައި ފެބްރުއަރީ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ލިބުނު ކާމިޔާބީއާ ގުޅިގެން ސިރިސޭނާ އާއި ރަނިލްގެ ޕާޓީގެ މެދުގައި ވަނީ ވަރަށް ބޮޑަށް މައްސަލަތައް ޖެހިފަ އެވެ. މައްސަލަތައް ހައްލު ކުރުމަށް ވަގުތު ހޯދުމުގެ ގޮތުން ސިރިސޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މެއި މަހު 8 ވަނަ ދުވަހާ ހަމައަށް ޕާލަމެންޓް ސަސްޕެންޑްކޮށްފަ އެވެ.
ސިރިސޭނާ ދާދި ފަހުން ވަނީ ރަނިލްގެ ބާރުތައް ކުޑަ ކުރައްވާ އިގްތިސާދީ ކަންކަން ބެލެހެއްޓުން ރަނިލްގެ އަތްޕުޅުން ނަންގަވައިފަ އެވެ. ކޮމަންވެލްތު ސަމިޓުން ވަޑައިގެން ލަންކާގެ ކެބިނެޓަށް ސިރިސޭނާ ބަދަލުތަކެއް ގެންނަވާނެ ކަމަށް ބެލެވެ އެވެ.