ހުޅުމާލޭގައި ހަދަމުން އަންނަ ރެޑްބުލް ޕާކްގެ މަސައްކަތް ނިންމައި އަންނަ އޮކްޓޯބަރު މަހު ހުޅުވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނެފި އެވެ.
ޒުވާނުންނަށް އެއް ތަނެއްގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭ ގޮތަށް ތަރައްގީކުރަމުން އަންނަ ޕާކުގައި ސްކޭޓް ބޯޑިން އޭރިއާއަކާއި ފުޓްސަލް ދަނޑަކާއި ބައެއް އެހެނިހެން ކުޅިވަރުތަައް ކުޅެވޭނެ ކޯޓުތައް ހަދާނެ އެވެ. އަދި ތަފާތު ކުޅިވަރު ހަފްލާތައް ބޭއްވޭނެ އިންތިޒާމު ވެސް އެތަނުގައި ހަމަޖެއްސޭނެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ޒުވާނުން ކުޅިވަރު ކުޅޭނެ ސަރަހައްދުތަކެއް ތަރައްގީކުރުމަކީ އެޗްޑީސީގެ އަމާޒެއް ކަމަށާއި ޔޫތު ޕާކަކީ ރެޑްބުލްއާ އެކު ކުރާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް އައިއިރު، ޕާކް ނުނިމި އޮތީ ސްކޭޓް ބޯޑިން އޭރިއާއަށް ބައެއް ކަހަލަ ބަދަލުތައް ގެންނާތީ އެވެ. އެ ތަން ހަދަނީ ބައިނަލްއަގުވާމީ ފެންވަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޓެކްނިކަލް ކަމެއް ދިމާވެގެން ލަސްވީ، އެއީ އިންޓަނޭޝަނަލް ބޮޑެތި އިވެންޓްތައް ބޭއްވޭ ގޮތަށް ސްކޭޓް ބޯޑިން އޭރިއާ ހަދަން ޖެހުމުން، ރާއްޖޭގައި ވެސް މުޅިން އާ ކަމެއް ވީމަ،" ސައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނެއިބާހުޑް ދޭއްގެ ޗައިނާ ފްލެޓްތައް ކައިރީގައި ތަރައްގީ ކުރަމުން އަންނަ ޕާކްގެ މަސައްކަތް ވަރަށް ހަލުވިކަމާ އެކު ކުރިއަަށް ދާ ކަމަށެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާ ގިނަ ތަންތަނުން ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވާނެ ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ. އަދި ދާދި އަވަހަށް މިނީ މޯލް އާއި ސުޕާ މާކެޓާއި ސިނަމާއެއް ވެސް ހުޅުމާލޭގައި ހުޅުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހުޅުމާލޭގައި މިހާރު ވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށް އެބަ ގެންދެ އެވެ. އޭގެ ތެރޭގައި 90 މިލިއަން ޑޮލަރުގެ ޓްރީ ޓޮޕް ހޮސްޕިޓަލްގެ މަސައްކަތާއި ފްލެޓް އަޅަން އެކި ކުންފުނިތަކުން ހިންގާ މަޝްރޫއުތައް ހިމެނެ އެވެ.