މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުން ހިންގާ ހުރިހާ ބަނދަރުތައް، އުރީދޫގެ ލީޒްޑް ލައިނާއި ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) މެދުވެރިކޮށް ގުޅުވައިދިނުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އެމްޕީއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރީ އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް އާއި އުރީދޫ ސީއީއޯ ނަޖީބް ހާން އެވެެ

ހަލީމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ލީޒްޑް ލައިނާއި ވީޕީއެންގެ އިތުރުން އެ ކުންފުނިން ބަހުގެ ހިދުމަތް ފޯރުކޮށްދޭ ސަރަހައްދު ތަކުގައި ބަސް ޓްރެކް ކުރެވޭނެ ގޮތް ހަދާނެ ކަމަށެވެ. އަދި މީގެ އިތުރުން ވެސް ގިނަ ކަންކަން ކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެންގެ ރީޖަނަލް ޕޯޓްތަކާ ހެޑް އޮފީހާ ގުޅާލެވޭނެ. އެއާއެކު މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބި، ކަސްޓަމަރުންނަށް ފަސޭހަތައް ލިބިގެން ދާނެ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެއްބަަސްވުމަކީ އެ ކުންފުނީގެ ހިދުމަތް ބޭނުންކުރާ ނިސްބަތަކުން ފީ ނަގާ ގޮތަށް އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ.

"ސީދާ ވަކި އަގެއް ކަނޑައެޅިގެންނެއް ނޫން. ހިދުމަތް ހޯދާ މިންވަރަކަށް ބަލާނީ،" ހަލީމް ވިދާޅުވި އެވެ.

އުރީދޫ އާއި އެމްޕީއެލް އިން އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ބަދަލުކުރަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
އުރީދޫ އާއި އެމްޕީއެލް އިން އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ބަދަލުކުރަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އުރީދޫގެ ސީއީއޯ ނަޖީބް ވިދާޅުވީ އެ އެގްރީމަންޓްގެ ދަށުން އެމްޕީއެލް އިން ހިދުމަތް ހޯދާ ފަރާތްތަކަށް އުރީދޫގެ މޯބައިލް މަނީ ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި އެމްޕީއެލްގެ ހިދުމަތްތައް ކަސްޓަމަރުންނަށް ވީހާވެސް ފަސޭހައިން ލިބޭނެ ގޮތް ހަދަން ހަމަޖެހިފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޕީއެލް ފަދަ ކުރި އަރަމުން އަންނަ ބޮޑު ކުންފުންޏަކާ ގުޅިގެން މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް،" ނަޖީބް ވިދާޅުވި އެވެ.

އުރީދޫގެ ޑައިރެކްޓާ ފޯ ސޭލްސް އެންޑް ޑިސްޓްރިބިއުޝަން ހުސައިން ނިޔާޒް ވިދާޅުވީ އެ އެއްބަސްވުމަކީ، ވިޔަފާރީގެ ފައިދާ އަށް ވުރެ ބޮޑަށް ކަސްޓަމަރުންނަށް ފައިދާ ކުރާ ގޮތަށް އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން އެމްޕީއެލްގެ ޓެކްނިކަލް ސްޓާފުންނާ އުރީދޫގެ ސްޓާފުން ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.