ބާސެލޯނާ (ސެޕްޓަމްބަރު 21) - އެފްސީ ބާސެލޯނާގައި އޮތް ސްކޮޑަށް ބަލާއިރު ޓީމުން ދެއްކި ކުޅުން ގޯސް ނޫން ކަމަށް އެ ކްލަބުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

ގްރަނާޑާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ބަލިވާން ދަނިކޮށް ސަލާމަތްވީ އެންމެ ފަހު މިނިޓުގައި ޖެހި ލަނޑުންނެވެ.

މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ދެ ވަނަ މިނިޓުގައި ގްރަނާޑާ އިން ލީޑު ނެގި އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޑޮމިންގޯސް ޑުއާޓް އެވެ. މެޗުގެ އެންމެ ފަހު މިނިޓްގައި ބާސާ އަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖެހީ ރޮނަލްޑް އަރައުހޯ އެވެ.

ފަހު ދެ މެޗުން ބާސާ އަށް މޮޅު ނުވެވުމުން ކޯޗިު ރޮނާލްޑް ކޫމަން އަށް ވަނީ ޕްރެޝަރު ކުރިމަތިވެފަ އެވެ. މެޗަށް ފަހު ކޫމަން ބުނީ ބާސާގައި މިހާރު އޮތީ އަށް އަހަރު ކުރިން އޮތް ސްކޮޑް ނޫން ކަމަށެވެ.

"ބަލާ މިރޭގެ މެޗުގައި ބާސެލޯނާގެ ޓީމު ލިސްޓަށް. އަހަރެމެންގެ އޮތް ފެންވަރުން އަހަރެމެން މި ދަނީ މަސައްކަތް ކުރަމުން. ޓިކީޓަކާ ދުވަސްވަރުގެ ކުޅުންތެރިންނެއް އަހަރެމެންގެ ޓީމުގައި މިހާރަކު ނެތް. އަހަރެމެން ޖެހޭނެ އަހަރެމެންގެ އަމިއްލަ ސްޓައިލަކަށް މިހާރު ކުޅެން."

ކޫމަން ބުނީ އަންސޫ ފާޓީ އާއި އުސްމާން ޑެމްބެލޭ ޓީމުގައި ތިބި ނަމަ އެޓޭކުގައި ގިނަ ފުރުސަތުތަކެއް ބާސާ އަށް ބޭނުން ކުރެވޭނެ ކަމަށެވެ. އެ ދެ ކުޅުންތެރިން ވެސް ތިބީ އަނިޔާގަ އެވެ.

"އަހަންނަށް ހީވަނީ އަހަރެމެންގެ އޮތް ސްކޮޑާ ބަލާފައި އަހަރެމެން މަސައްކަތް ކުރިހެން. މިއީ އަހަރެމެންނަށް މޮޅު ވޭވަރުގެ މެޗެއް. އަހަރެމެން ކުޅުނީ 4-3-3 ސިސްޓަމަށް. ދެން ބެންޗުގައި ތިބި ކުޅުންތެރިންނަށް ބަލައިގެން އަހަރެން ބަދަލު ގެނައިން،" ކޫމަން ބުންޏެވެ.

"މިއީ، އަށް އަހަރު ކުރިން އޮތް ބާސެލޯނާއެއް ނޫން. މިއީ މި ޓީމު މިހާރު އޮތްގޮތް."

ބާސާ އޮތީ ތާވަލުގެ ހަތް ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑާ ބާސާއާ ދެމެދު ހަތަރު ޕޮއިންޓް ފަރަގު އެބަހުއްޓެވެ.