ޕަނާޖީ، ގޯއާ (ސެޕްޓެމްބަރު 28) - އިންޑިއާ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ މުހިއްމު ގައުމަކަށް ހަދަން ފީފާ އިން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، އިންޑިއާ އޮތީ އެ މަސައްކަތުގައި އަތުކުރި އޮޅާލާފައި ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޕްރަފުލް ޕަޓޭލް ވިދާޅުވެއްޖެ އެވެ.

އިންޑިއާއަކީ ކްރިކެޓަށް މަރުދޭ އަދި ކްރިކެޓުގައި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ގައުމެވެ. އެކަމަކު އިންޑިއާގައި ފަދަ އާބާދީ ބޮޑު ގައުމެއްގައި ފުޓްބޯޅަ މާކެޓްކުރެވިއްޖެ ނަމަ މާލީ ގޮތުން ބޮޑު ފައިދާއެއް ވާނެތީ ފީފާ އިން އަންނަނީ އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

އަންނަ އަހަރުގެ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު އިންޑިއާ އަށް ދީފައިވާއިރު އެ ގައުމުން މިހާރު އަންނަނީ އޭއެފްސީގެ 16 އަހަރުން ދަށުގެ މުބާރާތް ހޯސްޓްކުރަމުންނެވެ.

"އަހަރެން ފީފާއާ ވާހަކަދައްކައިފިން 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ބޭއްވުމާ ބެހޭގޮތުން ވެސް. އަންނަ އަހަރުގެ މުބާރާތަށް ފަހު އަހަރެމެން މަސައްކަތް ހުއްޓާލައިގެން ނުވާނެ،" އިންޑިއާގައި އިއްޔެ ބޭއްވި އޭއެފްސީ ކޮންގްރެސްގެ ހަވާސާގެ ތެރެއިން ޕަޓޭލް ވިދާޅުވި އެވެ. "ފީފާ އިން އަންނަނީ އަހަރެމެންގެ މަސައްކަތްތައް ވަރަށް ގާތުން ބަލަމުން. ފީފާ އިން ބޭނުންވޭ އިންޑިއާ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި ހަބަކަށް ހަދަން."

އިންޑިއާގައި ފުޓްބޯޅައިގެ ސުޕަ ލީގެއް ތައާރަފްކޮށް ދުނިޔޭގެ މަޝްހޫރު ކޯޗުންނާއި ކުޅުންތެރިން ގެނެސްފައިވާއިރު އެ މުބާރާތަށް އިންޑިއާގެ ޒުވާނުންނާއި މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ވަނީ ލިބިފަ އެވެ.

"ފުޓްބޯޅަ ކުރިއެރުވުމުގެ މަގުގައި އިންޑިއާ އިން އަންނަނީ ވަރަށް ގިނަ މަސައްކަތް ކުރަމުން. ގްރާސްރޫޓް ކުރިއަރުވަން އަހަރެމެން ކުރާ މަސައްކަތަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ތައުރީފް ލިބޭ،" ޕަޓޭލް ވިދާޅުވި އެވެ.

އޭއެފްސީގެ ނައިބް ރައީސްގެ މަގާމް ވެސް ފުރުއްވާ ޕަޓޭލް ވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕާ އެކު އިންޑިއާގައި ފުޓްބޯޅައާ މެދު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވާނެކަން ފާހަގަކުރައްވައިފަ އެވެ. އަދި އޭނާ ވަނީ އިންޑިއާގައި ފުޓްބޯޅައަށް އޮތް ލޯތްބާއި ގެންނަ ކުރިއެރުން ފާހަގަކުރައްވައި އިތުރު އެހީތައް ދެއްވާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވާތީ އެކަމަށް ޝުކުރުއަދާކުރައްވައިފަ އެވެ.

"އިންޑިއާގައި އޭއެފްސީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަކީ ވެސް އިންޑިއާއަކީ ފުޓްބޯޅައިގެ މުހިއްމު ގައުމެއްކަން ސާބިތުވާކަމެއް. އިންޑިއާއަށް ދެމުން އަންނަ ސަމާލުކަމަށް އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާނަށް ވެސް ޝުކުރުއަދާކުރަން،" ޕަޓޭލް ވިދާޅުވި އެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުކަމާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަންކޮށްފައިވާ، މަޝްހޫރު ވިޔަފާރިވެރިޔާ ޕަޓޭލް 2012 ވަނަ އަހަރު އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނާ ހަވާލުވެ ބޮޑެތި ބަދަލުތަކެއް އަންނަނީ ގެންނަވަމުންނެވެ.