ލަންޑަން (އޮގަސްޓް 5) - އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ މެޗުގައި ލިވަޕޫލް އަތުން ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވެ މެންޗެސްޓާ ސިޓީން އެފްއޭ ޗެރިޓީ ޝީލްޑް އުފުލާލައިފި އެވެ.

މިއީ ސިޓީން ޖެހިޖެހިގެން ދެ އަހަރު ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ސިޓީން ޝީލްޑް މެޗު ކާމިޔާބުކުރީ ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ. ސިޓީން ވަނީ މިހާތަނަށް ހަ ފަހަރަށް ޝީލްޑް މެޗުން މޮޅުވެފަ އެވެ.

މިދިޔަ ސީޒަނުގައި ސިޓީން ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރުމުން ލީގުގެ ރަނަރަޕްގެ ހައިސިއްޔަތުން ޝީލްޑް މެޗުގައި ކުޅުމުގެ ފުރުސަތު ލިބުނީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިވަޕޫލަށެވެ. ސިޓީއާ އެންމެ ގާތުން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގަށް ވާދަކުރި ލިވަޕޫލްގެ މައްޗަށް މޮޅުވުމަކީ އާ ސީޒަނާ ކުރިމަތިލާއިރު އެ ޓީމަށް އޮތް ހިތްހަމަޖެހުމެއް ކަމަށް ގާޑިއޯލާ ގަބޫލުކުރެ އެވެ.

"ލީގަށް މި ފަހަރު ވެސް ވާދަކުރާނެ ވަރުގަދަ ދެ ޓީމަކަށް ގިނަ ބަޔަކު އެއްބަސްވަނީ ލިވަޕޫލާއި އަހަރެމެން (ސިޓީ). އެ ފަދަ ޓީމެއް އަތުން ސީޒަން ހުޅުވުމުގެ މެޗުން މޮޅުވުމަކީ އަހަރެމެންގެ އިތުބާރަށް ރަނގަޅުކަމެއް،" ގާޑިއޯލާ ބުންޏެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ލީޑުނަގަން ލިވަޕޫލްގެ ސަލާހަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. ސިޓީ އަށް މެޗުގެ ކުރީކޮޅުގައި ދިމާވި މައްސަލަ އަކީ އަނިޔާވެގެން ލެރޯއި ސާނޭ ބަދަލުކުރަން ޖެހުމެވެ. ސާނޭ ފަރުވާ ހޯދަން ދަނޑުން ބާލާފައި ވަނިކޮށް ހިލޭ ޖެހުމެއްގައި އޭރިއާ ތެރެއިން ލިބުނު ބޯޅަ އަކުން ސިޓީ އަށް ލީޑުނަގައިދިނީ ރަހީމް ސްޓާލިން އެވެ.

މި މެޗުގައި ނަތީޖާ ހަމަހަމަަކުރަން ލިވަޕޫލްގެ މުހައްމަދު ސަލާހު ޖެހި ދެ ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހުނުއިރު، ވާޖިލް ވެން ޑައިކް ފޮނުވާލި ހަމަލާ އަމާޒުވީ ހުރަސްދަނޑިއަށެވެ. އެއްވަރުކުރަން ލިވަޕޫލުން ކުރި މަސައްކަތް ކާމިޔާބުކޮށްދިނީ މެޗުގެ 77 ވަނަ މިނިޓްގައި ޖޮއެލް މަޓިޕް އެވެ. ވެން ޑައިކް ދިން ބޯޅަ މަޓިޕް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ލިވަޕޫލް މޮޅުކޮށްދޭން ސަލާހު ޖެހި ބޯޅައެއް ގޯލު ރޮނގުމަތިން ކައިލް ވޯކާ ސަލާމަތްކޮށްދިންއިރު، ލިވަޕޫލްގެ ނަބީ ކެއިޓާ ޖެހި ބޯޅަ ސިޓީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހީ ޕެނަލްޓީ އެވެ.

ސިޓީން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު، އެ ޓީމުގެ ޕެނަލްޓީތައް ޖެހީ ބެނާޑޯ ސިލްވާ، އޮލެކްސަންޑަ ޒިންޗެންކޯ، އިލްކާއި ގުންޑޮގާން، ފިލް ފޯޑެން އަދި ގަބްރިއެލް ޖީސޫސް އެވެ. ލިވަޕޫލަށް ނާކާމިޔާބުވީ ޖިއޮޖީނިއޯ ވައިނަލްޑަމް ޖެހި ޕެނަލްޓީ އެވެ. ލިވަޕޫލުން ޕެނަލްޓީ ކާމިޔާބުކުރީ އެޑަމް ލަލާނާ، އޮކްސްލޭޑް ޗަމްބަލެއިން، ޒެރްޑަން ޝަގީރީ އަދި މުހައްމަދު ސަލާހު އެވެ.

ރޭގެ މެޗުގައި ސިޓީގެ ސާޖިއޯ އަގުއޭރޯ، ގޯލްކީޕަރު އެޑަސަން، ރިޔާދު މާރޭޒް، އައިމެރިކް ލަޕޯޓް އަދި ފެނާންޑީނިއޯ ނުކުޅެ އެވެ. އަނެއްކޮޅުން ލިވަޕޫލްގެ ޖޭމްސް މިލްނާ އާއި ސަޑިއޯ މާނޭ ވެސް ނުކުޅެ އެވެ.